ނަވާޒު ޝަރީފު ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ކޯޓުން ދީފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން ބޭސްފަރުވާއަށް އޭނާ ލަންޑަނަށް ވަޑައިގަތުމުގެ ހުއްދަ ލާހޯރު ހައިކޯޓުން  ދީފިއެވެ. ނަވާޒު ޝަރީފުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ފަހު 4 ހަފުތާގެ މުއްދަތަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ކޯޓުން ވަނީ ނިންމާފައެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅީ، ގައުމުން ބޭރަށް ފުރުން މަނާކޮށްފައިވާ މީހުންގެ ލިސްޓުން ނަވާޒު ޝަރީފުގެ ނަންފުޅު އުނިކުރެވޭނީ  ނަވާޒު ޝަރީފު ފިއްލަވައިފިނަމަ ސަރުކާރަށް ގެއްލިގެން ހިނގައިދާނޭ ކަމަށް ބެލެވޭ ފައިސާގެ ބަދަލެއްގެ ގޮތުގައި 7 ބިލިއަން ރުޕީސް (44.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ބޮންޑެއް ބެހެއްޓުމުން ކަމަށް ސަރުކާރުން ޝަރުޠުކުރުމުން އެ ޝަރުޠު އުވާލުމަށް އެދިއެވެ.

ފަނޑިޔާރު ބާޤަރް ނަޖްފީގެ ރިޔާސަތުގައި ބޭއްވި އަޑުއެހުމަށް ފަހު ކޯޓުން އަމުރުކޮށްފައި ވަނީ އެއްވެސް ބޮންޑެއް ބެހެއްޓެވުމަކާ ނުލައި ފުރާވަޑައިގަތުމުގެ ހުއްދަ ނަވާޒު ޝަރީފުއަށް ދިނުމަށެވެ. އަދި ނަވާޒު ޝަރީފުގެ ޑޮކްޓަރު އެދިއްޖެ ހާލަތެއްގައި 4 ހަފުތާއަށް ވުރެ މުއްދަތު އިތުރުވެސް ކޮށް ދިނުމަށެވެ. އަދި ނަވާޒު ޝަރީފުގެ މެޑިކަލް ރިޕޯޓުތައް ލަންޑަނުގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަން މެދުވެރިކޮށް ގަވާއިދުން ލާހޯރު ހައިކޯޓަށް ފޮނުވަމުން ގެންދިއުމަށް، 6 ގަޑިއިރަށް ދެމިގެން ދިޔަ އަޑުއެހުމަށް ފަހު އެ ކޯޓުން ކުރި އަމަރުގައ އަންގާފައި ވެއެވެ.

 މާދަމާގެ ވަގުތެއްގައި އެއާ އެމްބިއުލާންސް މަތިންދާބޯތެއްގައި ނަވާޒު ޝަރީފު ލަންޑަނަށް ފުރާވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީ ޕާކިސްތާނު މުސްލިމް ލީގް-ނަވާޒު ގެ ރައީސުކަންވެސް ކުރައްވާ ނަވާޒު ޝަރީފުވަނީ ކޯޓުގެ ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ.

ލާހޯރުގެ ހައިކޯޓުގެ އަމުރަށް ފަހު ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ އެޓާނީ ޖެނެރަލް އަންވަރު މަސްއޫދު ޚާން ވިދާޅުވީ ކޯޓުގެ އަމުރަކީ ވަގުތި އަމުރެއް ކަމަށާއި، އެ ނިންމެމަކީ އެނެމެ ފަހުގެ ނިންމުން ކަމަށެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ، ލާހޯރު ހައިކޯޓުގެ އަމުރާ އެއްގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށެވެ.

ނަވާޒު ޝަރީފު ގެންދަވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.