ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮންގޮއްވަން ކުރީގެ ނާއިބު ރައީސް އުޅުއްވި ކަމަށް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ޢާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެމަޢުލޫމާތު ޙިއްސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްގާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ނާޒިމެވެ.
އޭނާ ވިދާޅުވެފައިވަނީ އަޙުމަދު އަދީބު އޭރު ބޭނުންވީ ކޮންމެ ގޮތެއް ހައްދަވައިގެން ވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެވޭނެ ހުރިހާ ދޮރެއް ބަންދު ކުރަކަމަށެވެ. އެއީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ބުނެ އެކަމުގައި އުޅުނު އެންމެނާމެދު ރައީސް ނަޝީދު ވެރިކަމަށް އަލުން ވަޑައިގެން ފިޔަވަޅު އަޅުއްވައި އަދަބު ދެއްވާނެ ކަމުގެ ބިރު އޮތުމުން ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ. އެކަމަށްޓަކައި ކޮންމެފަދަ ކަމެއް ކުރައްވަން ވެސް އަދީބު އޭރު ހުންނެވީ ތައްޔާރަށް ކަމަށް އެރިޕޯޓުގައިވަނީ ބުނެފައެވެ.
"ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމުގެ ވާހަކައަކީ އަބަދު ވެސްދެކެވޭ ވާހަކައެކެވެ. މިކަމުގެ ތެރޭގައި އަދީބު ބޮންހަދާ ހިސާބަޔަށް ވެސް ދިޔައެވެ. އެއީ ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ އެތެރޭގައި ބޮމެއް ގޮއްވާލައިގެންނެވެ. މިކަން އެނގިގެން ކާނަލް ނާޒީމް ސީދާ ފުލުހުންނަށް އެ މަޢުލޫމާތު ޙިއްސާކުރިއެވެ. އަދި ރައީސް ނަޝީދަށް ވެސް އެކަހަލަ ތުރެޓެއް އޮތްކަމަށް ކާނަލް ނާޒިމް )އޭރުގެ ޑިފެންސް މިނިސްޓަރ) ވަނީ ރައީސް ނަޝީދަށް އަންގަވާފައެވެ." ނާޒީމާ ޙަވާލާ ދެއްވައި ރިޕޯޓުގައި ބުނެފައެވެ.
އަޙުމަދު ނާޒިމް މިވާހަކަތައް ދެއްކެވިއިރު ޑރ. އަފްރާޝީމް ވަނީ އަވަހާރަކޮށްލައިފައެވެ. އެހެންނަމަވެސް އޭރު އަދީބު ހުންނެވީ ކޮންމެފަދަ ކަމެއް ކޮށްގެންވެސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ތައްޔާރަށް ކަމަށް ނާޒިމްގެ ބަޔާނުގައި ވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލައިގެން، އެ ތުހުމަތު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވައި އިންތިޚާބުގައި ބައިވެރިނުވެވޭގޮތް ހެދުމަކީ ވެދާނެ ކަމެއްކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
އަދީބު ބޮންގޮއްވާ ވާހަކަ ދެއްކެވީ ރައީސް ޔާމީން އަރިހުގައި ނާޒިމް އިންނަވަނިކޮށް އެތަނަށް ވަޑައިގެން ކަމަށާއި އަދީބު ކުރައްވާ މިޒާތުގެ ކަންކަން ރައީސް ޔާމީނާ އަދީބު ހިއްސާކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު ވެސް ރައީސް ޔާމީން ފޯނަށް އެސްއެމްއެސްއެއް އައިކަމަށާއި އައިނު ނާޅުއްވައި ފެނިވަޑައި ނުގަންނަވާނެތި އެސްއެމްއެސް ބެއްލެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ނާޒިމް ވިދާޅުވިއެވެ. ބެއްލެވިއިރު އެއީ އަދީބުގެ އެސްއެމްއެއް ކަމަށާއި އޭގައި އޮތީ "މިޝަންއެކޮމްޕްލިޝް" ކަމަށެވެ. އެއީ ރާއްޖެ ޓީވީ ރޯކޮށްލި ވާހަކަކަން ފަހުން އެނގުނު ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.