ސިޔާސީ ޕާޓީއެއްގެ ބަޔަކު ޑރ. އަފްރާޝީމަށް ހަމަލާދޭން އުޅުމުން ޓީވީއެމްގެ މުވައްޒަފުން އެމަނިކުފާނު ގުދަނަކަށްލާ ފޮރުވި: ލީޒާ

ސިޔާސީ ޕާޓީއެއްގެ ބަޔަކު ޑރ އަފްރާޝީމަށް ހަމަލާދޭން އުޅުމުން، ފުލުހުނަށް އާދެވެންދެކަށް ޓީވީއެމް ގެ މުވައްޒަފުން އެމަނިކުފާނު ގުދަނަކަށްލައި ފޮރުވިކަމަށް އޭރު އެތަނުގައި މަސައްކަތްކުރި ނޫސްވެރިއެއްކަމަށް ޢާއިޝަތު ލީޒާ ވިދާޅުވެއްޖެއެވެ.

ލީޒާ މިކަން ހާމަކުރައްވައިފައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ލީޒާ ވިދާޅުވީ އެޙާދިސާ ހިނގީ އޭނާ ޑިއުޓީގައި ހުންނެވި ވަގުތެއްގައި ކަމަށެވެ. އެރޭ ޑރ އަފްރާޝީމް ވަޑައިގެންނެވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގަރާމަށްކަމަށް އޭނާ ހާމަކުރައްވައިފައި ވެއެވެ. އެޕްރޮގްރާމް ނިމުނު ގަޑިއަށް ސިޔާސީ ޕާޓީއެއްގެ ބަޔަކު ޓީވީއެމްގެ ގޭޓް ހަލާކުކޮށްލައިގެންނާއި ފާރުމަތިން އަރައިގެން ޓީވީއެމްގެ ތެރެއަށް ވަދެގަތީ ޑރ އަފްރާޝީމް އަތުޖައްސާ މަރާލަން ގޮވަމުން ކަމަށް ލީޒާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީއެއްގެ ބައެއްކަމެއް ލީޒާ ހާމަކޮށްފައެއް ނުވެއެވެ.

"ޓީވީއެމްގެ ސްޓާފުންތަކެއް އެމަނިކުފާނު ގެންގޮސް ގުދަނެއްގެ ތެރެއަށްލާ އެރޭވެސް ފޮރުވީ، ފުލުހުން އަންނަންދެން" ލީޒާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ޑރ އަފްރާޝީމަކީ އަވަހާރަކޮށްލެވުމުގެ ކުރިންވެސް ސިޔާސީ ގޮތުން އެތައް ހަމަލާއެއް ކުރިމަތިވި ބޭފުޅެއްކަން ލީޒާ ވަނީ ފާހަގަކުރައްވައިފައެވެ.

ލީޒާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އެހެން ކަންކަން ވެފައި ހުރުމުން އެއްވެސް ސިޔާސީ ޕާޓީއަކުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ވާހަކަ ދައްކަން ހަޤީޤަތުގައިވެސް ރީއްޗެއް ނޫންކަމަށެވެ. މިއަދު މިއޮތް ހާލަތަށް ހުރިހާ ކަމެއް ގޮސްފައި ވަނީ ސިޔާސީ ޕާޓީތަކުން އެކަކު އަނެކަކާމެދު އުފެއްދި ނަފަރަތުގެ ސަބަބުން ކަމަށްވެސް ލީޒާ ފާހަގަކޮށްފައިވެއެވެ.

"ޑރ އަފްރާޝީމަށް ވެސް ދެވުނު ހިމާޔަތެއްވެސް ނެތް" ލީޒާގެ ޓްވިޓްގައި ވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތް ތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެން ކަމަށް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.