ރޮނާލްޑޯގެ ތިން ލަނޑާއެކު ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ރެއާލް މެޑްރިޑަށް

ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ސްޕޭނުގެ ރެއާލް މެޑްރިޑުން ހޯދައިފިއެވެ. ރެއާލް މެޑްރިޑް ތަށި ހޯދީ މިއަދު ހަވީރު ޖަޕާނުގައި ކުޅުނު ފައިނަލް މެޗުގައި ޖަޕާނުގެ ޖޭ ލީގްގެ ޗެމްޕިއަން ކަޝިމަ އެންޓްލަރސް 4 ލަނޑު 2 ލަނޑުން ބަލި ކޮށްފައެވެ. މި މެޗުގައި ރެއާލް ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަނެއް ލަނޑު ޖެހީ ބެންޒެމާއެވެ.

"ފީފާ ކްލަބް ވޯލްޑް ކަޕް 2016" ގެ ފައިނަލުގައި ރެއާލް ކުޅުނު މި މެޗަކީ ގިނަ މީހުން ހީ ކުރި ގޮތާ ޚިލާފު މެޗެކެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ރެއާލް މެޑްރިޑަށް މި މެޗުން ފަސޭހަ ކަމާއެކު މޮޅު ވެވޭނޭ ކަމަށެވެ. އެހެންނަމަވެސް ކަޝިމައިން މި މެޝުގައި ދެއްކި ހިތްވަރަކީ ތާރީފު ހައްގު ހިއްވަރެކެވެ. މެޗުގެ ވަގުތު ހަމަވީ އިރު ދެ ޓީމު އޮތީ 2 ލަނޑު ލަނޑުން އެއްވަރު ވެފައެވެ. މިއީ ހީކުރެވުނު ކަހަލަ ނަތީޖާއެއް ނޫނެވެ. ރެއާލް މެޑްރިޑުގެ ރޮނާލްޑޯ ދެ ލަނޑު ޖެހީ އިތުރު ވަގުތުގެ ކުޅުމުގައެވެ. އެއީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. އޭގެ ފަހުންވެސް ކަޝިމަ ވަނީ ވަރަށް ހިތްވަރާއެކު ކުޅެ ލަނޑު ޖަހާނެ ދެތިން ފުރުސްތުވެސް ހޯދާފައެވެ.

މިއީ ދުނިޔޭގެ ކްލަން ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދި ދެވަނަ ފަހަރެވެ. ފުރަތަމަ ތަށި ހޯދީ 2014 ވަނަ އަހަރުއެވެ. މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ ސްޕޭނުގެ ބާސެލޯނާއިންނެވެ. އެއީ ތިން ފަހަރުއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.