ގުދުރަތީ ވެށީގައި ވަގުތު ހޭދަކުރާނެ ފުރުސަތު ކުދީންނަށް ފަހިކޮށްދިނުން މުހިއްމު

ހަށިހެޔޮ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށްޓަކައި ފަށާ ތައުލީމުގެ މަރުހަލާގެ ކުދީންނަށް ހެލިފެލިވެ އުޅެވޭނޭ މަގު ފަހިކޮށްދޭން ޖެހެއެވެ. އުމުރުން ދެ އަހަރު ނުވަތަ ތިން އަހަރުގައި ކުދީން މަދްރަސާއަށް ފޮނުވަނީ މައިންބަފައިންގެ އުއްމީދާ އެއްގޮތަށް ކުއްޖާއަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށެވެ. ތައުލީމަކީ ދުޅަހެޔޮ މުސްތަގްބަލެއްގެ މުހިއްމު ބަހާއެކެވެ. ނަމަވެސް ތައުލީމަކީ ކިލާސްރޫމެއްގެ ހަތަރު ފާރުތެރޭގައި ކުދީން ބަންދުކޮށްގެން ފިލާވަޅުތަކެއް ބުނެދިނުން އެކަންޏެއް ނޫނެވެ.

ފަށާ ތައުލީމުގެ އުމުރުފުރާ އަކީ ކުދީންގެ ހެދިބޮޑުވުމަށް ވަރަށް މުހިއްމު ދުވަސްވަރެކެވެ. ކުދީންގެ ވިސްނުމާއި ފިކުރު ތަރައްގީ ކޮށް އެކިއެކި ހުނަރުތައް ތަރައްގީ ކުރާން އެންމެ ރަނގަޅު ދުވަސްވަރެވެ. އެހެންކަމުން ކިލާހުން ބޭރަށް ނެރެ ކުދީން އަމިއްލައަށް ކަންކަން ހޯދައިބަލައި، އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ، ކިލާހުން ބޭރު ވެށީން މައްސަލަ ހައްލުކުރުމާއި ދިމާވާ ކުދިކުދި ހިރާސްތަކުން ސަލާމަތްވާނެ ގޮތުގެ ހުނަރު ތަރައްގީވެ ކުދީންގެ ކިބައިގައި އަށަގަންނާނެއެވެ. މައްސަލަ ހައްލުކުރުމާއި، ވާހަކަ ދައްކައިގެން ކުރިމަތިވެދާނެ ކަމަކުން ސަލާމަތްވާނެ ގޮތް ހޯދުމަކީ ކުދީންގެ ތަރައްގީ އަސް ނުހަނު ބޭނުންތެރި ހުނަރުތަކެވެ.

މިހާރަކަށް އައިސް ބޭރުވެށީގައި ވަގުތު ހޭދަކުރަން ކުދީންނަށް ލިބޭ ފުރުސަތު ވަރަށް ހަނިވެއްޖެއެވެ. މުޖްތަމައުގައި ކުށް އިތުރުވުމާއި، ޓްރެފިކާއި އަދި ކުދީންގެ ރައްކާތެރިކަމާއި މައިންބަފައިންގެ ކަންބޮޑުވުމުގެ ސަބަބުން ބޭރުތެރޭގައި އުޅޭން ކުދީންނަށް ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ޒަމާނީ ވެށީން ކުދީން ވަގުތު ހޭދަކުރާނޭ ފެހި ޖާގަ އުނިވެއްޖެއެވެ. އޭގެ ސަބަބުން ގޭގައި ހޭދަކުރާ ވަގުތު ކުދީން ތިބެނީ ޒަމާނީ ޓެކްނޮލޮޖީއަށް އަޅުދާސް ވެފައެވެ. މި ސަބަބުތަކަށްޓަކައި ކުދީންނަށް އެފަދަ ވެށްޓެއް ހޯދައިދިނުމަށް އެންމެ އެކަށޭނޭ ތަނަކީ މަދްރަސާއެވެ. ގުދްރަތީ ވެށީގައި ވަގުތު ހޭދަކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަދްރަސާގެ ޒިއްމާއެކެވެ. މަދްރަސާގެ ހުސްބިމުގައި ނުވަތަ ކައިރީގައި އޮންނަ ޖާގައެއްގައި ކިލާސްރޫމް ހަރަކާތްތައް ކުރިއަށް ގެންދެވޭގޮތަށް ފިޅާވަޅުތައް ރޭވިދާނެއެވެ. މަންހަޖުގައި ހިމެނޭ ހިސާބާއި ސައިންސް އަދި ފަންނީ މާއްދާތައް ގުދުރަތީ ފެހި ޖާގައިގައި ކުރިއަށް ގެންދެވިދާނެއެވެ.

އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގައި ބޭރުވެށްޓަށް ކުދީން ނެރެ އުނގަންނައިދިނުމަށް ބާރު އެޅުމަށް ތަފާތު މަޝްރޫއުތައް ހިންގައެވެ. އެގޮތުން ތިމާވެށްޓާ ރައްޓެހި މަދްރަސާތައް ހިންގުމަށް ސަރުކާރުން ހޭދަކުރެއެވެ. އެ ގައުމުގައި ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ގުދްރަތީ ވެށީގައި ވަގުތު ހޭދަކުރާ ކުދީންގެ ކެރުންތެރިކަން އިތުރުވެ ނަފްސަށް ކުރާ އިތުބާރު ބޮޑެވެ. މި ދިރާސާގައި ބައިވެރިވި ކޮންމެ ފަސް ކުދީންގެ ތެރެިއިން އެއް ކުއްޖަކު ބުނިގޮތުގައި މިހާރު ގުދްރަތީ ވެށީގެ ހަރަކާތްތަކުގައި ބައިވެރިވުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވިއެވެ. އެ ގައުމުގެ ބާރަ ސަރަހައްދަކުން ކުދީން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެކި ކަހަލަ ގަސްގަހާގެހި ފާހަގަކޮށް ދެނެގަތުން ހިމެނެއެވެ. ދިރާސާގައި ބައިވެރިވި ގިނަ ކުދީން ބުނެފައިވަނީ ބޭރުތެރޭގައި ކުރެވުނު ތަޖުރިބާއިން މަދްރަސާގެ މަސައްކަތް ނިންމަން ފަސޭހަވިކަމަށެވެ. ދޭދޭ ގުޅުން ރަނގަޅުވެގެން ދިޔަކަމަށް ވެސް ގިނަ ކުދީން ގަބޫލުކުރެއެވެ. އެގޮތުން މުދައްރިސުންނާއި އަދި ކިލާހުގެ އެހެން ދަރިވަރުންނާއި އޮންނަ ގުޅުން ބަދަހިވެގެން ދިޔަކަމަށް އެކުދީން ބުންޏެވެ. އަދި ކިލާހުން ބޭރު ހަރަކާތުގައި ބައިވެރިވުމުން ކުރިން އަމިއްލައަށް ކުރިން ނުކުރެވޭ ކަންކަން ކުރުމުގެ ގާބިލުކަން ލިބުނު ކަމަށް ގިނަ ކުދީން އެއްބަސްވެއެވެ. 

ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކި ކުދީން ޝައުގެވެރިވާނީ އެކި ކަހަލަ ކަންކަމަށެވެ. އަދި ކަންކަން ކުރުމުގެ ގާބިލުކަން ހުންނާނީ ވެސް އެކި މިންވަރަށެވެ. އެހެންކަމުން ހަރަކާތްތައް ރާވާއިރު އެކަންކަމަށް ސަމާލުކަންދީ، މުދައްރިސުގެ އިރުޝާދުގެ ދަށުން ކުދީންގެ އިޚްތިޔާރަށް ކަންކަން ދޫކޮށްލެވޭ ގޮތަށް ރޭވުން މުހިއްމެވެ. އެކި ކަންކަމުގައި އެކި ކުދީން ބައިވެރިވާނީ އެކި މިންވަރަށެވެ. މަޖުބޫރުން ކަންކަން ކުރުވުމުގެ ބަދަލުގައި އެކުއްޖެއްގެ ގާބިލުކަން ތަންދޭ މިންވަރަކުން ކަންކަން ކުރުމުގެ އިޚްތިޔާރު އޮންނަންވާނެއެވެ. ގުދްރަތީ ވެށީގައި ވަގުތު ހޭދަކުރުމުން އަމިއްލައަށް އެތައް ކަމެއް ދަސްވާނެއެވެ. އަދި އެ ދަސްވާ އެއްޗެއް ގިނަ ދުވަހު ހަނދާނުގައި ހަރުލާފައި ހުންނަންވާނެއެެވެ. ބޭރު ވެށީގައި ވަގުތު ހޭދަކުރަން ފެށުމުން ތިމާވެށްޓަށް ޝައުގުވެރިވުމާއި ވަށައިގެންވާ ތަކެތީގެ އަގު ވަޒަން ކުރެވި އެތަކެއްޗަށް އަޅާލާ ލޯބިޖެހޭނެއެވެ. އަދި ސިކުނޑި ތާޒާވެ މީހާ ދުޅަހެޔޮވާނެއެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ޚިލާފަށް ރާއްޖެއަކީ ގުދްރަތީ އެތައް ވަސީލަތެއް ލިބިފައި އޮތް ގައުމެކެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގެ މަދްރަސީ ނިޒާމުގައި ވެސް ކުދީން ގެންގުޅެނީ ކިލާސްރޫމުގެ ހަތަރު ފާރުތެރޭގައި ކަމެވެ. ކިލާސްތެރޭގައި ހެލިފެލިވެ އުޅެވޭކަށް ނޯވެއެވެ. ސްކޫލް ގޯތި ތެރޭގައި ކުދީން ކުޅެލާނެ އެކަށީގެންވާ ޖާގައެއް ނޯވެއެވެ. ނަމަވެސް ފިލާވަޅުތައް ފަރުމާކުރާއިރު ކޮންމެ ދުވަހަކުވެސް ގުދްރަތީ ވެށީގައި ކޮންމެވެސް ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފިލާވަޅު ރޭވިދާނެއެވެ. ބޭރު ވެށްޓަށް ކުދިން ނެރުމުން ކުދީންގެ ތަފާތު ހުނަރުތައް ތަރައްގީވެއެވެ.

ގޭގައި ލިބޭ ހުސް ވަގުތު ކުދީން ހޭދަކުރަނީ ފޯނާއި ޓެބްލެޓާއި ޓީވީން ކޮންމެވެސް ކާޓޫނެއް ބަލާށެވެ. ނުވަތަ ގޭމު ކުޅޭށެވެ. މީގެ ސަބަބުން ކުދީންގެ ހެދިބޮޑުވުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެއެވެ. މަދްރަސާގައި ކުދީން ކުޅޭނެ އެކަށީގެންވާ ޖާގަ ނެތް ނަމަވެސް ކޮންމެ ދުވަހަކު ވެސް ގުދްރަތީ ވެށްޓަށް ކުދީން ނެރެ ވަގުތު ހޭދަކުރެވޭނޭ ފުރުސަތު ހޯދައި ދޭން ޖެހެއެވެ. ގުދްރަތީ، ފެހި ޖާގަ އިތުރުކޮށް އެތަންތަނަށް ކުދީން ނެރެ އެހެން ކުދީންނާ އެކު ކުޅެލާ މަޖާކޮށްލަން ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. ޓެކްނޮލިޖީއަށް އަށް އެކަނި ދޯޅުކުރުމުގެ އިތުރަށް ބަދަލުގައި، ހަތަރުފާރުން ބޭރަށް ކުދީން ނެރެ ހެލިފެލިވެ އުޅެވޭނޭ ޖީލެއް ބިނާކުރުން މުހިއްމެވެ. މިއީ ކުދީންގެ މުސްތަގްބަލަށްޓަކައި މިހާރުން މިހާރަށް ކުރަންވެއްޖެ ކަމެކެވެ. ގަސްގަހަށް އެރުމާއި، މޫދަށް ދިއުމާއި، ގަސް އިންދުމާއި، ގަހަށް ފެން ދިނުމާއި، އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަ ކުރަން ފުރުސަތު ހޯދައިދިނުމަކީ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ނޫނީ ނުވާނެއެވެ.

ގުދްރަތީ ވެށިން އުފާ ހާސިލުކުރުމުގެ ފުުރުސަތު ކުދީންނަށްވެސް ލިބިދޭން ޖެހެއެވެ. އާދަވެގެން ގުދްރަތީ ވެށީގައި އުޅުމުން ކަންކަމަށް ޝައުގުވެރި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އެހެން މީހުންނާ އޮންނަ ގުޅުން ރަނގަޅުވެ، އަމަލީ އެތައް ތަޖުރިބާއެއް ލިބެއެވެ. ހަމަ ނިދި ލިބުމާއި، ފެނުމާއި އިވުން ފަދަ ހިއްސީ ހުނަރު ތަރައްގީވެއެވެ. ގޭގައި އަބަދު އިންނަން ޖެހުމުން ސްޓްރެސްވެއެވެ. ބޭރުތެރެއަށް ނުކުމެ ދުވެ، ކުޅެ ހެދުމުން މޫޑު ރަނގަޅުވެ،ސްޓްރެސް އާ ދުރުވެއެވެ. އެހެން ކުދީންނާއެކު ވަގުތު ހޭދަކުރުމުން ގުޅިގެން އިޖްތިމާއި ހުނަރު ތަރައްގީވެއެވެ. މީގެ އިތުރަށް މީހުންނާ ވާހަކަ ދައްކާ މުއާމަލާތް ކުރުމުން ކަންކަމަށް ސަމާލުކަން ދޭ ވަގުތު އިތުރުވެއެވެ. އަދި ޖިސްމާނީ ގޮތުން ކުއްޖާ ފުރިހަމައަށް ތަރައްގީ ވުމުގެ ފުރުސަތު އިތުރުވެއެވެ. މިއީ ދުޅަހެޔޮ މުޖަތަމައަކަށް މުހިއްމު ސިފަތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މަދްރަސާގައި ވެސް އަދި ގޭގައި ވެސް ކުދީންނަށް ގުދުރަތީ ވެށީގައި ވަގުތު ހޭދަކުރުމުގެ ފުރުަތު ފަހިކޮށްދޭން ޖެހެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.