އިސްރާއީލުގެ ކޮންސުލް ޖެނެރަލްގެ ލެކްޗާ އަޑުނައަހައި ހާވާޑްގެ ދަރިވަަރުން ނުކުމެއްޖެ

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިސްރާއީލުގެ ކޮންސުލް ޖެނެރަލް ޑާނީ ޑަޔާން،

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިސްރާއީލުގެ ކޮންސުލް ޖެނެރަލް ޑާނީ ޑަޔާން، ހާވާޑް ޔުނިވަސިޓީގައި ގާނޫނު ކިޔަވާ ދަރިވަރުންނަށް އިއްޔެ ލެކްޗާ ދޭން ފެށުމުން އޭނާގެ ލެކްޗާ އަޑުނަައަހައި ދަރިވަރުން ނުކުމެގެން ހިނގައްޖެއެވެ.

ހާވާޑް ލޯ ސްކޫލްގެ ދަރިވަރުންނަށް 'ދަ ލީގަލް ސްޓްރެޓެޖީ އޮފް އިޒްރޭލީ ސެޓްލްމަންޓްސް' މި މައުޟޫއަށް އޭނާގެ ލެކްޗާ ފެށުމާއެކު. އޮޑިޓޯރިއަމަށް ވަދެ ތިބި 100 އަށްވުރެ ގިނަ ދަރިވަރުން ވަނީ "އާބާދީތަކަކީ (ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް އިސްރާއީލުން ގާއިމުކުރާ އާބާދީތަކަކީ) ހަނގުރާމައިގެ ޖަރީމާއެއް" ލިޔެފައިވާ ގަނޑުތަކެއް ހިފައިގެން ކޮޅަށް ތެދުވެ އޮޑިޓޯރިއަމުން ނުކުމެގެން ގޮސްފައެވެ.

ޑާނީ ޑަޔާން އިންނަން ޖެހުނީ ގާތްގަނޑަކަށް މުޅިންހެން ހުސްވެފައި އޮތް އޮޑިޓޯރިއަމެއްގައި ހައިރަންކަމާއެކު ބަލަހައްޓައިގެންނެވެ.

"ހާވާޑް ލޯ ސްކޫލްގެ 100 އަށްވުރެ ގިނަ ދަރިވަރުން ވަނީ (ހުޅަނގު އައްސީރީގައި) އާބާދުވާ މީހުންގެ ހައްދު ފަހަަނައަޅާފައިވާ ލީޑަރު އަދި ނިއުޔޯލުގައި ހުންނަ އިސްްރާއީލުގެ ކޮންސުލް ޖެެނެރަލް ޑާނީ ޑަޔާންގެ ތަގްރީރު ދޫކޮށް ނުކުމެފައި. އޭނާ ޖެހުނީ ގާތްގަނޑަކަށް ހުހަށް އޮތް ކޮޓަރިއެެއްގައި ތަގުރީރުކުރަން." ހާވާޑް ލޯ ސްކޫލްގައި އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ހަދާ ދަަރިވަރަކު ކުރި ޓުވީޓެއްގައި ވެއެވެ.

އިސްރާއީލުގެ ކޮންސުލް ޖެނެރަލް ރުޅި އައިސްގެން އިނދެ "އަހަރެން ހަނދާންވަނި ކިންޑަގާޓްން (ނާސަރީ)ގައި މިހެން ހަދާތަން" އޭ މަޑުމަޑުން ބުނި އަޑު އިވުނެެވެ.

ގިނަ ދަރިވަރުން ނުކުތުމަށް ފަހު ގާތް ގަނޑަކަށް ހުސް އޮޑިޓޯރިއަމެއްގައި ޑަޔާން ލެކްޗާ ދެނީ

"100 އަށްވުރެ ގިނަ މީހުން އެއްފަހަރާ ތެދުވެ ހިމޭންކަމާއެކު ނުކުމެެގެން ދިއުމުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ފެނުނު." މި މި 'ވޯކްއައުޓް' އިންތިޒާމްކުރި ދަރިވަރު ސަމީރު ޙަޖޫޖް ބުންޏެވެ. "އަހަރުމެންނަށް މި ލެކްޗާއާބެހޭ މައުލޫމާތު އެނގުނު ހިސާބުން އަހަރުމެން މިކަން ރާވަން ފަށައިފިން. މިކަމަށް ވަރަށް ވަގުތު ނެގި. އެެހެންނަމަވެސް، އަހަރުމެންނަށް މިކަމުގައި އެހީވާނެ މީހުން ހޯދަން، ހާވާޑުގެ ކޮންމެ ސްކޫލެއްގައި ޓީމެއް ހަރަކާތްތެރިވި."

ޑާނީ ޑަޔާން އަކީ ހުުޅަނގު އައްސޭރީގައި އާބާދުވާމީހުންގެ ހަރަކާތުގެ އިސް ލީޑަރެކެވެ. އަދި ފަލަސްޠީނު މީހުންނާ އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއް ޔަހޫދީއެވެ. އޭނާއަކީ އާޖެންޓީނާއަށް އުފަން މީހެކެވެ.

ދަރިވަރުންނަށް ޑާނީ ޑަޔާން ތައާރަފުކޮށްދެއްވައި، ދަރިވަރުން ނުކުތުމުގެ ކުރިން ވާހަކަދެއްކެވި ޕްރޮފެސާ ވެސް ވަނީ މިކަމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރައްވާފައެވެ.

"އާބާދީތަކާ ބެހޭގުން ޑަޔާން ދެކޭގޮތަކީ އޭނާގެ ސަރުކާރުން ދެކޭ ގޮތް. ބައިނަލްއަގުވާމީ ގާނޫނާ ބެހޭ ގޮތުން މީހަކު ނުވަތަ އޭނާގެ ސަރުކާރުން ދެކޭގޮތް އަހަރުމެން ނުވަތަ އަަހަރުމެންގެ ސަރުކާރުން ދެކޭ ގޮތާ ޚިލާފުވުމަކީ އެެފަރާތުގެ އެއްވެސް ވާހަކައެއް  އަޑުނައަހަންވީ ސަބަބެއް ނޫން." ހާވާޑް ލޯ ސްކޫލްގެ ޕްރޮފެސާ ނޯއާ ފެލްޑްމޭން ވިދާޅުވިއެވެ.

އޭނާވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ދަރިވަރުން ނުރުހުން ފާޅުކުރުމަކީ އެމީހުންގެ ހައްގެކެވެ.

ލެކްޗާ ދޫކޮށްލާފައި ނުކުތް ދަރިވަރުން ދެކޭ ގޮތުގައި އެ ލެކްޗާއަކީ ތަފާތު އެކަޑެމިކް ޚިޔާލަށް ފުރުސަތު ދިނުމަށް ބޭއްވި ލެކްޗާއެއް ކަމަށް ބުނެ އެކަން ދިފާއުކުުރުމަކީ ހަގީގަތް އޮޅުވާލުމެވެ.

ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް އިސްރާއީލުން ހުޅަނގު އައްސޭރީގައި ހަދާފައިވާ އާބާދީތަކުގައި 6 ލައްކަ 50 ހާސް ޔަހޫދީން ދިރިއުޅެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.