ރަން ސްވިމްގެ ނަމުގައި ފޯރިގަދަ މަޖާ ޙަރަކާތެއް ބާއްވައިފި

ދުވުމާއި ފެތުރުމުގެ ފޯރިގަދަ ޙަރަކާތް ނިންމާލުމުން ޑރ. ޙުސައިން ޙަލީމް (ކުޑަ ޙުސައިން) އަށް މެޑަލް ދެއްވަނީ

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިން އިންތިޒާމް ކޮށްގެން "ރަން ސްވިމްގެ ނަމުގައި ޚާއްސަ ޙަރަކާތެއް އައްޑޫސިޓީގައި މިއަދު ބާއްވައިފިއެވެ. މިޙަރަކާތް ކުރިއަށް ގެންދިޔައީ ހިތަދޫގައެވެ.

އެމްއެލްއޭގެ ފަރާތުން އައްޑޫއާ ޙަވާލުވެ ހުންނެވި ސިނިއަރ އިންސްޓެކްޓަރ ޢަބްދުލްޢަލީމް ޢަބްދުއްރަޙުމާން ވިދާޅުވީ މިޙަރަކާތުގައި އެކިޢުމުރުފުރާތަކުން ޖުމްލަ 165 އެތުލީޓުން ބައިވެރިވި ކަމަށެވެ.

މިޙަރަކާތަކީ އައްޑޫސިޓީގައި ތިބި އެކިފެންވަރުގެ ތަފާތު އެތުލީޓުންނަށް މަޖާ ޙަރަކާތެއްގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ބޭއްވި މިފަދަ ފުރަތަމަ ޙަރަކާތެވެ.

ހެނދުނު އޮތީ ކުޑަކުދިންގެ ސެޝަންތަކެވެ. އެ ސެޝަނުގައި ބައިވެރިވީ 6 އަހަރުން ދަށުގެ ކުދިންނާއި 8 އަހަރުންދަށުގެ ކުދިންނާއި 10 އަހަރުން ދަށުގެ ކުދިންނެވެ. މި އުމުރުފުރާގެ ކުދިންގެ ފެތުމާއި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ޕާޓުނަޝިޕް ހަދައިގެންނެވެ. އެއީ އެކަކު ދުވެ ނިމުމުން ދެންހުންނަ ކުއްޖާ ފަތާ ގޮތަށެވެ.

6 އަހަރުން ދަށާއި 8 އަހަރުން ދަށުގެ ކުދިންނަށް ދުވުމާއި ފެތުން އޮތީ 500 މީޓަރަށެވެ. 10 އަހަރުން ދަށުގެ ކުދިންނަށް އޮތީ 1 ކިލޯމީޓަރުގެ ފެތުމެކެވެ. ޕާޓްނަރަށް އޮތީ 2 ކިލޯ މީޓަރުގެ ދުވުމެކެވެ.

މެންދުރުފަހު އޮތީ 12 އަހަރުންދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށާއި މާސްޓަރލެވެލްގެ ކެޓަގަރީ އެކަމާއި 2 އެވެ. 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ކުދިންނަށް އޮތީ 3000 މީޓަރުގެ ދުވުމަކާއި 1.5 ކިލޯމީޓަރުގެ ފެތުމަކާއި 2000 މީޓަރުގެ ދުވުމަކާއި، 4000 މީޓަރުގެ ފެތުމެކެވެ.

މަޖާ މިޙަރަކާތާ ބެހޭގޮތުން މަޝްހޫރު އެތުލީޓު އަދި ކޯޗު ޑރ. ޙުސައިން ޙަލީމް (ކުޑަ ހުސައިން) ވިދާޅުވީ މިއީ ރާއްޖޭގައި ބޭރުގައި ބާއްވާ މިފަދަ ހަރަކާތްތައްހާ ހިތްހަމަޖެހުމާއި އުފާލިބުނު ހަރަކާތެއް ކަމަށެވެ. ރާއްޖޭގެ ރަށެއްގައި މިދަ ކަމެއް މިހާ ރަނގަޅަށް ކުރެވުމުން އެކަމަށް ހިތްވަރު ދެއްވާ ކަމަށާއި އަންނަ އަހަރުގެ އިވެންޓު މިއަށްވުރެވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ހަރަކާތުގައި ވީހާވެސް ގިނަ އެތުލީޓުން އައްޑުއަށް އައިސް މީގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ އައްޑޫ ސިޓީގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ލިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އައްޑޫގައި ތިބި ފެތުންތެރިންނާއި ދުވުންތެރިން އެއްކޮށްގެން ބޭއްވި ފޯރިގަދަ ޙަރަކާތެކެވެ. މަގުސަދަކީ އެތުލީޓުންނަށް އިތުރުފުރުސަތު ހޯދައިދީ ލޯކަލާ ޓޫރިޒަމަށް އައްޑޫ އިތުރަށް ހުޅުވާލުން ކަމަށް އަލީމް ވިދާޅުވިއެވެ. މިހަރަކާތުގައި ބައިވެރިވާން ވެސް ގިނަ ޢަދަދެއްގެ އެތުލީޓުން އައްޑުއަށް ޒިޔާރަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަނަން އަހަރުވެސް މިހަރަކާތް ބާއްވާނެ ކަމަށާއި އަންނައަހަރުގެ އިވެންޓު މިއަށްވުރެ ފުރިހަމަވާނެ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.