ސަސްޕެންޝަން ބަލައި ގަތުމަކީ ހުވަޔާ ޚިލާފުކަމެއް- އުއްތަމަ ފަނޑިޔާރު

ސަސްޕެންޝަން ބަލައިގަތުމަކީ ކުރަވައިގެންހުންނެވި ހުވަޔާ ޚިލާފުކަމެއްކަމަށާއި އެހެންކަމުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައި ނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲގެ މައްޗަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތުވާކަމަށް ނިންމައި، އެ ދެ ބޭފުޅުން ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފައެވެ. އަދި އަދި މިދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ވަނީ ފޮނުވައިފައެވެ. މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ނިންމައި އެ ދެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފައެވެ.

"އެ ނިންމުމަށް ތަބާވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ޙައިސިއްޔަތުން ކޮށްގެން ހުރި ޤާނޫނީ ހުވަޔާއި ޚިލާފްވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޢަދަރުވެރިވެ ޚިޔާނާތްތެރިވުން ކަމުގައިވާތީ، އެ ނިންމުން ބަލައިނުގަތުމަށް ނިންމައި، އެ ވާހަކަ އެންމެހައި ލޮބުވެތި ރައްޔިތުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެ ބަޔާން ނިންމާ ލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ސުލޫކީ މައްސަލައެއް ބެލުމަކީ ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޙަވާލާދެއްވައި، އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވަނީ ވިޅުވެފައެވެ. އެއާ ޚިލާފަށް އެ ކޮމިޝަނުން އަމަލު ކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމާއި އެ ކޮމިޝަންގެ މެމްބަރުންގެ ހުވަޔާއި ޚިލާފްވުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ސަސްޕެންޑްކުރި ކަމަށް ކޮމިޝަނުން ނިންމީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފް އިޖްރާއާތުތަކެއް ހިންގައިގެން ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

"ޤާނޫނުއަސާސީގެ އެތައް މާއްދާއަކާއި ޤާނޫނީ އެތައް ނައްސަކާ ޚިލާފަށް، ކޯޓެއްގެ ނިންމުންތައް މުރާޖާކޮށް، ފަނޑިޔާރުން ނެރެފައިވާ ޤަޟާއީ ރަޢުޔުތަކަށް ނުވަތަ ނިންމައިފައިވާ ނިންމުންތަކަކާ ގުޅުވައި، އެނިންމުންތަކުގެ މެރިޓް ވަޒަންކޮށްގެން ފަނޑިޔާރުންނަށް ފިޔަވަޅު އަޅާން މަސައްކަތް ކުރުމަކީ  ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ އަމުރުތަކަށް ގޮންޖަހައި، އެއަމުރުތަކާ ޚިލާފަށް ޢަމަލުކުރަމުން ގެންދިއުމަކީ  އެކަމުގައި ބައިވެރިވާ ކޮމިޝަންގެ މެމްބަރުން، އެކޮމިޝަންގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކަށް ޚިޔާނާތްތެރިވެ، ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި، އަދި އެމެމްބަރުން ކޮށްގެން ތިބި ހުވަޔާއި ޚިލާފުވުން" ކަމަށް އުއްތަމަ ފަނޑިޔާރު ގެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީން އުއްތަމަފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށްފަހު ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލު ކުރަން ނިންމީ ވެސް ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާނުގައިވެއެވެ. ސުޕްރީމް ކޯޓަކީ ހުރިހާ ގޮތަކުން ބެލިޔަސް، ޖޭއެސްސީއަށް ވުރެ މަތީ މުއައްސަސާއެއް ކަމަށާއި އެ ކޯޓަކީ އެ ކޮމިޝަންގެ ބެލުމުގެ ދަށުން ހިނގަމުންދާ ކޯޓަކަށް ނުވާއިރު، އެ ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރަން ނިންމީ ވެސް އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.