ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެމްބެސެޑަރަކަށް ޕްރިޔަންކާ ޗޯޕްޅާ އައްޔަންކޮށްފި

ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެމްބެސެޑަރަކަށް ޕްރިޔަންކާ ޗޯޕްޅާ އައްޔަންކޮށްފިއެވެ.

ޕްރިޔަންކާ އައްޔަންކުރިކަން އިއުލާނު ކޮށްފައިވަނީ ޔުނިސެފަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް އދ. ގެ މައި މަރުކަޒުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިހާރުވެސް ގްލޯބަލް ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޑޭވިޑް ބެކަމް، އޮލާންޑޯ ބޫމް އަދި ޖެކީ ޗޭން ހިމެނެއެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުން މައިގަނޑުގޮތެއްގައި ހަރަކާތްތެރިވާނީ ދުނިޔޭގެ އެކި ކާންކޮޅުތަކުގައި ތިބި ކުޑަކުދީންނަށް ހަމަހަމަ ފުރުސަތުތައް ހޯދައި ދިނުމަށް މަގު ފަހިކުރުމަށެވެ.

ޕްރިޔަންކާ ޗޯޕްޅާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަަގަކޮށްލެވޭ މަޝްހޫރު ފިލްމީތަރިއެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަންނާނެއްވެސްމެއެވެ. އޭނާ ވަނީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި 2010 ވަނަ އަހަރު އޭނާގެ ގައުމުގައި މަސައްކަތްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޕްރިޔަންކާ ވަނީ ޔުނިސެފާއެކު އޭނާ މަސައްކަތްކުރި 10 އަހަރުގެ ދިގު ދަތުރުގައި ކުރެވުނު ތަފާތު ތަޖްރިބާ ހިއްސާކޮށްފައެވެ. އިންޑިއާގެ ރަށްފުށުގެ އަންހެންކުދީން ބާރުވެރިކުރުމާ އެކުދީންނަށް ލިބިދޭންޖެހޭ ހައްގުތައް ހޯދައިދީ ފުރުސަތުތައް ފަހިކޮށްދިނުމަށް އޭނާވަނީ މަސައްކަތް ކޮށްފައެވެ. ޔުނިސެފާއެކު ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމުގައިވެސް އޭނާ ބުންޏެވެ.

 ދުނިޔެއަކީ ކުޑަކުދީންގެ ހައްގުތަކަށް އިހްތިރާމުކުރާ އަދި އެކުދީންގެ ހައްގުތަށް ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހެދުމަށް ޔުނިސެފާއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބޭ ފަޚުރެއް ކަމުގައިވެސް ޕްރިޔަންކާ ބުންޏެވެ.

ޔުނިސެފުގެ އެގްޒެކެޓިވް ޑިރެކްޓަރު އެންތަނީ ލޭކްގެ ވިދާޅުވިގޮތުގައި ޕްރިޔަންކާ އަކީ މިހާރުވެސް އިންޑިއާގެ ކުޑަކުދީންގެ ޗެމްޕިޔަނެވެ. އަދިޔުނިސެފުގެ ގްލޯބަލް ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ކުޑަ ކުދީންނާ ފުރާވަރުގެ ކުދިންނަށް ލިބޭ ބާރެއް ކަމަށްވެސް ލޭކް ވިދާޅުވިއެވެ.

ކުޑަ ކުދިންނަށްޓަކައި ޕްރިޔަންކާ ދެކޭ ހުވަފެނަކީ އެކުދީންނަށް މިނިވަންކަން ލިބުމެވެ. މިނިވަންކަމާއެކު ވިސްނަން ފުރުސަތު ލިބުމެވެ. އަދި މިނިވަން ކަމާއެކު ދިރިއުޅެން ފުރުސަތު ލިބުމެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބި ކުޑަކުދީންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދީ ނާއިންސާފުން ކުރެވޭ ކަންތައްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އެންމެން އަތުގުޅާލުމަށް އޭނާވަނީ ގޮވާލާފައެވެ.

unicef.org

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.