ވަރިވަރިން ގިނަ ދަރިވަރުން އެކި ކަންކޮޅުތަކަށް ދޫކުރެއްވި މުދައްރިސު ޢަބްދުﷲ ޞާދިޤް

"ދަރިވަރުންނޭ އަޅުގަނޑަށް ލިބިފައިވި އަގުބޮޑު މުދަލަކީ

ވަރިވަރިން ގިނަ ދަރިވަރުން އެކި ކަންކޮޅަށް ދޫކޮށް ހެދީން"

މިއީ މިއަހަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) ހޯއްދެވި ޢަބްދުﷲ ޞާދިޤްގެ ޅެމެއްގެ ބައިތެކެވެ. އޭނާގެ ދަރިވަރަކު ނެތް ރަށެއް މި ރާއްޖެއަކު ނެތެވެ. ރާއްޖެއިން ކިޔަވައިގެން ނުކުތް ކޮންމެ މީހަކީ އޭނާގެ ދަރިވަރެކެވެ. ކޮންމެ އިސްކޫލަކުން ކިޔެވިޔަސް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އޭނާގެ ދަރިވަރަކަށް ނުވާ އެއްވެސް ދިވެއްސަކު ނެތެވެ.

ކުޑައިރު އަޅުގަނޑަށް ދިވެހި މުދައްރިސު ޞާދިޤްގެ ކުޅަދާނަކަން އެންމެ ފުރަތަމަ އަޅައިގަތީ ބޯޑުގައި ޗޯކުން ލިޔުއްވުމުގައެވެ. ކަޅުބޯޑު ކައިރީގައި ކޮޅށް ހުންނަވައިގެން ޗޯކުން ބޯޑުގައި ލިޔުއްވާއިރު ފޮޅުވަތް ސީދާ ކަމެވެ. ލިޔުއްވަނީއަކީ އަވަސް ލިޔުއްވުމަކުންނެއް ނޫނެވެ. ކަރުދާހުގައި ގަލަމުން ލިޔުއްވާ ގޮތަށް އެންމެ ރީތި ތާނައިންނެވެ. ޞާދިޤަކީ ވަރަށް ރީތިކޮށް ލިޔުއްވާވެސް ބޭފުޅެކެވެ.

ޢަބްދުﷲ ޞާދިޤްގެ އުފަން ރަށަކީ މުލަކަތޮޅު މުއްޔެވެ. ބައްޕައަކީ އެ ރަށު ޅާގޮއްޔެގޭ ޢަލިފުޅެވެ. މަންމައަކީ މުދިންގޭ ޙައްވާފުޅެވެ. ވަރަށް ކުޑައިރު ބައްޕަ ނިޔާވުމާ ގުޅިގެން ޞާދިޤް ބަލައި ބޮޑު ކުރެއްވީ އޭނާގެ މަންމައެވެ. ބޮޑުބޭބެ ޅަގޮއްޔެގޭ އާދަންފުޅުގެ އެހީތެރިކަމާ އެކުގައެވެ. އާދަންފުޅަކީ އަތޮޅަށް މަޝްހޫރު ވަޑިއެކެވެ.

ޞާދިޤް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރުއެވެ. އެހެންވީމާ މިހާރުގެ ޢުމުރުފުޅަކީ 84 އަހަރެވެ.

ޞާދިޤް ރަށުގައި އުޅުއްވި ދުވަސްވަރު ކިޔެވުމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ބޮޑުބޭބެ އާދަންފުޅު ހިސާބު ކިޔަވައި ދެއްވައެވެ. އެހެންވީމާ ކޮންމެވެސް ވަރަކަށް ހިސާބު ޖަހަން ދެނެވަޑައިގަނެއެވެ. ގިނަ ވަގުތު އޭނާ އުޅުއްވީ ކުޅުއްވުމާއި ސަކަރާތުގެ ތެރޭގައެވެ.

ޞާދިޤް އެންމެ ފުރަތަމަ މާލެ ވަޑައިގަތީ ބޮޑޮބޭބެއާއެކު މާލެ ބައްލަވައިލައްވާން ވެގެންނެވެ. އެ ދަތުރު އެނބުރި ރަށަށް ވަޑައިގެންނެވި މަގުމަތީގައި ކަނޑުމަތީން ދިމާވީ ބައްތެއްޔެއްގައި މުލަކަތޮޅުގެ އަތޮޅުވެރިޔާ ބަޑިއަލިބޭގެ ދޮންސީދި  ހުންނެވިއެވެ. އެ ބައްތެލި ދަތުރު ކުރަަމުން ދިޔައީ މުލަކަތޮޅުން މާލެއަށެވެ. އަތޮޅުވެރިޔާގެ ވިދާޅުވުމަކަށް ޞާދިޤް ދަތުރު ކުރެއްވި އޮޑީގެ ކައްކާ އަރުވައިގެން އެ ބައްތެލި މާލެއާ ދިމާއަށް ދަތުރުކޮށްފައި ދިޔައީއެވެ.

އޮޑިމަތީގައި ބައެއް މީހުން މަޖަލަކަށް ބައެއް ވާހަކަ ދައްކައި އުޅުނެވެ. ޙަސަން ފަރީދުދީދީ ގެއްލުނު ވާހަކަ ދައްކައި މުޙައްމަދު އަމީނަށްވެސް އެހެން ވުމަކީ އެކަށީގެންވާ ކަމެކޭ ކިޔައި އުޅުނެވެ.

އެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އެ އޮޑިން ދަތުރު ކުރި މީހުން މާލެ ފޮނުވަން ސަރުކާރުން އަންގައިފިއެވެ. ސަރުކާރުން ފޮނުވި އަމުރުގައި ޞާދިޤްގެ ނަންވެސް އޮތެވެ. މިއީ ޞާދިޤްގެ ދެވަނަ މާލެ ދަތުރުފުޅެވެ. މާލެ ގެނެސް ޝަރިޢަތް ކޮށްފައި ބައެއް މީހުން އަރުވާލަން ހުކުން ކުރިއެވެ. އެކަމަކު ކުޑަ ކުއްޖަކަށް ވާތީއާވެސް އެކު ޞާދިޤް ރަށަށް ފޮނުވައިލީއެވެ.

މާލެއަށް ތިންވަނަ ފަހަރަށް ވަޑައިގަތީ އަޅުގަނޑުމެން މިހާރު މި ދަންނަ އެންމެންގެ އުސްތާޒު އޭނާގެ ޚިދުމަތުގެ ދަތުރުފުޅުގެ ބިންގައު އެޅުއްވި ދަތުރުފުޅުގެ ގޮތުގައެވެ. އެއީ އަލްއަމީރް މުޙައްމަދު އަމީންގެ ރައީސްކަމުގެ ދުވަސްވަރެވެ. ރާއްޖޭގެ ކޮންމެ އަތޮޅަަކުން ދެކުދިން މާލެ ގެންނަވައިގެން ސަރުކާރުން ކިޔަވައިދެއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މުލަކަތޮޅުން ދެ ކުއްޖަކު ނެގި އިރު ފުރަތަމަ ނެގި ދެކުދިންގެ ތެރެއިން އެއް ކުއްޖަކަށް މާލެ ދެވޭ ގޮތް ނުވިއެވެ. ޞާދިޤް ހޮވިވަޑައިގަތީ އެ ކުއްޖާގެ ބަދަލުގައި ފޮނުއްވާ ކުއްޖެއްގެ ގޮތުގައެވެ.

މާލެ ވަޑައިގެން ދާރުލްއިޤާމާއަށް ބަދަލު ކުރައްވާންދެން ހުންނެވީ ގަލޮޅު ކުރަނޑިގޭގައެވެ. ދާރުލްއިޤާމާ ނުވަތަ ސަރުކާރުގެ ދަނާލު ހަދައި ނިމި، ހުޅުވުނީމާ އޭނާ އެތަނަށް ބަދަލު ކުރެއްވީއެވެ. އެއީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. ދާރުލްއިޤާމާ ހުރީ މިހާރު ގްލޯރީގެ ހުރި ތާނގައި އެ ކޮށީގައެވެ. ދާރުލްއިޤާމާއާ އިންވެގެން ހަމަ އެ ކޮށީގައި ހުންނަނީ މަދްރަސަތުއްސަނިއްޔާއެވެ. އެއީ ޞާދިޤް ކިޔަވައި ވިދާޅުވީ އިސްކޫލެވެ. ދަނާލުން އިސްކޫލަށް ދެވޭ ގޮތަށް އިންމަތީގައި ދޮރާށްޓެއް ހުރެއެވެ.

ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރަކީ ވަރަށް މަޖާވެސް ދުވަސްކޮޅެކެވެ.

"މުޙައްމަދު އަމީން އަޅުގަނޑުމެން ބައެއް ދުވަސްދުވަހު އަތިރީގެއަށް ގެންދަވައެވެ. އެ ގޮތުގެ މަތީން އެގެއަށް ދިޔަ ދުވަހަކު ފެންޑާގައި ތިބެގެން އަޅުގަނޑުމެން އަޑުގަދަކޮށް ސަކަރާތް ޖަހަނިކޮށް ސަރުކާރުގެ އިސް ބޭފުޅަކު އެގެއަށް ވަޑައިގެންފިއެވެ. އަދި ވަރަށް ބޮޑަށް ކޯފާވެފައި ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކަމެއް ކަލޭމެންނަކަށް ނެނގޭ ހެއްޔެވެ؟ އަޑުގަދަކޮށް ސަކަަރާތް ޖަހާކަށް ލަދެއް ނުގަނޭ ހެއްޔެވެ؟ އެ ވަގުތު މުޙައްމަދު އަމީން ނުކުމެވަޑައިގެން ވިދާޅުވިއެވެ. އެކުދިންނާ އަޑު ނުލާށެވެ. އެއީ މުސްތަގުބަލުގެ ވެރިންނާއި މުދައްރިސުންނާއި ޅެންވެރީންނާއި ލިޔުންތެރީންނެވެ." އެ ދުވަސްވަރުގެ ހަނދުމަފުޅުތައް އައު ކުރައްވަމުން ޞާދިޤް ވިދާޅުވިއެވެ.

މުޙައްމަދު އަމީން މާލެ ގެންނަވައިގެން ކިޔަވައި ދެއްވި ކުދީންތައް ވެގެން ދިޔައީ ހަމަ އެ ވިދާޅުވީ ފަދަ ބޭފުޅުންނަށެވެ. މުލަކަތޮޅު މުލީ ޢަބްދުﷲ ޞާދިޤަކީ އޭގެ ތެރެއިން އެއް ބޭފުޅެކެވެ.

ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުވެސް ޞާދިޤް އަދަބީ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ފުރަތަމަ ލިޔުއްވި ދިގު ވާހަކައަކީ "ދޮންމަންމަ ދޮން ނިޔަނދުރެއް ފަދައެވެ." ލިޔުއްވީ މަދުރަސީ ދައުރުގައެވެ. އެއީ ވަރަށް ރީތި އަސަރު ގަދަ ވާހަކައެކެވެ. މިހާރު އެއްވެސް ތަަނަކުން ލިބޭން ނެތް ނަމަވެސް އަލުން ހިރަފުސް ފޮޅާލައި ނެރޭން ރަނގަޅު ވާހަކައެކެވެ.

މަދަރުސާގައި ކުޅުނު ފުރަތަމަ ތަމްސީލުގައި އޭރުގެ ކުޑަކުޑަ ޞާދިޤް ކުޅުއްވީ އިސްކޫލެއްގެ ނާޒިރުގެ ބައެވެ. މާފަންނު ވާރޭވިލާ ޢަލީ ޙުސައިން ލިޔުއްވައިފައިވާ ގޮތުގައި ގޮނޑީގައި އިންނަވާއިރު ބިންމައްޗަށް ފައިންޕުޅުވެސް އޭރު ނުފޯރާ "ނާޒިރު" މިހާރު ވެވަޑައިގެންފައި ވަނީ ދިވެހިރާއްޖޭގެ ނާޒިރުންގެ ނާޒިރަކަށެވެ. މަރުވަމުންދާ ދިވެހިބަހުގެ މަރުމަތި ބަލަހައްޓަވާ ބޭފުޅަކަށެވެ.

މަދުރަސީ ދައުރު ނިންމެވުމަށް ފަހު ދަނާލު ދޫކޮށްލައްވާން ޖެހިވަޑައިގަތީމާ މާލޭގައި ހުންނަވާނޭ ގެއެއް ޚިޔާރު ކުރެއްވުމުގެ ފުރުސަތު ޞާދިޤަށް ލިބިވަޑައިގަތެވެ. އެ ގެތަކުގެ ތެރޭގައި އަތިރީގެވެސް ހިމެނުނެވެ. އެހެންނަމަވެސް ޞާދިޤް ގަސްތު ކުރެއްވީ މާފަންނު ނެދުންގޭގައި ހުންނަވާށެވެ. އެއީ އޭރު ސަރުކާރު ޗާޕުޚާނާގެ މެނޭޖަރު ޢަަލީ ނަޖީބުގެ ގެކޮޅެވެ.

މަދަރުސާއިން ވަކި ކުރެއްވުމަށް ފަހު ޞާދިޤަށް ވަޒީފާ ދެއްވީވެސް ސަރުކާރުގެ ޗާޕްޚާނާއިންނެވެ. އެއީ ލިޔުން ރީތި ވެގެންނެވެ.

އެ ދުވަސްވަރު ނެރުނު ނޫހެއް ކަމުގައިވާ "ސަަރުކާރުގެ ޚަބަރު" ޗާޕުކޮށް ނެރުނީ ސަރުކާރުގެ ޗާޕުޚާނާއިންނެވެ. އަދި ސަރުކާރުން ނެރުއްވަމުން ގެންދެވި ހުރިހައި ފޮތެއްވެސް ޗާޕު ކުރަނީ އެތާނގައެވެ. އެތާނގައި މަސައްކަތް ކުރެއްވި ދުވަސްވަރު އިސްޓެންސިލު ލިޔުއްވާށާއި ޚަބަރު ލިޔުއްވާން ދަސް ކުރެއްވިއެވެ. މަދުރަސީ ދައުރުގައިވެސް ވާހަކަޔާއި މަޒުމޫނު ލިޔުއްވުމާއި ޅެން ހެއްދުވުމުގައި ޞާދިޤް ވަރަށް މަޝްހޫރެވެ. އެހެންވީމާ އަދަބީ ގޮތުން ކުރިއަށް ވަޑައިގަތީ ހަލުވި ކަމާ އެކީގައެވެ. "ސަރުކާރުގެ ޚަބަރު"ގައި ލިޔުއްވަމުން ގެންދެވީ އެ ދުވަސްވަރުގެ ބޮޑެތި ބޭބޭފުޅުންނެވެ. ޞާދިޤަކީ ހަަމައެކަނި އެބޭފުުންގެ ލިޔުއްވުންތައް ޗާޕަށް ލިޔުއްވާން ހުންނަވާ ކާތިބެކެވެ. އެހެންނަމަވެސް ލިޔުއްވާ ހިތްޕުޅުވެއެވެ. އޭނާ ހެއްދެވި ޅެމެއް އެޑިޓަރުގެ ހުއްދަ ހޯއްދަވައިގެން ނޫހުގައި ޖެއްސެވިއެވެ. އެއީ އާއްމު ނޫހެއްގައި ޞާދިޤްގެ މަސައްކަތްޕުޅެއް ޝާއިއުކުރި ފުރަތަމަ ފަހަރެވެ.

ނޫހުގެ އިތުރަށް އެ ދުވަސްވަރު ނެރުނު މަޖައްލާއެއް ކަމުގައިވާ "ދީނީ ރޫޙަ"ށްވެސް ޞާދިޤް ލިޔުއްވާން ފެއްޓެވިއެވެ. ބައެއް ލިޔުއްވުންތަކުގައި ނަންފުޅެއްގެ ގޮތުގައި ޖައްސަވަނީ "ނ.އ." މިހެންނެވެ. މާނައަކީ ނޭނގޭ އެކުވެރިޔާއެވެ.

ޞާދިޤް އުރުދޫބަސް ދަސްކުރެއްވީ މުޅީން އަމިއްލަފުޅަށެވެ. އުރުދޫ ދެނެވަޑައިގަންނަވާ ބޭފުޅުން އަރިހުން ވަކި ލަފުޒުތަކުގެ މާނަ ހޯއްދަވައިގެން ދަސްކުރައްވަމުން ގެންދެވީއެވެ. ޞާދިޤް ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ އުރުދޫ ބަހުގެ ތެރެއިންނެވެ. އުރުދޫ ބަހުގެ ގަވާއިދު ފޮތްތައް ބައްލަވައި އުޅުއްވުމުގެ ސަބަބުން އެ ޝައުގުވެރިކަން އުފެދުނީއެވެ.

"ސަރުކާރުގެ ޚަބަރު" ނޫހަކީ މުޙައްމަދު އަމީންގެ ދުވަސްވަރު ނެރުނު ނޫހެކެވެ. ވެރިކަމުގެ ދައުރު ބަދަލުވެ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަން އައިސް "ވިޔަފާރި މިއަދު" ގެ ނަމުގައި ސަރުކާރުން ނޫހެއް ނެރޭން ފެށިއެވެ. ޞާދިޤް ވަނީ އެ ނޫހުގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

"ވިޔަފާރި މިއަދު"ގައި ޚަބަރު ލިޔުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ރޭޑިއޯ ބީބީސީ އުރުދޫ ޗެނަލުން އަންނަ ޚަބަރުތައް ތަރުޖަމާ ކުރައްވައި ހެއްދެވިއެވެ. އެއީ ޓޭޕް ރެކޯޑަރެއް ހުންނަ ޒަމާނެއް ނޫނެވެ. އެހެންވީމާ ޚަބަރު ކިޔަމުން ދާއިރު ހަލުވިކަމާއެކު ނޯޓު ކުރައްވަނީއެވެ. ދެން ޖެހިގެން އަންނަ ޚަބަރު ގަޑީގައި އަޑު އައްސަވައިގެން އިސްލާހު ކުރައްވައި ފުރިހަމަ ކުރައްވަނީއެވެ. ޞާދިޤް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ ދެކުނަށް އޮތް ތިން އަތޮޅު ދިވެހި ވެރިކަމުގެ ތެރެއިން ވަކިވެ ވަކި ދައުލަތެއް އުފެއްދި ޚަބަރު ޞާދިޤަށް އިވިވަޑައިގަތީ ބީބީސީ ރޭޑިއޯއިންނެވެ. އޭނާ ޚަބަރު ލިޔުއްވައިގެން ގެންދަވައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަތްޕުޅަށް އެރުވީއެވެ. ނާޞިރު ބޭނުންފުޅުވީ ބީބީސީގެ އިނގިރޭސި ޚަބަރުގައި ކިޔާތޯ ބައްލަވާށެވެ. ދެން އިނގިރޭސި ޚަބަރު އަޑު އައްސަވާ ބޭފުޅުން ޚަބަރު އަޑު އެއްސެވި އިރު އެ ޚަބަރު ކިޔެވެ. މަޝްހޫރު އައްޑޫ ބަޣާވާތުގެ ޚަބަރު ދިވެހި ސަރުކާރަށް ލިބުނު ގޮތަކީ މިއީ ކަމަށް ޞާދިޤް ވިދާޅުވިއެވެ.

ޞާދިޤްގެ ލިޔުންތެރިކަމަށް ބަލާއިރު އެންމެ ފާހަގަ ކުރެވޭ އެއް މަސައްކަތަކީ "ދޮންހިޔަލަ އާއި އަލިފުޅު" ވާހަކަ ލިޔުއްވުމެވެ. އެއީ މަޝްހޫރު ބުރުނީކަމަނާގެ ރައިވަރުގެ މައްޗަށް ލިޔުއްވި ވާހަކައެކެވެ. މި ވާހަކަ ލިޔުއްވުމަށްޓަކައި ޞާދިިޤް ވަޑައިގަތީ ހއ. އިހަވަންދުއަށެވެ. އެއީ އެ ރަށު ދޮންމޫސަބޭ ކިޔާ މީހަކު ބުރުނީކަމަނާ ރައިވަރު ވަރަށް ރީތިކޮށް ކިޔާ ކަމަށް އައްޝައިޚް މުޙައްމަދު ޖަމީލު ވިދާޅުވުމާ ގުޅިގެންނެވެ. ރައިވަރުގައި ކިޔާ ވާހަކަ ތިލަ ދިވެހި ބަހުން ލިޔުއްވައި ނެރުއްވި ފޮތަކީ ދިވެހި އަދަބީ ތަރިކައެއްކަމުގައި މިހާރު ވަނީ ވެފައެވެ.

މީގެ އިތުރަށް ޞާދިޤް ތަރޖުަމާ ކުރައްވައި ނެރުއްވި ވާހަކަތައްވެސް އެހައި މަޝްހޫރެވެ. އޭގެ ތެރޭގައި ބަގީޗާގޭ އިބްރާހީމް ޝިހާބާއެކު ތަރުޖަމާ ކުރެއްވި "އަންވަރު" ވާހަކައާއި "ގެއްލުނު ދުނިޔެ" ފާހަގަ ކޮށް ލެވެއެވެ. އެ ދުވަސްވަރު ވާހަކަ ނެރެނީ ބައިބަޔަށެވެ. ސޯޅަވަރަކަށް ސަފުހާގެ ބައެއް ހަފުތާއަކު އެއް ފަހަރު ނެރޭ ގޮތަށެވެ. ފޮތް ވިކޭތޯ އަޅުގަނޑު ދަންނަވައިލީމާ ބުނުއްވިއެވެ. "ވަރަށް ވިކެއެވެ. ފޮތެއް ވިއްކަނީ ފަންސަވީސް ލާރިއަށެވެ. ވިކޭވަރު ގިނަކަން ބުނަންހެއްޔެވެ؟ ބަރާބަރު ދުއިސައްތަ ކޮޕީ ވިކެއެވެ." އެއީ އެ ދުވަސްވަރަށް ބަލާއިރު މަދު އަދަދެއް ނޫނެވެ.

އަދަބީ ދާއިރާގައި ޞާދިޤް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސަމާސާ ލިޔުއްވުމާއި ޅެންވެރިކަމުގައެވެ. އޭނާ ހައްދައިވައިފައިވާ ޅެންތަށް ވަރަށް މޮޅެވެ. ބައެއް ބައިތުތަކަކީ ޒަމާނަށް ދިގުދެމިގެންދާ އަބަދީ މެސެޖެއް ދެއްވައިފައިވާ ނުވަތަ އެފަދަ ވާހަކައެއް ދައްކަވައިފައިވާ ބައިތަށް ވަނީ ވެފައެވެ. މިސާލަށް ބައްލަވައިލައްވާށެވެ.

"ޢިޝްގަކީ ބާރެއް ނުފޯރާ ބާރުގަދަ އަލިފާނެކޭ

ޖެއްސިޔަސްވެސް ރޯނުވާ ރޯވެއްޖެނަމައީ ނުމެނިވޭ"

"މާދަމާވެސް ދިރިތިބޭނޭ ކަމުގެ އުއްމީދެއް ނެތޭ

އާހެދުން ލިބުނަސް ދަރައިގެން މާ އުފާ ޢީދެއް ނެތޭ"

ޞާދިޤް ގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޅެމަކީ އަދުގެ ހާލަތާ މެދު ހައްދަވައިފައިވާ ޅެމެކެވެ. އެއީ އެ ޅެން ހެއްދެވި ދުވަސްވަރަށްވެސް އަދި މިހާރަށްވެސް ބަރާބަރަށް ފެތޭ މޮޅު ޅެމެކެވެ. މިއީ ދީނީ ހަމަތަކާ އަޅުގަނޑުމެން ދުރުކަން ހާމަ ކޮށް ދެއްވައި ހެއްދެވި އާދަޔާ ޚިލާފަށް މޮޅު ޅެމެކެވެ.

"އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަބާރަ ފޮތުންނޭ

ނެތް ނުކުރާކަކަމެއް މަދަރީންނޭ ދެންވެސް ކިޔަނީ އިސްލާމުންނޭ

މީގެ އިތުރަށް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކޮރަޕްޝަނާއި ފަސާދައާއި ވައްކަމުގެ ބަލީގެ މައްޗަށް ހެއްދެވި ޅެމަކީވެސް ފާހަގަ ކޮށްލެވޭ މޮޅު ޅެކެވެ.

"މާކުރިން އަހަމޭ ބުނާތީ ފާރުގާާ ކަންފަތް ހުރޭ

ފާާޅުވާާހެން ސިއްރުތައް ގެންދާ ދަމާ ބާރެއް ހުރޭ

ފާރަޔަށް ބެލެހެއްޓުމަށް މީހުން ތިބޭ އިރު ވަރުވަރުން

ފާރަޔަށް ތިއްބާ ތަކެތި ދުވެގޮސް ފިލާ ތަންތަން ހުރޭ

ބެންކުގައި ނޫނީ ފިހާރައިގައި ތިޖޫރީ ތަޅު ލިޔަސް

ދެން ކުރާާނެ ކަމެއް ކޮބާ އޭގާ އެ ހުޅުވޭ އަތް ހުރޭ

ރައްކަލަށްވެސް ރައްކަލަށް ރައްކާކުރާ ރާފުޅިފުޅީ

ލައްކަ މީހުން އެބަ ބުނޭ އޭގައި އެ ބޯނޭ އަނގަ ހުރޭ"

ލާރިޔާ ފައިސާއަކަށް ޖިންސެއް ނުވާ ކަމުގައި ވިޔަސް

ލާރިޔާ ފައިސާ ތެރޭ ބުނެވޭ ވިހާފައިސާ ހުރޭ"

އަދަބީ މަސައްކަތާއި ދިވެހިބަސް ދިރާސާ ކުރެއްވުމުގެ އިތުރަށް ޞާދިޤް އެންމެ ކުރައްވާ ހިތްޕުޅުވާ މަސައްކަތަކީ ކިޔަވައިދެއްވުމުގެ މަސައްކަތެވެ. އެހެންވީމާ ފެށުނީއްސުރެ އެކި ގޮތްގޮތަށް އެ މަސައްކަތް ގެންދެވީ ކުރައްވަމުންނެވެ. އެންމެ ފުރަތަމަ މާލޭގައި ހިންގާ ބައެއް މަދަރުސަތަކާއި ދިވެހި ކުލާސްތަކަށްވަޑައިގެން ކިޔަވައި ދެއްވީއެވެ. އޭގެ ފަހުން އަމިއްލަފުޅު ގޭގައި "އެލްޕާސޯ ކްލާސް" ގެ ނަމުގައި ކުލާހެއް ހައްދަވައިގެން ކިޔަވައި ދެއްވާން ފެއްޓެވިއެވެ. އެ މަސައްކަތް މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

މަޖީދިއްޔާ ސްކޫލާއި އީޕީއެސް ސްކޫލާއި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ އާއި ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ދިވެހި މުދައްރިސުކަން ކުރެއްވިއެވެ. ދިވެހިބަސް ކިޔަވައިދޭނޭ އެތައް ފޮތެއް ވަނީ ލިޔުއްވައިފައެވެ.

ސިލޯނުގައި ތިބޭ ދިވެހި ދަރިވަރުންނަށް ކިޔަވައި ދެއްވާންވެސް ޞާދިޤް އުޅުއްވިއެވެ. އެއީ ސަރުކާރުން ދެއްވި ވަޒީފާއެއްގައެވެ. ސިލޯނުގައި ޞާދިޤް ހުންނެވީ ސޯސަންވިލާގައެވެ. ކިޔަަވައި ދެއްވީ ވެސްލީ ކޮލެޖާއި ކޭރީ ކޮލެޖްގައި ކިޔަވާން އުޅުނު ދިވެހި ދަރިވަރުންނަށެވެ.

އަދަބީ އެކި ދާއިރާތަކުގައި މަސައްކަތްޕުޅު ކުރައްވައި އުމުރުފުޅު ހުސްކުރައްވަމުން ގެންދަވާ އަޅުގަނޑުމެން އެންމެންގެ އެދުރު ޢަބްދުﷲ ޞާދިޤް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ހިތްޕުޅުވާ ދާއިރާއަކީ ކިޔަވައިދެއްވުމުގެ ދާއިރާއެވެ. ދިވެހިން އޭނާ ފާހަގަ ކުރައްވާން އޭނާ ބޭނުންފުޅުވަނީވެސް "މުދައްރިސު"ގެ ގޮތުގައެވެ. އެކި ރޮނގުރޮނގުން އެކި ފެންވަރުގެ އިނާމު ލިބިވަޑައިގެންފައި ވިޔަސް ކިޔަވައިދެއްވުމުގެ ދާއިރާއަކުން ޞާދިޤަކަށް އިނާމެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެކަމަކު އެއީ އޭނާ ހިތާމަ ކުރައްވާ ކަމެއް ނޫނެވެ.

"އަޅުގަނޑު ކިޔަވައިދިން ދަރިވަރުން ވަރަށް ގިނަ ވާނެއެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އަޅުގަނޑުގެ ދަރިވަރުންނެވެ. މީގެ އިތުރަށް އަމިއްލަ މަސައްކަތުގައި ވިޔަސް އަދި މަސައްކަތެއް ނުކުރިޔަސް އަޅުގަނޑު ކިޔަވައިދީފައިވާ ކުދިންތައް ބައިވަރެވެ. އަޅުގަނޑުގެ ހަގީގީ ރައުސްމާލަކީ އެއީއެވެ. އެކަން ހިތަށް ވަނީމާ ލިބޭ ހިތްހަމަ ޖެހުމާއި އުފަލަކީ އަޅުގަނޑުގެ އިނާމެވެ. އެ ދަރިވަރުންގެ ލޯތްބަކީ އަޅުގަނޑުގެ މެޑެއްޔެވެ." ޞާދިޤް ވިދާޅުވިއެވެ.

2 ޚިޔާލު

  1. މި ވަރަށް ރަނގަޅު ލިޔުމުގަ އަޅައިގަތް ތަންކޮޅެއް އެބައޮތް.

    "މަދަރުސާއިން ވަކި ކުރެއްވުމަށް ފަހު ޞާދިޤަށް ވަޒީފާ ދެއްވީވެސް ސަރުކާރުގެ ޗާޕްޚާނާއިންނެވެ."

    މަދުރަސާއިން ވަކިކުރެއްވުމަށްފަހު އޭ އޮތީމަ ހިތަށް އަރަނީ ކީއްވެބާއޭ ވަކިކުރީ. އޭގެ ތަފްސީލު ކޮންމެވެސް ވަރަކަށް ނަމަވެސް ގެންނެވިނަމަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.