ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ކޮމިޓީއަށް، ރައީސް ކަމަށް ޙަސަން ވަޙީދު

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙު މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިއަދު އޮތް މަޖިލީހުގައި ކޮމިޓީއަށް ފޮނުއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދެވެ. ރައީސް ސޯލިޙު ވަނީ އެ ބޯޑަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހަތް ނަންފުޅެއް ފޮނުއްވާފައެވެ. އެ ބޯޑަކީވެސް ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.

މައްސަލަ ކޮމިޓީއަށް ފޮނުއްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ބޭފުޅުންގެ ވަނަވަރާއި އެނޫންވެސް މައުލޫމާތު ރައީސްގެ ސިޓީފުޅާއެކު އެބައޮތް ކަމަށާއި، އެހެންކަމުން ސަރުކާރު ޙިއްސާވާ ހުރިހާ ކުންފުންޏެއްގެ ހުރިހާ ކަމެއް ބެލެހެއްޓުން ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ކަމަށްވާތީ، އެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ކަންކަން ކޮމިޓީ މަރުޙަލާގައި ވަރަށް ބޮޑަށް ބެލުމަށް އެދިވަޑައިގަތެވެ.

ޕްރައިވެޓައިޒޭޝަން ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބެލެހެއްޓުމަށްޓަކައި އޮންނަ ބޯޑެކެވެ. ބޯޑުގެ މެމްބަރުންގެ މުސާރަ ކަނޑައަޅާނީވެސް ރައްޔިތުންގެ މަޖިލީހުންނެވެ. ބޯޑުގެ ރައީސް ކަމާއި، ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން ހަމަޖައްސަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް:

1- ހަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ (ރައީސް ކަމުގެ މަގާމަށް)

2-އާސިމް މުޙައްމަދު، ގ. މެޒަރިން (ނައިބު ރައީސް ކަމުގެ މަގާމަށް)

3- އައިޝަތު ޝާޒުލީ، މ. ސެވޯއީ (އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާ)

4-ރުޝާހާ އަހްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ (ބޭންކިންގ ދާއިރާ)

5- އަލީ ޝަފީއު، މ. ހުދުކަނީރުގެ (ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ)

6- އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު (ޤާނޫނީ ދާއިރާ)

7-އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ (އިގްތިސޯދީ ދާއިރާ)

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.