ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ ޖަލްސާތަކުގައާއި، ޓުވިޓަރގައިވެސް ފަހަކަށް އައިސް "ހަޑިއެއްޗެހި ގޮވާއިރު" ޖާބިރުގެ ދާއިރާގައި ހިމެނޭ ގާފަރުގައި އައިސް ޕްލާންޓެއް އަޅަން ރައީސް ސޯލިޙުގެ ސަރުކާރުން ނިންމި ނިންމުމަކީ ރައީސްގެ އިންސާފުވެރިކަން އެނގިގެން ދިޔަ ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމްކުރަން ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން ދެ އައިސް ޕްލާންޓެއް ގާއިމް ކުރުމަށްޓަކައި މަސްވެރިކަމާބެހޭ ވުޒާރާއިން އިއްޔެ ސޮއި ކުރި ދެ އެއްބަސްވުމުގެ ތެރޭގައި ކ. ގާފަރުގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްވެސް ހިމެނިފައިވާތީ އެ ޚަބަރު ޓެގު ކުރައްވައި ރޮޒައިނާ ވިދާޅުވީ މި އެއްބަސްވުމުގައި ސޮއި ކުރުމުން އެނގުނީ ރައީސް ސޯލިހުގެ ސަރުކާރުން ވަކިމީހަކާމެދު ތަފާތު ކުރުމެއް ނުގެންގުޅޭ ކަމެވެ.
"މީގެން އެނގުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިހުގެ އިންސާފުވެރިކަން. ކޮންމެ ދުވަހަކު ޖާބިރު، ރައީސުލްޖުމްހޫރިއްޔާއަށް ހަޑިއެއްޗެހި ގޮވާއިރުވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައީސް ތަފާތު ނުކުރައްވާ" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި މިގޮތަށް ކަންކަން ކޮށްދިނުމަކީ މީގެކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނާއި، އަދި ފަހުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނަށްވެސް "ލާމަސީލު މިސާލެއް" ކަމަށެވެ.
ފަހަކަށް އައިސް ރައީސް ސޯލިހަށް ނިސްބަތް ކުރައްވައި ޖާބިރު މަޖިލީހުގެ ބަހުސްތަކުގައި "ވަގަށް" ގޮވަމުން ދިޔައިރު ޖާބިރުގެ ރުޅިގަނޑު އެންމެ ބޮޑަށް އަމާޒުވި އެއްފަރާތަކީވެސް ރޮޒައިނާ އާއި ފިރިކަލުން މުޙަންމަދު ނާޝިޒެވެ. މި ހޫނުގަނޑުގައި ޖާބިރު ވަނީ ރޮޒައިނާ އާއި ނާޝިޒަށްވެސް "ވަގަށް" ގޮވާފައެވެ. ފަހުން ރޮޒައިނާ އާއި ނާޝިޒުގެ ހޫނު ރައްދުތަކެއްވެސް ޖާބިރަށް އަމާޒު ވެގެންދިޔައެވެ.
ޖާބިރުގެ ދާއިރާގައި ހިމެނޭ ގާފަރުގައި ސަރުކާރުން އަޅަން ނިންމައި އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން އެރަށުގައި ގާއިމް ކުރަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. ޖާބިރުގެ ދާއިރާގައި އޮންނަނީ ކާށިދޫ އާއި ގާފަރު އެކަންޏެވެ. އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ދެން ހިމެނެނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ދާއިރާގައި ހިމެނޭ ރ. މަޑުއްވަރީއެވެ. އާދަމް ޝަރީފަކީވެސް އިދިކޮޅު ޕާޓީގެ މެމްބަރެއްގެ ޙައިސިއްޔަތުން ބަޔެއް ބަހުސްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
ކ. ގަފާރާއި، ރ. މަޑުއްވަރީގައި އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ދަށުން ގާއިމްކޮށްދޭ ދެ އައިސް ޕްލާންޓުގެ ޖުމްލަ އަގަކީ 7،992،529،30 ރުފިޔާއެވެ. މިއީ މެދުރާއްޖެތެރެ އާއި އުތުރުގެ މަސްވެރިންނަށް އަމާޒުކޮށް، އެ މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަޅައިދޭ ދެ އައިސް ޕްލާންޓެވެ.
Kameh nuvatha ehee eh libijjenama maale eyriyaain beyru vane madhukameh kankuraane jaaga nulibijjenama kanduhikkaigenves maale eyriyaa ah funijassaa