ހެންވޭރުގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާގައި ސަލާމަތްވި މީހެއްގެ އިބްރަތްތެރި ވާހަކައެއް!

ފޭސްބުކު ހާވަމުން ދަނިކޮށް އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ މީހަކު އޭނާގެ ފޭސްބުކުގައި ސުރުޚީއެއް ޖަހާލުމަށްފަހު ލިޔެ، ދޫކޮށްލާފައި އޮތް ޕޯސްޓެއްގައެވެ. އޭނާ ދޫކޮށްލި އެ ޕޯސްޓްގެ ސުރުޚީ ފެނިފައި ފުރަތަމަ އަހަރެން މާބޮޑަށް އެއަކު އަޅައެއް ނުގަތެވެ. އެހެންވެ ސުރުޚީ ކިޔާލުމަށްފަހު ޕޯސްޓްގެ ދެލައިނެއްވަރު ކިޔާފައި އަހަރެން އަނެއްކާވެސް ފޭސްބުކު އަނބުރާލީއެވެ. ހަގީގީ ޙާދިސާއެއް ކަމަކު، އެ ޕޯސްޓަށް މާބޮޑު ފަރުވާލެއް ނުބައްޓައެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް އަހަރެންގެ އަންހެނުން ފޭސްބުކު މެސެންޖަރުން އަހަރެންނަށް އެއްޗެއް ފޮނުވާލިއެވެ. އަހަރެން ހުޅުވައި ބަލާލީމެވެ. އުހުނ.. އަންހެނުން ފޮނުވި މެސެޖް ހުޅުވައި ބަލާލިއިރު އޭނާވެސް ފޮނުވާފައި މިއޮތީ ހަމަ އެއްކަލަ " ހަޤީޤީ ޙާދިސާ: 250 ރުފިޔާއަށް ލިބުނު ސައިކަލު" މިހެން ސުރުޚީ ޖަހައި އެއްކަލަ މީހާ ކޮށްފައި އޮތް ޕޯސްޓެވެ. ދެންވެސް އަހަރެން އެއަކަށް މާބޮޑު ޝައުގުވެރި ކަމެއް ނެތެވެ. އަހަރެންނަށްވެސް ތިޔަ އެއްޗެއް ފެނުނޭ، އަމިއްލައަށް ހިތާހިތާ ކިޔާލުމަށްފަހު އެއިން ނުކުމެ ފޭސްބުކަށް އެނބުރި ރުޖޫއަވެއްޖައިމެވެ.

އެކަމަކު މިނިޓެއްހާއިރު ފަހުން އަހަރެންގެ ހިތަށް އެރިއެވެ. ނޫނެކެވެ. އަންހެނުން އެކަހަލަ އެއްޗެހި އަހަރެންނަށް އާންމުކޮށް ފޮނުވަނީ އޭނާ އެއެއްޗެއް ފެށިގެން ނިމެންދެން ކިޔާފައެވެ. އެހެންވީމާ އެ ޕޯސްޓުގައި ކޮންމެވެސް މުހިންމު، އިބުރަތްތެރި ވާހަކައެއް، ނުވަތަ ހީލެވޭ ކަހަލަ މަޖާ ވާހަކައެއް ނެތްނަމަ އޭނާ، އެއެއްޗެއް އަހަރެންނަކަށް ނުފޮނުވީސްތޯއްޗެކެވެ. އެހެންވެ އަހަރެންގެ ހިތް ބުނެލިއެވެ. އަލުން އެ ހުޅުވައި ނިކަން ބަލާލާށެވެ. އިބުރަތްތެރި ވާހަކައެއްވެސް އޭގައި އޮވެދާނެއެވެ. ނޫނީ ކޮންމެވެސް މީހަކަށް ދިމާވި މަޖާ ގަނޑެއްގެ ވާހަކަވެސް އޭގައި އޮވެދާނެއެވެ. ފެށުމުގައި ޝައުގުވެރިކަމެއް ނެތަސް، ނިކަން އެއެއްޗެއް ފެށިގެން ނިމެންދެކަށް ކަލޭ ކިޔާލަބަލާށޭ އަހަރެންގެ ހިތް ބުނެލިއެވެ. އަހަރެން ނިންމީ އަހަރެންގެ ހިތް ބުނިގޮތަށް އަމަލު ކުރާށެވެ. އެއީ އަހަރެން އާންމުކޮށް އަމަލުކުރާ ގޮތެވެ.

އަހަރެން އެނބުރި އެއްކަލަ ޕޯސްޓަށް ޖެހިލީމެވެ. މިފަހަރު މިއެއްޗެއް އެއްކޮޅުން، އަނެއްކޮޅަށް ނުކިޔައެއް ނިންމައެއް ނުލާނަމޭ ހިތައެވެ. މިފަހަރުވެސް ވީގޮތަކީ ފެށުމުގައި އަހަރެންނަށް ޝައުގުވެރިކަމެއް ނައެވެ. ނަމަވެސް އެމީހަކު ލިޔެފައި އޮތް އެއްޗެއް ކިޔަމުން ދިޔަވަރަކަށް، އަހަރެން އެކިޔަން ޝައުގުވެރި ވަމުން ދިޔައެވެ. ވަކި ހިސާބަކުން ހަމަ ރަނގަޅަށްވެސް އަހަރެންނަށް އޭގެތެރެއަށް ވަދެވިއްޖެއެވެ. ނުނިންމައި ނުނިކުމެވޭ ވަރަށެވެ. ވަރަށް ޝައުގުވެރިއެވެ. އިބުރަތުން ފުރިފައިވާ ވާހަކަ ތަކެކެވެ. ފޭސްބުކުން އަހަރެން ވަރަށް ގިނައިން ދެކޭ ނަމެކެވެ.

އޭނާއަށް ދިމާވި ޙާދިސާ ވަރަށް ފުރިހަމައަށް ލިޔެފައި އޮތެވެ. ކިޔާލި ކޮންމެ މީހަކަށް ހަގީގަތުގައިވެސް އިބުރަތެވެ. މީހަކު ކުރާ ހެޔޮކަމެއްގެ ބަދަލު ﷲ ދެއްވާ ގޮތް ވަރަށް ފުރިހަމައަށް އިޙްސާސްވިއެވެ. ގިނަ މީހުންގެ ބަހުން ނަމަ ކޮށްލި "ކުޑަކުޑަ ކަމަކުން" އޭނާއަށް ލިބުނީ ވަރަށް ބޮޑު ރަޙްމަތެކެވެ. ނަސީބެކެވެ. ހަމައެކަނި އޭނާގެ ސައިކަލު ސަލާމަތްވީ އެކަންޏެއްނޫނެވެ. މާލޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ޙާދިސާގައި ސައިކަލުގެ އިތުރުން އޭނާގެ ފުރާނަވެސް ސަލާމަތްވީއެވެ. ސައިކަލަށްވުރެ ފުރާނައިގެ އަގު ބޮޑެވެ. ނަމަވެސް ފުރާނަ ސަލާމަތްވުމުގެ އިތުރުން ސައިކަލު ސަލާމަތްވުމަށް އޭނާގެ ހިތް ބުނި ވާހަކައިގެ އިބުރަތްތެރިކަންވެސް ކުޑައެއްނޫނެވެ. މީހެއްގެ ސައިކަލުގެ ލޯގަނޑު އޭނާގެ އަތުން ހަލާކުވުމުން، އެކަން އޮއްބާލުމުގެ ބަދަލުގައި އެކަމުގައި އޭނާ އަމަލު ކުރިގޮތުގެ ރަނގަޅު ކަމުން ﷲ އޭނާއަށް އެ ދެއްވީ ހާދަހާ ބޮޑު އިނާމެކެވެ. އިނާމަކަށް އަމިއްލަ ފުރާނަ އާއި ދުއްވަން ގެންގުޅޭ އަގުބޮޑު ސައިކަލެވެ. އޭނާ އެކުރީ ކުޑަކަމެއް ކަމަށް އަހަރެމެންނަށް ހީވިޔަސް، ﷲ ގެ ދަރުބާރުގައި އޭނާ އެކުރި ކަންތައް ލިޔެވިގެން އެދިޔައީ ނިކަން ބޮޑު ކަމަކަށެވެ.

އެހެންވެ އަހަރެން ހިތަށް އެރީ މި އިބުރަތްތެރި ވާހަކަ ނޫހުގެ ކިޔުންތެރިންނާ ޙިއްސާ ކޮށްލާނަމޭއެވެ. އެހެންވެ އޭނާގެ ޕޯސްޓުގައި އޮތް ލިޔުމުގެ ތެރެއިން އެ ޙާދިސާގެ އެންމެ މުހިންމު، އަދި އެންމެ ޝައުގުވެރި ލިޔުންކޮޅު މިތަނުގައި ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. އޭނާ ލިޔެފައި އޮތް ގޮތަށެވެ. ލިޔުމާއެކު އެވާ ފޮޓޯއަކީ ލޯގަނޑު ހަލާކުވި ސައިކަލާއި، އެ ސައިކަލުގައި އޭނާ ހަރުކުރި ލިޔުންކޮޅެވެ. މި ރިޕޯޓުގައި އެމީހާގެ ފޮޓޯއެއް ޖަހާލުމުގެ އިޒުނައަކަށްވެސް އަހަރެން އެދުނީމެވެ. ނަމަވެސް އޭނާ ބުނީ ނޫހުގައި އޭނާގެ ފޮޓޯއެއް ނުޖެހުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އެހެންވެ އޭނާގެ ފޮޓޯ ފޭސްބުކުން އަހަރެންނަށް ލިބިފައި ހުއްޓެއް ކަމަކު އޭނާގެ ނިންމުމަށް އަހަރެން އިޙްތިރާމް ކުރުމުގެ ގޮތުން، ހަމައެކަނި މި ހިމަނާލީ ލިޔުން ހަރުކުރި ސައިކަލުގެ ފޮޓޯ އެކަންޏެވެ. މިހިސާބުން އޭނާގެ ލިޔުންކޮޅަށް ޖެހިލަމާ ހެއްޔެވެ.

"މިއަހަރު މާރިޗް 22 ވަނަ ދުވަހުގެރޭ، ބަލިމީހަކަށް ޒިޔާރަތްކުރަން އައި.ޖީ.އެމް.އެޗަށް ގޮސް ކަނބާއައިސާރަނި ހިނގުމުގައި، މުރަނގަ މަގުން ނިކުމެވޭދިމާގައި ޕާކުކުރަން އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ސައިކަލުގެ މުށްގަނޑުގެ ކޮޅުން ޖެހިފައި، ޖެހިގެންހުރި ސައިކަލުގެ ލޯގަނޑު ތަޅައިގެން ދިޔައެވެ. ފުރަތަމަވެސް އަޅުގަނޑަށް ބަލައިލެވުނީ އެއްވެސްމީހަކަށް މިތަންފެނުނުތޯއެވެ. އެއްވެސްމީހެއްނެތެވެ. އަވަސްއަރުވާލާފައި ދިއަޔަސް މައްސަލައެއް ނެތެއްނޫންހެއްޔެވެ؟

ހަމަ އެސިކުންތުގައި އަޅުގަނޑުގެ ހިތް ބުންޏެވެ. އެއީ ޝައިޠާނާގެ ވަސްވާހެވެ. ގޮސްގެންނުވާނެއެވެ. ދީނުގައި އޮންނަގޮތަކީ ލޮލަކަށް ލޮލެކެވެ. ތަޅައިގެންދިޔަ ލޯގަނޑަށް، ލޯގަނޑެއް ދޭން އަޅުގަނޑަށް ޖެހޭނެއެވެ. ދެން އަޅުގަނޑު ލައްކައިރު މަޑުކޮށްގެން ހުރެވެސް ސައިކަލުގެ ވެރިމީހާއެއް ނައައެވެ. އެންމެފަހުން އަޅުގަނޑު ދާންޖެހިއްޖެއެވެ. ހަދާނެގޮތަކާއިމެދު ކުޑަކޮށް ވިސްނާލީމެވެ. ޚިޔާލެއް އައެވެ. ހޯދާލިއިރު އެދިމާއިން ބިންމަތީގައި އައިކެއާރ ކޮތަޅެއް އޮތެވެ. ކޮތަޅު އިރާލައިގެން، ކުރިމަތީގައިހުރި ފާރމަސީއަށް ވަނދެ މާކަރެއް ހޯދައި، ފޮޓޯއިން ފެންނަށް އެހުރި ނޯޓްލިއެފައި ކޮތަޅުގެ އަތްގަނޑު ވާފަށް ތަޅައިގެންދިޔަ ލޯގަނޑުގައި އަޅުވާފައި ދިޔައީއެވެ.

އަނެއްދުވަހު ހެނދުނު އޭނާ ގުޅިއެވެ. ލޯގަނޑެއްގެ އަގުބަލާފައި އަންގާލަދޭށޭ ދެންނެވުމުން ފަހުން ގުޅާފައި އެއީ 250 ރުފިޔާކަމަށް ބުންޏެވެ. އޮންލައިންކޮށް ޓުރާންފާކޮށް އޭނާގެކަން ނިންމައިދިނީމެވެ. އޭނާއަކާއި އަޅުގަނޑަކާ ބައްދަލެއް ނުވެއެވެ. އަދި އަދަށްވެސް އެއީ ކާކުކަމެއްވެސް ނޭނގެއެވެ. ފޮޓޯ ދައުރުވާގޮތްވީ ކިހިނެތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޔަގީނުންވެސް އަޅުގަނޑު ފޮޓޯއެއް ނުނަގަމެވެ.

ހުކުރުދުވަހު އަޅުގަނޑު އޮފީހަށް ވަންނަނީ ޢަސުރަށް ފަހުގައެވެ. ހުސްވި ސެޕްޓެމްބަރު 20 ވީ ހުކުރުދުވަހު، ޖަމާލުއްދީން ސުކޫލްކައިރީގައި ހުންނަ އަޅުގަނޑު ދިރިއުޅޭ ގެއިން ނިކުމެފައި ހިތަށް އެރިއެވެ. މިއަދު އޮފީހަށްދާނީ ހިނގާފައެވެ. މިއީ މީގެކުރިން ދުވަހަކުވެސް އަޅުގަނޑު ހިތަށްއެރި އެއްޗެއް ނޫނެވެ. އަދި ހަމަ އެހެންމެ ދުވަހަކުވެސް ސައިކަލު ގޭދޮށުގައި ބަހައްޓާފައި އޮފީހަށް ހިނގާފައި ނުދަމެވެ. އެކަމަކު އެދުވަހު ހަމަ ހިނގާފައި ދާން މާބޮޑަށް ބެއިނުންވީއެވެ. ދިޔަގޮތަށް އަޅުގަނޑު އުޅުނީ އޮފީހުގައެވެ. މުހިއްމު ކަމެއްގައި އުޅުނު ރެއެއްވީމާ އަޅުގަނޑުމެން މަޣުރިބުނަމާދު ކުރީވެސް އޮފީހުގައެވެ.

7 ޖަހާ އިރުކޮޅެއްވީތަނާ، އެހެންޏާ ނުއިވޭހަކަލަ އަޑުފަށްގަނޑެއް އިވެންފެށިއެވެ. ވައިގަދަ ވިއްސާރަ ދުވަސްވަރަކަށް ވާތީ އަޅުގަނޑު ހީކުރީ ތަންތަނުގެ ދޮރުތައް ވަޔާ ލެއްޕޭ އަޑުކަމަށެވެ. އަޅުގަނޑު އިނީ ކޮޓަރީގައި ދޮރުވެސް ލައްޕައިގެންނެވެ. އިރުގަނޑެއް ވީއިރުވެސް އަޑެއް ނުކެނޑެއެވެ. އަޑުވަނީ ގަދައެވެ. ޚަބަރުބަލާލަން ކޮޓަރީގެ ދޮރު ހުޅުވާލިއިރު އޮފީހަށް ވަންނަ ދޮރުމަތީގައި އަޅުގަނޑުގެ ކޮއްކޮ ހުއްޓެވެ. އަދި ވަރަށް ހާސްވެފައި ބުނީ މި އިމާރާތުގައި ރޯވެ އަނދަނީކަމަށެވެ. ކުޑަކޮށް ދޮރާއި ހަމަޔަށް ކާރިވިއިރު ކަމަކުދާކަށް ނެތެވެ. އަލިފާންގަނޑުގެ ދޮން އޮރެންޖުކުލަ ގަދަޔަށް ފެންނަށް ހުއްޓެވެ. ބޭރުންގޮވަނީ، ލަސްކޮށްފިއްޔާ ނުނިކުމެވޭނެ ކަމަށެވެ. އެވަގުތު ހިތަށްއައިހާ ހެޔޮއެއްޗެއް ކިޔަމުން އަޅުގަނޑުމެން ދެބެއިންނާއި އެހެން ބައެއް މީހުނާއިއެކު ނިކުތީމެވެ.

ނިކުމެވުނުއިރު ރޯވެ އަނދަމުންދަނީ އޮފީސްހުރި އިމާރާތެއް ނޫނެވެ. ފުރަތަމަ ރޯވިކަމަށް ބުނަނީ އޮފީސްކުރިމަތިން ކަހަލަގޮތަކަށް ހުރި ކެމިކަލް ގުދަނެއްގައެވެ. އަޅުގަނޑުމެންނަށް ނިކުމެވުނުއިރު ބޭރު އޮތްގޮތް މިތާގައި އެވާ ވީޑިއޯއިން ފެންނަށް އެހުރީއެވެ. ގެއަށްދާން ފަސޭހައަކަށް އަބަދުވެސް އަޅުގަނޑު ސައިކަލު ޕާރކު ކުރަނީ އޭ.ޑީ.ކޭ އާއިދިމާ ސޯސަންމަގަށް ނިކުމެވެން އޮންނަ ގޯޅި ކަންމައްޗާއި ވީހާވެސް ކައިރިއެއްގައެވެ. ހަމަ އަބަދުވެސް މެއެވެ. އަލިފާނުގެ ހާދިސާއަށްފަހު މަގު ހުޅުވުމުން، މިހާރުވެސް މެއެވެ. އެއީ ވީޑިއޯގައި އެފެންނަ އެންމެ ގަދައަށް އަނދައަނދާ އެއޮތްތަނުގެ މެދެވެ.

އެކަމަކު... އެދުވަހު ހިތަށްއެރި އެއްޗަކުން އާދެވުނީ ސައިކަލު ގޭދޮށުގައި ބަހައްޓާފައެވެ. މިތާގައި އެވާ ފޮޓޯ އަޅުގަނޑަށް ލިބުމުން ލޯގަނޑު ތެޅުނުރެއާއި، އަދި މިބޮޑު އަލިފާނުގެ ހާދިސާމަތިން ހަނދާންވެ ހިތުގެ ވިންދު އަވަސްވިއެވެ. އަޅުގަނޑުގެ ސައިކަލާއި ގުޅިފައިވި މި ދެހާދިސާ ލޯމަތީގައި އެނބުރޭވަރުން ހެޔޮއެދޭ ފަރާތްތަކާ މިވާހަކަ ޝެއަރ ކޮށްލާނަމޭ ހިތަށްއެރީއެވެ. މިކަންކުރުމުގެ ހަމައެކަނި ބޭނުމަކީ، މިކަމުގައި ޢިބްރަތެއް ވާކަމަށް ގަބޫލުކުރެވޭނަމަ، ނިޔަތް ތެދުވެރި، އިޚްލާސްތެރި އިޙްސާންތެރި މުސްލިމުން މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރު ކުރުމެވެ."

ވަރަށް އިބުރަތްތެރި ވާހަކައެކެވެ. އެހެން ނޫންތޯ؟

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.