ސައޫދީ އަރަބިއްޔާގައި ސްޓޭޖް ޝޯއެއް ކުރިއަށް ދަނިކޮށް ތިން ފަންނާނުންނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ކުރިއަށް ދިޔަ ސްޓޭޖް ޝޯއެއް ކުރިއަށް ދަނިކޮށް، ވަޅި ހިފައިން ހުރި މީހަކު އަރާ ހަމަލާ ދިނުމުގެ ސަބަބުން ތިން ފަންނާނުން ޒަޚަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ރިޔާޟުގެ އަލްމަލައްޒު އަވަށުގައި އޮންނަ ޢަބްދުﷲ ރަސްގެފާނު ބަގީޗާގެ ސްޓޭޖުގައި ނެށުމެއް ހުށަހަޅަމުން ދަނިކޮށެވެ.

ސައޫދީ ރެޑް ކްރެސެންޓުގެ ތަރުޖަމާނު ޔާސިރު އަލްޖަލާޖިލު ވިދާޅުވި ގޮތުގައި ރޭ 8 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 10 ޖެހިއިރު) ހިނގި މިހާދިސާގައި ޒަޚަމްވި އެންމެންނަށް ވަނީ ރިޔާޟުގައި ހުންނަ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒުގައި ފަރުވާދީފައެވެ.

ރިޔާޟު ފުލުހުންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި ފުލުހުން ވަނީ ވަޅިން ހަމަލާ ދީ ދެ ފިރިހެނަކާ އަންހެނަކު ޒަޚަމްކޮށްލި އަރަބި ގައުމަކަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކު އޭނާ ގެންގުޅުނު ހިތިޔާރާއެކު (ވަޅިއާއެކު) ހައްޔަރުކޮށްފައެވެ. ސައޫދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ހައްޔަކުރެވިފައި ވަނީ ޔަމަނު މީހެކެވެ.

ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރިއަށް ގެންދަވާ އިސްލާހީ ޕްރޮގްރާމްގެ ތެރެއިން، މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއުޒިކް ޝޯތަކާއި، ރެސްލިން ޝޯތައް އިންތިޒާމުކުރުމުގެ ހުއްދަ ދީފައިވާއިރު، ސިނަމާ ހުޅުވައި ފިލްމުވެސް ދައްކަން ވަނީ ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.