ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިޔާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ބާބްރީ މިސްކިތް ތަޅާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

އިންޑިޔާގެ އަޔޯދިޔާގައި ބާބްރީ މިސްކިތް ހުރި ބިން ހިންދޫ ފައްޅިއެއް އަޅަން ހިންދޫންނަށް ދިނުމަށް އިންޑިޔާގެ ސްުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އިންޑިޔާގެ ސުޕްރީމްކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހިންދޫ ފައްޅިއެެއް އެެޅުމަށް ޓަކައި ހިންދޫންނަށް ދިނުމަށާއިމުސްލިމުން މިސްކިތެއް އެޅުމަށްޓަކައި އަޔޯދިޔާގެ އެހެން ހިސާބަކުން ފަސް އޭކަރުގެ ބިމެއް ދިނުމަށެވެ.

ހުކުމުގައި އިންޑިޔާ ސަރުކާރަށް އަންގާފައި ވަނީ ހިންދޫންގެ ކަލާނގެ ރާމްއަށް ޚާއްސަކުރެވޭ ފައްޅިއެއް ބާބްރީ މިސްކިތް ހުރި ބިމުގައި ބިނާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓްރަސްޓެއް އުފެއްދުމަށެވެ. އެގޮތުން ތިން މަސްދުވަހުގެ ތެރޭގައި އެކަމާ ބެހޭ ޕްލޭނެއް އެކުލަވާލައި، ޚާއްސަ އިދާރާއެއް އުފައްދައި، އެ އިދާރާގެ ބެލުމުގެ ދަށުން މިސްކިތުގެ އިމާރާތް ހުރި ތަނާއި، އެ އިމާރާތުގެ ވަށައިގެންވާ ބިން 'ރާމްޖަނަމްބޫމީ ޓްރަސްޓް' ގެ ނަމުގައި އުފައްދާ ޓްރަސްޓާ ހަވާލުކުރަން ޖެހެއެވެ.

ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ބާބްރީ މިސްކިތް ބިނާކޮށްފައި ހުރީ ހުސް ބިމެއްގައެެއް ނޫނެވެ. ކުރިން އެތަނުގައި ހުރި ފައްޅިއެެއްގެ މަތީގައެެވެ. އެހެންކަމުން، އެ ބިމުގައި ބިނާކުރެވެން ޖެހެނި ފައްޅިއެކެވެ.

ހުކުމް އިއްވަވަމުން އިންޑިޔާގެ ޗީފް ޖަސްޓިސް (އުއްތަމަ ފަނޑިޔާރު) ރަންޖަން ގޮގޯއީ ވިދާޅުވީ ގާނޫނު އޮންނަން ޖެހޭނީ ހުރިހާ ސިޔާސީ އަދި ދީނީ ވިސްނުމަކަށްވުރެ މަތީގައި ކަމުގައެވެ. އަދި ސުޕްރީމް ކޯޓަކީ ސެކިއުލާ (އަލްމާނީ) މުއައްސަސާއަކަށް ވީހިނދު، ކޯޓުން ހުރިހާ އަގީދާއަކަށާއި ދީނަކަށް އިހުތިރާމުކުރަން ޖެހޭ ކަމުގައެވެ.

މި ހުކުމަށް ފަހު ހިނގާފާނެ ހަމަނުޖެހުމަކާ ކުރިމަތިލުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ވަނީ ގައުމުގެ ކަންކޮޅުތަކުގައި ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ހެނދުނު ކުރި ހުކުމަށް ފަހު ވާހަަކަފުޅު ދައްކަވަމުން، ބާބްރީ މިސްކިތުގެ މައްސަލައިގެ މުސްލިމުންގެ ފަރާތުން ވަކާލާތުކުރި ސުންނީ ސެންޓްރަލް ވަޤްފު ބޯޑު (އެސްސީޑަބްލިޔުބީ) ސުޕްރީމްކޯޓުގައި ތަމްސީލުކުރެއްވި ޒަފަރްޔާބް ޖީލާނީ ވިދާޅުވީ މިއަދުގެ ހުކުމާ މެދު މުސްލިމުން ހިތްހަމަނުޖެހޭ ކަމުގައެވެ.

"(ހުކުމާ މެދު) އަހަރުމެން ހިތް ހަމަނުޖެހޭ. އެއީ އިންސާފުވެރި ހުކުމެއް ކަމަށް އަަަހަރުމެން ގަބޫލުނުކުރަން. މުޅި ހުކުމް ކިޔުމަށް ފަހު މުރާޖައާ އަށް އެދި ހުށަހެޅުމާމެދު އަހަރުމެން ގޮތެއް ނިންމާނަން." ޖީލާނީ ވިދާޅުވިއެވެ.

ބާބްރީ މިސްކިތް ނުވަތަ 'ބާބްރީ މަސްޖިދު' އަކީ މީލާދީން 1529 ވަނަ އަހަރު މުޣުލް ރަސްގެފާނު ބާބަރް ބިނާކުރެއްވި މިސްކިތެކެވެ. ހިންދޫން ދައުވާކުރާ ގޮތުގައި އެ މިސްކިތް ބިނާކޮށްފައިވަނީ އެމީހުންގެ ކަލާނގެ ރާމް އުފަންވި ބިމުގައި ރާމްގެ ހަނދާނުގައި އަޅާފައި ހުރި ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައެވެ. އެހެންކަމުން، އެ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރިންވެސް މަސައްކަތް ކޮށްފައި ވެއެވެ. ހައްދު ފަހަނައަޅާފައިވާ ހަރުކަށި ހިންދޫން ނުކުމެ އެ މިސްކިތް ތަޅާލާފައި ވަނީ 6 ޑިސެންބަރު 1992 ގައެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.