ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުން - 3

(6 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތުގައި ﷲ އަންގަވަނީ ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމް  އަކީ އެއިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވިގޮތަށް އުޅުމަކީ ރަޙުމަތެވެ. އެކަލޭގެފާނަށް ކަމޭހިތައި ލޯބިކުރުމަކީ ރަޙުމަތެވެ. އެކަލޭގެފާނު ހިމާޔަތްކޮށް ދިފާއުކުރުމަކީ ރަޙުމަތެވެ. މިފަދަ އެތައް މިސާލަކުން ﷲ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި މަގާމާއި ދަރަޖައިގެ ބޮޑުކަން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނުގައި އެތައްކަމަކަށް ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވައެވެ. އަޅުގަނޑުމެންކުރަންޖެހޭ ކޮންމެ ކަމަކުން ހުސްޠޯހިރުވަންތަ ﷲ ބަރީއަވެވޮޑިގެންވެއެވެ. އެކަމަކު އަޙުޒާބު ސޫރަތުގެ 56 ވަނަ އާޔަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ސަލަވާތްކިޔަވަން ކުރެއްވި އަމުރުގެ ކުރިން އެކަލާނގެ ވަހީކުރައްވަނީ ހަމަކަށަވަރުން އެކަލާނގެއާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ޞަލަވާތްލައްވާ ވާހަކައެވެ. ސުބުޙާނަﷲ. މިކަމުން އެނގެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތްކިޔެވުމަކީ ﷲ ގެ ސުއްނަތުގެތެރޭގައި ހިމެނޭ ކަމެއްކަމެވެ. މިއަމުރުން އެކަނި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢިއްޒަތްތެރިކުރައްވައި މަތިވެރިކުރައްވައިފައިވާ މިންވަރު ކަށަވަރުވެގެންދެއެވެ.

ﷲ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މަޤާމުލް މަޙުމޫދުގެ ދަރަޖަދެއްވިއެވެ. މިޚާއްޞަ މަގާމަކީ ޤިޔާމަތް ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެކަނި ﷲ ދެއްވާ މަގާމެކެވެ. މަޙުޝަރު މައިދާނުގައި ﷲ ޚަލްޤުކުރެއްވި އެންމެހައި އިންސާނުންގެ ކުރިމަތީގައި އެކަލޭގެފާނަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. މިމަގާމުގައި އެންމެހައި އިންސާނުންގެ ފަރާތުން ވަކިން ޚާއްޞަކޮށް ﷲ އަށް އީމާންވި މީހުންގެ ފަރާތުން ޝަފާޢަތްތެރިވުމުގެ އިޒުނަ އެކަލޭގެފާނަށް ދެއްވައެވެ. ﷲ ގެ ޙަޟުރަތުގައި ޝަފާޢަތަށް އެދި ދަންނަވާނީ ޚުދު އެކަލޭގެފާނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޝަފާޢަތް ގަބޫލުކުރައްވައި އެކަލޭގެފާނުގެ އެދިވަޑައިގަތުމަށް ﷲ އިޖާބަދެއްވާނެއެވެ. މިމަތިވެރި މަގާމު އެކަލޭގެފާނަށް ދެއްވުން އެދި ބަންގީގެ ދުޢާގައި އަޅުގަނޑުމެން ދުޢާކުރަމުއެވެ. މިމަތިވެރި މަގާމުން އެކަނިވެސް ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވާފައިވާވަރުގެ ބޮޑުކަން ތަސައްވަރުކުރެވެއެވެ.

ﷲ ސުވަރުގޭގެ އެންމެމަތީ ދަރަޖަ ދެއްވަނީ ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމް  އަށެވެ. އެއީ ފިރުދައުސް އަލްއަޢުލާއެވެ. މިތަންވަނީ ސީދާ ﷲ ގެ ޢަރުށިކޮޅާއި ޖެހިގެންނެވެ. މިޚާއްޞަ ދަރަޖައަކީ އަލްފަޟީލާތްއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާގޮތުގައި މިއީ ސުވަރުގޭގެ މަންޒިލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަންޒިލް ޚާއްޞަކުރައްވާފައިވަނީ އެކަލާނގެ އަޅުތަކުންގެތެރެއިން އެންމެ އަޅަކަށެވެ. ނުހަނު ތަވާޟުއުވެރިކަމާއެކު އެކަލޭގެފާނު ހާމަކުރެއްވިގޮތުގައި އެކަލޭގެފާނު އުއްމީދުކުރައްވަނީ އަދި ދުޢާކުރައްވަނީ އެއަޅަކަށް އެކަލޭގެފާނުވުމަށެވެ. އެހެންވެ ހުރިހާ މުސްލިމުން އެކަލޭގެފާނަށް މިދަރަޖަ ދެއްވުމަށް އެދި ކޮންމެ ބަންގިއެއްގެ ފަހުގައި ދުޢާކުރެއެވެ. އެކަލޭގެފާނަށް ވަސީލަތާއި ފަޟީލަތް ދެއްވުންއަދައިގެންނެވެ. މިމާތް ދަރަޖައިންވެސް އެނގިފާޅުވަނީ ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރެއްވިވަރެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރިކަލުން ޢަބުދުﷲ ވަރަށް ތުއްޕުޅު އުމުރުގައި އަވަހާރަވިއެވެ. ލިބިވަޑައިގެންނެވި މިބޮޑު ހިތާމަފުޅުގައިވަނިކޮށް އެކަލޭގެފާނުގެ އަވަށްޓެރިޔާ އަދި ބޮޑުބޭބޭކަލުން އަބޫ ލަހަބު އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. މުޙައްމަދުގެ ފިރިހެން ދަރިއަކުނެތޭ އޭނާގެ ދަރިކޮޅެއް ނަސަބެއްނެތޭ ގޮވައި އަބޫ ލަހަބު ހަޅޭއްލިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިތްޕުޅުގައި ޖެހުނުލެއްބޮޑުކަމުން އެކަލޭގެފާނަށް ކީރިތި ކުރެއްވުނެވެ. އެހިނދު ﷲ ކައުޘަރު ސޫރަތް ބާވައިލައްވައި ދުވަހަކުވެސް މީހަކަށް ނުދެއްވާވަރަށް ގިނައިން ބޯކޮށް އެކަލޭގެފާނަށް ދެއްވިކަމަށް އެންގެވިއެވެ. މިފަދަ ކޮންމެ މިސާލަކުން އެނގި ހާމަވަނީ ﷲ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި ލޯތްބާއި އިޙުތިރާމެވެ.

އަބޫ ލަހަބުގެ ޢަދާވާތްތެރިކަން އިންތިހާއަށް ދިއުމުން ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރެއްވީ އަބޫ ލަހަބު ނަރަކަވެރިއަކަށް ހައްދަވައިގެންނެވެ. މަސަދު ސޫރަތުން ﷲ އިޢުލާންކުރެއްވީ އަބޫ ލަހަބާއި އޭނާގެ އަނބިމީހާ ވަނީ ނަރަކައިގައިކަމުގައެވެ. އަބޫ ލަހަބު މަރުވީ މިސޫރަތް ބާވައިލެއްވިތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުންނެވެ. އެހެންކަމުން ދިހަ އަހަރު އޭނާ ދުނިޔޭގައި ލެއްވީ ނަރަކަވަންތަވެރިކަމުގެ ސިއްކަ އޭނާގެ މޫނުގައި ޖައްސަވާފައެވެ. މިކަމުގެ ޙިކުމަތަކީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަ އުފުއްލެވުމެވެ. އަދި އެކަލެގެފާނަށް މާތްކޮށް ނުހިތާ މީހުންނަށް ހުރި ޢަޒާބު އެންގެވުމެވެ.

އެއްފަހަރަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަހީއައުން މެދުކެނޑުނެވެ. މައްކާގެ މުޝްރިކުންނަށް މިކަން އެނގުމުން އެމީހުން އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތްކުރިއެވެ. އެކަލޭގެފާނުގެ ކަލާނގެ އެކަލޭގެފާނު ދޫކުރައްވައިފިކަމަށް ބުނެ މުޝްރިކުން އެތިވަރުތައް ގޮވަންފެއްޓިއެވެ. އިސާހިތަކު ﷲ ޟުޙާ ސޫރަތް ބާވައިލެއްވިއެވެ. މިސޫރަތުން ﷲ އެކަލޭގެފާނަށް ދެއްވީ އުއްމީދާއި ޔަގީންކަމާއި އުފާވެރިކަމެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއި އެކަލޭގެފާނަށް ހުރި ދަރަޖައާއި މޮޅުކަމުގެ ވާހަކަ މިސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޚާއްޞަ މަގާމާއި ދަރަޖައެވެ. އެކަލޭގެފާނުގެ ލޮބުވެތިކަމުގެ ބޮޑުކަމެވެ.

މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖުދުލް ޢަޤުޞާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ޤިބުލައަށް ކުރިމަތިލެއްވުމުން އެކަލޭގެފާނަށް ފުރަގަސްފުޅަށްވީ ކަޢުބަތުﷲ އެވެ. މަސްޖިދުލްޙަރަމްއަކީ އެކަލޭގެފާނުގެ އަދި ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނު، ﷲ ގެ އަމުރުފުޅަށް ބިނާކުރެއްވި ފުރަތަމަ މިސްކިތެވެ. ގެފުޅަށް ފުރަގަސްދެއްވަން ޖެހިވަޑައިގަތުމުގެ ހިތާމައިގައި އެއްދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްއުފުއްލަވައި އުޑަށް ބެއްލެވިއެވެ. މިކަމާގުޅިގެން ﷲ އެކަލާނގެ ރަސޫލާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ކަޢުބަތުﷲ އަށް ގިބުލަބަދަލުކުރެއްވިކަން ބަޤަރާ ސޫރަތުގެ 144 ވަނަ އާޔަތުން ﷲ އެންގެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިތާމަފުޅު ފިއްލަވައި އެކަލޭގެފާނަށް އުފާވެރިކަން ގެނެސްދެއްވުމަށްޓަކައި ﷲ ގިބުލަ ބަދަލުކުރެއްވުމުން އެނގެނީ އެކަލޭގެފާނުގެ މަތިވެރި ދަރަޖައެވެ. އެކަލޭގެފާނަށް ﷲ ލޯބިވެވޮޑިގަތް މިންވަރު މިކަމުން އެކަނި ކަށަވަރުވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަ އަހަން މީހުންތިބެއެވެ. އެގޮތަށް ތިބޭ މީހުންގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލާ ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަ ކަނުލާ އަހާކަމަށް ހެދިގެންނެވެ. އެފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެގޮތުން މުޙައްމަދު ސޫރަތުގެ 16 ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެފަދަ މީހުންނަކީ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވާ މީހުންކަމުގައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލާ އަހާ މީހުންނަކީ ﷲ ތެދުމަގު ދައްކަވައި ތެދުމަގު އިތުރުކުރެއްވި މީހުންކަމުގައެވެ. މިފަދަ އެތައް މިސާލަކުން ކަށަވަރުވާކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މަތިވެރިކަމާއި މާތްކަމެވެ.  

ﷲ އެމީހެއްދެކެ ލޯބިވެވޮޑިގަތުމަކީ ކޮންމެ މުސްލިމަކުވެސް އެކަމަށް އެންމެ އެދޭނެކަމެވެ. މިކަން ބޭނުން މީހާ ޖެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވާށެވެ. އެކަލޭގެފާނަށް ތަބާވުމުން ﷲ އެމީހަކު ދެކެ ލޯބިވެވޮޑިގަތުމާއެކު އެމީހެއްގެ ފާފަ ފުއްސަވައެވެ. ހަމައެގޮތަށް ﷲ އަށް ލޯބިވުމަށް އެދޭ މީހާވެސް ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވުމެވެ. މިކަމާގުޅޭގޮތުން ﷲ އެކަލާނގެ ރަސޫލާއަށް ޞައްލަﷲ ޢަލައިހި ވަސައްލަމް ބާވައި ލެއްވީ ސޫރަތުލް އާލުޢިމްރާނުގެ 31 ވަނަ އާޔަތެވެ. މިއިން އަޅުގަނޑުމެން ކަށަވަރުވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމާއި މަތިވެރިކަމެވެ. އެކަލޭގެފާނުގެ މާތްކަން ދަލީލުކޮށްދޭ މިފަދަ ކިތަންމެ އާޔަތެއް ކީރިތި ޤުރްއާނުގައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމާމެދު ބަލާއިރު އެކަލޭގެފާނު މީސްތަކުންނަށް ފޮނުއްވުންވެސް ފާހަގަކުރެވެއެވެ. ﷲ އަންގަވާފައިވާގޮތުގައި މޫމިނުންގެގާތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމަކީ ﷲ މޫމިނުންނަށް ދެއްވާފައިވާ ބޮޑުވެގެންވާ ދަރުމައެކެވެ. މިކަން ﷲ އަންގަވަނީ އާލުޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތުގައެވެ. މިދަރުމައިގެ ސަބަބުން އެކަލޭގެފާނު އެމީހުންނަށް ރިސާލަތު އިއްވަވައި އެމީހުން ޠޯހިރުކުރައްވައި އެމީހުންނަށް ފޮތާއި ޙިކުމަތް އުނގަންނައިދެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ އެންމެބޮޑު ކަމަކީ އެކަލޭގެފާނަށް އެންމެފުރިހަމަ މާނައިގައި ލޯބިދިނުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަން ބަޔާންކުރައްވަމުން ﷲ އަންގަވަނީ ޢަރަބީންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަރަބީންގެގާތަށް ފޮނުއްވިވާހަކައެވެ. މިކަން ބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުން އެނގެއެވެ. ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވިކަމަށްޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. މިކަމުން ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި ޢިއްޒަތާއި ޝަރަފްގެ ހައްދެއްނެތްކަމެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެން މުސްލިމުންކުރަންޖެހޭ ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަ މަތިވެރިކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއްކުރުމެވެ.

(ނުނިމޭ)

ޢަޙްމަދު ފަޔާޟު ޙަސަން
ޢަޙްމަދު ފަޔާޒް ޙަސަނަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަހު ނޫސްތަކުގައި ލިޔުއްވުމުގެ އިތުރަށް މަޝްހޫރު "ހުކުރު' މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން ކުރައްވައި އެ މަޖައްލާއަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ހިންގުމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދޭ އެދުރެކެވެ. އޭނާއަކީ ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔާ ލިޔުންތެރިއެއްވެސްމެއެވެ. މިހާރު ފަޔާޒަކީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.