ޗިޓް ފޮނުވައިފައިވާ ގޮތަށް ބަލާއިރު މިމަހު 17 ގައި ރައީސް ޔާމީނަށް ޙުކުމް އިއްވާނެކަމަކަށް ނުބެލެވޭ ކަމަށް ރައީސް ޔާމީންގެ ދިފާޢީ ވަކީލެއްކަމުގައިވާ ލޯޔަރ އާސިފް ވިދާޅުވެއްޖެއެވެ.
އާފަތިސް އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާސިފް ވިދާޅުވީ ޝަރީޢަތަށް ޗިޓް ފޮނުވުމުގެ އުޞޫލަށް ބަލާއިރު ޙުކުމް އިއްވުމަށް ބާއްވާ ޝަރިޢަތުގެ މަޖިލީހަށް ފޮނުވާ ޗިޓްގައި އެއީ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެއްކަން ބަޔާން ކޮށްފައި އޮންނަންޖެހޭނެކަމަށެވެ. ނަމަވެސް މިމަހު 17 ގައި ބާއްވާ ރައީސް ޔާމީންގެ ޝަރީޢަތުގެ މަޖިލީހަށް ހާޒުރުވުމަށް ފޮނުއްވައިފައިވާ ޗިޓްގައި ބަޔާންކޮށްފައި ވަނީ ޝަރީޢަތުގެ އަޑުއެހުމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ފަނޑިޔާރު ބަދަލުވުމާއި އެމައްސަލައާ ދެން ހަވާލުވަނީ ކޮންފަޑިޔާރެއްކަމާ އެފަދަ މަޢުލޫމާތު ތަކެއް ސާފުކޮށް ދެއްވުމަށް ބާއްވާ އަޑު އެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ބަދަލުވިކަމެއް ކޯޓުން އަދި އަންގައިފައި ވެސް ނުވާކަމަށް ރައީސް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ދައުލަތުންކުރާ މަނީލޯންޑްރިންގެ ދަޢުވާގެ ޙުކުމް އިއްވުން ކުރިން ތާވަލް ކުރީ މިމަހުގެ ފަސްވަނަ ދުވަހަށެވެ. ނަމަވެސް އެދުވަހު ހެދުނު، އެމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ އިސްޤާޒީ އަޙްމަދު ހައިލަމް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރުމުން އެދުވަހުގެ ޝަރީޢަތުގެ މަޖިލީސް ވަނީ ކެންސަލް ކުރައްވައިފައެވެ.
އިސްޤާޒީ ހައިލަމް ސަސްޕެންޑްކޮށްފައި ވަނީ ކްރިމިނަލް ކޯޓްގެ ވައިބަރ ގްރޫޕަށް އޭނާ ފޮނުވި ނަސްރުގެ ދުވަހުގެ ތަހްނިޔާ މެސެޖެއްގައި ހުރި ކުރެހުމެއްގެ މައްސަލައިގައެވެ. އެކުރެހުމުގެގައި ހަޖަރާގޭ ލުޠުފީއާއި ސަގަރު ނާސިރުއާއި އެނޫންވެސް ބައެއް މީހުނަނާއެކު ރައީސް ނަޝީދާއި ރައީސް އިބްރާޙީމް މުޙައްމަދު ޞާލީޙުގެ ކަރުގައި ޗޭނުޖަހައިގެން ސިފައިންގެ މީހަކު ބަޑިއެއް ހިފައިގެން ދާއިރު އޭނާގެ ގައިން ލޭތައް އޮހެރޭ މަންޒަރު ފެނެއެވެ.
އެމައްސަލައިގައި ހައިލްމަ ސަސްޕެންޑް ކުރުމުގެ ކުރިން އޭނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުރެހުން ވައިބަރ ގްރޫޕަށް ލީ އޭގައި ލުޠުފީ ހުރުމުން ކަމަށެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙް އެ ކުރެހުމުގައި ހުރިކަން ކުރެހުން ވައިބަރ ގަރޫޕަށް ފޮނުވި އިރު އެނގިވަޑައިގެންފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމުގައި އޭނާ ވަނީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށްވެސް އެދިފައެވެ.
ހައިލަމް ސަސްޕެންޑްކޮށް ކްރިމިނަލް ކޯޓް ހިންގުން ވަނީ ގާޒީ ޢަލީ ރަޝީދު އާ ހަވާލުކުރައްވައިފައެވެ.