ޖޯޑަންގައި ވަޅިން ހަމަލާދީ 8 މީހަކު ޒަޚަމްކޮށްލައިފި

ޖަރަޝްގެ އާސާރީ ސަރަހައްދުގައި ފަތުރުވެރިންތަކެއް

ޖޯޑަން (އުރްދުން) ގެ އުތުރުގައި އޮންނަ އާސާރީ ރަށެއް ކަމުގައިވާ ޖަރަޝް (އަލްޖަރަޝް) ގައި ވަޅިން ހަމަލާދީ އަށް މީހަކު ޒަޚަމްކޮށްލައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި، ފަތުރުވެރިންގެ މެދުގައި މަގުބޫލު އެ ރަށުގައި ހަތަރު ފަތުރުވެރިންނަށާއި، ޓޫރިސްޓު ގައިޑަކަށާއި، ބަސް ޑްރައިވަރަކަށާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ދެ މީހަކަށް ހަމަލާދިނީ "ކަޅުކުލައި ހަނގުރާމަވެރި ހެދުމެއް" ލައިގެން ހުރި މީހެކެވެ.

ހަމަލާގައި ޒަޚަމްވި ހަތަރު ފަތުރުވެރިންގެ ތެރެއިން ދެ މީހަކު ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

ސިޔާސީ ވިސްނުމެއްގައި ދިން ހަމަލާއަކާ ވައްތަރުނުވާ، ހަމައެކަނި 'ޖިނާއީ" ހަމަލާއަކަށް ހަދާފައި ނިންމާލަން އުނދަގޫ މިހަމަލާއިން ލިބުނު ޖިސްމާނީ އަދި މާއްދީ ގެއްލުން ކުޑަ ނަމަވެސް، ޖޯޑަންގެ ކަމާބެހޭ އިދާރާތަކާއި، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ ކަންބޮޑުވެފައެވެ.

ޖޯޑަންގެ ރައްޔިތަކު ނުކުމެ ޖަރަޝްގެ މަޝްހޫރު އާސާރީ ހަރުފަތްތަކުގެ މަތީގައި ފަތުރުވެރިންތަކަކަށް ހަމަލާދިނުމުގެ ފަހަތުގައިވާ ސަބަބުތައް އެނގޭނީ ތަހުގީގަށް ފަހުގައި ކަމަށް ޖޯޑަންއިން ހާމަކޮށްފައި ވެއެވެ.

"މިއަދު މެންދުރު ޖަރަޝް ޕްރޮވިންސުގައި (އައްމާނުގެ އުތުރުން 51 ކިލޯމީޓަރު ދުރުގައި) މީހަކު ވަނީ ފަތުރުވެރިންގެ ބަޔަކަށާއި، ޓޫރިސްޓު ގައިޑަކަށާއި، އޭނާ ހައްޔަރު ކުރަން މަސައްކަތްކުރި ޕަބްލިކް ސޭފްޓީ ޑިރެކްޓަރޭޓްގެ އޮފިސަރަކަށް ވަޅިން ހަމަލާދީފައެވެ." ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސޭފްޓީގެ ތަރުޖަމާނު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހާ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.

އީސާގެފާނަށް ވުރެ 7500 އަހަރުކުރިން މީހުން ވަޒަންވެރިވިކަމަށް ބެލެވޭ އަދި ރޯމަނުންގެ (ރޫމީންގެ) އާސާރުތައް މިހާރުވެސް ފެންނަން ހުރި ޖަރަޝްއަކީ ޕެޓްރާ (އަލްބަތުރާ) ފިޔަވައި ޖޯޑަންގެ އެންމެ އާސާރީ އެއް ރަށެވެ.

ފަތުރުވެރިކަމަކީ ޖޯޑަންގެ އެންމެ ބޮޑު ސިނާއަތު ކަމުގައިވާއިރު، މިފަދަ ހަމަލާތަކަކީ އެކަމުގެ ނޭދެވޭ އަސަރު ޖޯޑަނަށް ބޮޑު ވާނެ ހަމަލާތަކެކެވެ.

2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަރަކްގައި ފަތުރުވެރިންތަކަކަށް ހަމަލާދީ 10 މީހުން މަރާލައި 30 މީހުން ޒަޚަމްކޮށްލާފައި ވެއެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.