ރާއްޖެ ސަރަހައްދުން ހިފެހެއްޓި ބޯޓަކުން މަސްތުވާތަކެތި ފެނިއްޖެ

ރާއްޖޭގެ ސަރަހައްދުން މިއަދު ހިފެހެއްޓި އީރާނު ބޯޓަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެ ބޯޓު މިހާރުވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައެވެ.

“މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ސަރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އދ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރުއެވެ." އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުން އެބޯޓަށް އަރައި ބެލިބެލުމުން މަސްތުވާތަކެތި ފެނިފައިވާތީ އެ ބޯޓު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ މަސައްކަތް ކުރަނީ އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ މިއި އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ބޯޓެއް ކަމަށެވެ. ފުލުހުންވަނީ އެބޯޓަށް އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.