ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތް މިހާރު ކުރިއަރަމުން އަންނަ ދުވެލި ހަލުއި ކުރުން: މިނިސްޓަރ ޒަމީރު

ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތް މިހާރު ކުރިއަރަމުން އަންނަ ދުވެލި ހަލުއި ކުރުން ކަމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ނެރުއްވި ޚިޠާބެއްގައެވެ.

 ޒަމީރު ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އޭވިއޭޝަން ސިނާޢަތް މިއަދު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓްއެސޯސިއޭޝަން (އަޔާޓާ) އިން މި އަހަރު އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސަރަޙައްދުގެ ވަޒީފާ އާބާދީގެ %1.4 ހިއްސާކުރަނީ އޭވިއޭޝަންގެ ދާއިރާއެވެ.

 "ސަރަހައްދުގެޖީ ޑީ ޕީ ގެ %4 ޙިއްސާ ކުރަނީ ވެސް މި ސިނާޢަތެވެ. މި ސިނާޢަތް ކުރިއަރަމުން މިދާ ނިސްބަތުގައި ހިފެހެއްޓިއްޖެ ނަމަ 2035 ވަނަ އަހަރު، ޔޫރަޕާއި އުތުރު އެމެރިކާ ސަރަޙައްދުގައި ދަތުރު ކުރާ ފަސިންޖަރުންގެ ޢަދަދު އެއްކޮށްލުމުން ޖުމުލަ ޖެހޭ ޢަދަދަށްވުރެ، މި ސަރަޙައްދައި މަދަނީ މަގުން އުދުހޭ ފަސިންޖަރުންގެ ޢަދަދު އިތުރުވާނެއެވެ. އަދި މުޅި ސަރަޙައްދުގެ ޖީ ޑީ ޕީ %215 ކުރިއަރާނެކަމަށް ވެސް އަޔާޓާއިން ހާމަކުރެއެވެ." މިނިސްޓަރުގެ ޚިޠާބުގައި ވެއެވެ.

 ޚިޠާބުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިދަނީ ކޮންމެ އަހަރަކުވެސް ތަރައްޤީވެ ކުރިއަރަމުންނެވެ. ރާއްޖޭގައި އިންޓަނޭޝަނަލް 4 އެއާޕޯޓާއި ޑޮމެސްޓިކް 7 އެއާޕޯޓް އޮޕަރޭޓް ކުރާއިރު ރާއްޖޭގައި 4 އޮޕަރޭޓަރަކާއި ފްލައިންގ ސްކޫލެއްގެ ފަރާތުން ރަޖިސްޓްރީ ކޮށްގެން ދުއްވާ މަތިންދާ ބޯޓުގެ ޢަދަދު 83 ށް އަރައެވެ. ވައިގެ މަގުން ދަތުރު ކުރާ ފަސިންޖަރުންގެ ޢަދަދު އެއް އަހަރުން އަހަރަށް ދަނީ އިތުރު ވަމުންނެވެ. ޑޮމެސްޓިކް މަގުން ދަތުރު ކުރި ޢަދަދު 2014 ވަނަ އަހަރާ އަޅާ ބަލާއިރު %13.98 ގެ ކުރިއެރުމެއް ހޯދައި އެ ޢަދަދު 2.53 މިލިއަނުގައި އުޅޭއިރު ބައިނަލް އަޤުވާމީ މަގުން ދަތުރު ކުރި ފަސިންޖަރުންގެ ޢަދަދު ހަމަ އެ މުއްދަތުގައި %2 ގެ ކުރިއެރުމަކާއެކު އުޅެނީ 3.06 މިނިއަނުގައެވެ.

މިނިސްޓަރ މޫސާ ޒަމީރުގެ ޚިޠާބު ވިދާޅުވުމަށް މި ފޮޅުވަތަށް ފިއްތަވައިލައްވާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.