بسم الله الرحمن الرحيم
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
މާލެ، ދިވެހިރާއްޖެ
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ
މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރުދެއްވާ ޚިޠާބު
الحَمْدُ لِلهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلامُ عَلى رسول الله، وَعَلى آلِهِ وَأصْحَابهِ وَمَنْ تَبِعَهُمْ بإحْسَانٍ إلى يوْمِ الدِّينِ.
ބައިނަލް އަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުން ފާހަގަ ކުރާ މި އުފާވެރި ދުވަހުމުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް އުފަލެއް ކަމުގައި ދެކެނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށާއި ސިނާޢަތުގެ އެންމެހާ ބައިވެރިންނަށް އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައްއަރިސް ކުރުމެވެ.
ދިވެހިރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އޭވިއޭޝަން ސިނާޢަތް މިއަދު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓްއެސޯސިއޭޝަން (އަޔާޓާ) އިން މި އަހަރު އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސަރަޙައްދުގެ ވަޒީފާ އާބާދީގެ %1.4 ހިއްސާކުރަނީ މިދާއިރާއެވެ. އަދި ސަރަހައްދުގެޖީ ޑީ ޕީ ގެ %4 ޙިއްސާ ކުރަނީ ވެސް މި ސިނާޢަތެވެ. މި ސިނާޢަތް ކުރިއަރަމުން މިދާ ނިސްބަތުގައި ހިފެހެއްޓިއްޖެ ނަމަ 2035 ވަނަ އަހަރު، ޔޫރަޕާއި އުތުރު އެމެރިކާ ސަރަޙައްދުގައި ދަތުރު ކުރާ ފަސިންޖަރުންގެ ޢަދަދު އެއްކޮށްލުމުން ޖުމުލަ ޖެހޭ ޢަދަދަށްވުރެ، މި ސަރަޙައްދައި މަދަނީ މަގުން އުދުހޭ ފަސިންޖަރުންގެ ޢަދަދު އިތުރުވާނެއެވެ. އަދި މުޅި ސަރަޙައްދުގެ ޖީ ޑީ ޕީ %215 ކުރިއަރާނެކަމަށް ވެސް އަޔާޓާއިން ހާމަކުރެއެވެ.
ދިވެހިރާއްޖޭގެ އޭވިއޭޝަން ސިނާޢަތަކީ ކުރިމަގު އޮތް މަންފާ ބޮޑުއިޤްތިޞާދީ މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ޖީ ޑީ ޕީގެ %10.3 އަކީ މި އިންޑަސްޓްރީގެ ޙިއްސާއެވެ. އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން، ރާއްޖެއަކީ ޖީ ޑީ ޕީ ގައި ނިސްބަތުން އެންމެ ބޮޑު ޙިއްސާއެއް އެކުލެވޭ ގައުމެވެ. މިއަދު ދިވެހިރާއްޖޭގައި ވެސް މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް ދަނީ އިތުރުވަމުންނެވެ. އަދި ކުރިއެރުމާއި ތަރައްގީގެ ދޮރުތައް ވަނީ ވަރަށް ފުޅާކޮށް ހުޅުވިފައެވެ. މީގެ އިތުރުން މިއީ އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ގިނަ އަދި އެހާމެ ތަނަވަސް ސިނާޢަތެކެވެ. މި ދާއިރާއިން ރާއްޖެގައި އޮޕަރޭޝަންތައް ހިންގާ ހުރިހާ ފަރާތްތަކުންވެސް ދަނީ ހަރަކާތްތައް ގިނަކޮށް އިތުރަށް ފުޅާ ކުރުމުގެ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރަމުންނެވެ.
ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތް މިހާރު ކުރިއަރަމުން އަންނަ ދުވެލި ހަލުއި ކުރުމެވެ. އިންވެސްޓް ކުރުމަށް މިހާރުވެސް ލިބިފައިވާ ފުރުޞަތުތައް ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން އިތުރަށް ފުޅާކުރަމެވެ. ފަތުރުވެރިކާމާއި އިޤްތިޞާދީ ޙަރަކާތްތަކާ ގުޅި ލާމެހިފައިވާ މި ސިނާޢަތުން ލިބޭ މަންފާ ގުނަ ކުރުމެވެ. މުޅި ރާއްޖޭގެ އިޤްތިޞާދު ނަގަހައްޓައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް، އަދުގެ ސަރުކާރުން ކުރާ މަސައްކަތުގައި މި ސިނާޢަތުގެ ހިއްސާ އިތުރުކުރުމެވެ. ސަރުކާރުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ މި ސިނާޢަތަށާއި ޢާންމުކޮށް މުޅި އިޤްތިޞާދަށް ކުރިއެރުން ލިބޭނޭ ގޮތަށެވެ.
ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިދަނީ ކޮންމެ އަހަރަކުވެސް ތަރައްޤީވެ ކުރިއަރަމުންނެވެ. ރާއްޖޭގައި އިންޓަނޭޝަނަލް 4 އެއާޕޯޓާއި ޑޮމެސްޓިކް 7 އެއާޕޯޓް އޮޕަރޭޓް ކުރާއިރު ރާއްޖޭގައި 4 އޮޕަރޭޓަރަކާއި ފްލައިންގ ސްކޫލެއްގެ ފަރާތުން ރަޖިސްޓްރީ ކޮށްގެން ދުއްވާ މަތިންދާ ބޯޓުގެ ޢަދަދު 83 ށް އަރައެވެ. ވައިގެ މަގުން ދަތުރު ކުރާ ފަސިންޖަރުންގެ ޢަދަދު އެއް އަހަރުން އަހަރަށް ދަނީ އިތުރު ވަމުންނެވެ. ޑޮމެސްޓިކް މަގުން ދަތުރު ކުރި ޢަދަދު 2014 ވަނަ އަހަރާ އަޅާ ބަލާއިރު %13.98 ގެ ކުރިއެރުމެއް ހޯދައި އެ ޢަދަދު 2.53 މިލިއަނުގައި އުޅޭއިރު ބައިނަލް އަޤުވާމީ މަގުން ދަތުރު ކުރި ފަސިންޖަރުންގެ ޢަދަދު ހަމަ އެ މުއްދަތުގައި %2 ގެ ކުރިއެރުމަކާއެކު އުޅެނީ 3.06 މިނިއަނުގައެވެ. މިދާރިއާގައި މިހާރުވެސް މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެވެސް ވިސްނުން ހުރީ އޮޕަރޭޝަންތައް ފުޅާކޮށް އިތުރު ކުރުމަށެވެ. އަދި މި ދާއިރާއާ ގުޅޭ އިތުރު ވައްތަރުތަކުގެ ޙަރަކާތްތައް ފެށުމަށް ޕްރޮޕޯޒަލްތައް ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ލިބެމުންނެވެ.
އޮތޯރިޓީން މިހާރު އެންމެ ބޮޑަށް ފޯކަސް ކުރެވޭ ދާއިރާއަކީ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް އެކުލަވާލައި ގާއިމު ކުރުމުގެ މަސައްކަތެވެ. އަދި މި ދުވަސްކޮޅު ހިންގަމުން ގެންދާ އެންމެ ބޮޑު މަޝްރޫޢަކީ ވައިގެ ދަތުރު ފަތުރުގެ ހުއްދަ ދިނުމަށް އެކުލަވާލާފައިވާ ފްލައިޓް އޮޕަރޭޝަން އާ ބެހޭ ގަވާޢިދުތަކާއި މަތިންދާބޯޓުގެ ފަޅުވެރިންނަށް ލައިސެންސް ދިނުމާބެހޭ ހުރިހާ ގަވާޢިދުތަކެއް މުޅިން އޯވަހޯލްކޮށް ހުރިހާ ޙަރަކާތެއް ހިމެނޭގޮތަށް "ރެގިއުލޭޝަންސެޓެއް" ތަޢާރަފު ކުރުމުގެ މަސައްކަތެވެ. އެހެންކަމުން މިދާއިރާގެ މަންފާ އިތުރުކުރުމަށް ރެކްރިއޭޝަނަލް ޙަރަކާތްތައް ފަދަ ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި "ރޯޓަރީވިންގް" އެއާކްރާފްޓް ތަކަށް ހުއްދަ ދެވޭނޭ ގޮތަށް އޮޕަރޭޝަންސް ގަވާއިދުތައް މިހާރު މިވަނީ އެކުލަވާލެވިފައެވެ. އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤުބަލެއްގައި ވައިގެ ދަތުރުފަތުރާގުޅޭ އިތުރު ވައްތަރުތަކުގެ ޚިދުމަތްތައް ރާއްޖޭގައި ފެށިގެންދާނެއެވެ.
އޭރޯޑްރޯމްސް އަދި އެއާ ނެވިގޭޝަން ދާއިރާއަށް އަލި އަޅުވާލާއިރު، ރާއްޖޭގެ މައި ދޮރޯށި އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނޭ ޕްރޮޖެކްޓެއް މިހާރު ވަނީ ފެށިފައެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެއާޕޯޓް، ގޭން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭ ބޮޑުކޮށް ބައިނަލް އަޤުވާމީ ޝެޑިއުލް ދަތުރުތައް ވަނީ ފެށިފައެވެ. ރާއްޖޭގައި އިތުރު އެއާޕޯޓްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި "ވޯޓަރ އޭރޯޑްރޯމް" އޮޕަރޭޓް ކުރާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. މިދާއިރާއިން އެންމެ ފާހަގަ ކުރެވެނީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)އިން ރާއްޖެ ހިމެނޭ ގޮތަށް އެކުލަވާލި "ވޯޓަރ އޭރޯޑްރޯމް ސްމޯލް ވޯކިގް ގްރޫޕް" އިން ތައްޔާރު ކުރި ގަވާޢިދު، އޭޝިއާ ޕެސިފިކް ސާމްޕަލް ރެގިއުލޭޝަންގެ ގޮތުގައި އައިކާއޯއިން ބަލައިގެންފައިވުމެވެ. އެއާ ނެވިގޭޝަންގެ ރޮނގުން ބަލާއިރު ރާއްޖެއިންދަނީ "ޕަފޯމަންސް ބޭސްޑް" ނެވިގޭޝަން ނެޓްވޯކެއް ގާއިމު ކުރުމުގު މަސައްކަތްތައް ކުރަމުންނެވެ.
ދިވެހި އިޤްތިޞާދީ ހުރިހާ ޙަރަކާތަކަށް "ކާނާ" ފޯރުކޮށްދޭ މި ސިނާޢަތް ފުޅާކޮށް ކުރިއެރުވުމަށާއި ދިވެހީންނަށް އިޤްތިޞާދީ މަންފާ ހޯދައިދީ، ޚާއްޞަކޮށް ޒުވާމުންނަށްވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެން ދާނޭ ބީދައިން މި ދާއިރާ ތަރައްޤީ ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކުރަމުންނެވެ. މިދާއިރާގައި ހުރި އިޤްތިޞާދީ ފުރުޞަތުތައް ބީވެގެން ދިޔަ ނުދީ އޭގެ މަންފާ އެންމެ ބޮޑު ގޮތެއްގައި ޙާސިލުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެވެ. އަދި އަމާޒުވެސް މެއެވެ. އެހެންކަމުން ކުރިއަރާފައިވާ ޤައުމުތަކާއި ސިންގަޕޫރު ފަދަ މިސާލެއް ކަމުގައި އަޅުގަނޑުމެން ބަލަމުން މި އަންނަ ޤައުމުތަކުގައި ޢަމަލު ކުރާ އުޞޫލުގެ ދަށުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ބޭނުންވާ ވަޞީލަތްތައް އިރާދަ ކުރެއްވިއްޔާ ސަރުކަރުން ފޯރު ކޮށްދެމުން ގެންދާނަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރިޓާން ބޮޑު އިންވެސްޓްމަންޓެއްކަމުގައި ނޫނީ ނުވާނެއެވެ.
އައިކާއޯއިން 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ކަނޑައަޅާފައިވާ "އެއްވެސް ގައުމެއް ބާކީ ވިޔަ ނުދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން"، މި ޕްރޮޖެކްޓަށް ރިޢާޔަތް ކުރާއިރު ދިވެހި ރާއްޖެވަނީ އެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައެވެ. މިއަދު ރާއްޖެއަކީ އައިކާއޯއިން އެކުލަވާލާފައިވާ "ސްޓޭންޑަޑްސް އެންޑް ރިކޮމެންޑަޑް ޕްރެކްޓިސަސް (ސާޕްސް)" ތަންފީޒު ކުރާ މިންވަރު ދެނެގަތުމަށް ހަދާ އޯޑިޓުން މަތީ ނަތީޖާ ހޯދައި "މެޗުއަރ" ކެޓަގަރީގައި ހިމެނޭ ގައުމެކެވެ. މި ކަމުގެ ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިޚުލާޞްތެރި ވެރީންނާއި ހީވާގި މުވައްޒަފުންނަށެވެ. އެހެން ކަމުން މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއެކު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށާއި ޗީފް އެގްޒެކެޓިވްއާއި މެނޭޖްމަންޓް ޓީމަށް އަދި އެންމެހާ މުވައްޒަފުންނަށް ހިތްވަރުދީ ވަރަށް ޚާއްޞަ ޝުކުރެއް އަދާ ކުރަމެވެ.
ބައިނަލް އަޤުވާމީ ވައިގެ ދަތުރުގެ ދުވަހުގެ ތަހުނިޔާ ސިނާޢަތުގެ އެންމެހާ ބައިވެރިންނަށް އަދިވެސް އެއްފަހަރު ދަންނަވަމެވެ. އަދި މި ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަމެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި، އަރަނި އިތުރުވެގެންދާ ޙަރަކާތެއްގެ ގޮތުގައި އޭވިއޭޝަން ސިނާޢަތް ކުރިއަރައި މިދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ދުރު ވިސްނުންފުޅާއި އިޤުތިޞާދު ހަރުދަނާ ކުރެއްވުމަށް ގެންގުޅުއްވާ ޙިކުމަތްތެރި ސިޔާސަތުތަކުގެ ދަށުންނެވެ. އެހެންކަމުން، އެމަނިކުފާނަށް ވަރަށް އިޚުލާޞްތެރި ޝުކުރެއް ދަންނަވަމެވެ.
އަޅުގަނޑު އެދެނީ ދިވެހި އޭވިއޭޝަން ސިނާޢަތަށް ކުރިއެރުމާއި ތަރައްޤީއެވެ. ރޯޝަންކަމާއި އުޖާލާކަމެވެ. ބާއްޖަވެރިކަމާއި ފާގަތިކަމެވެ. އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާ ފައިދާ އިތުރު ކޮށްދެއްވުން އެދި ގަދަ ކީރިތި ވަންތަ ދީލަތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚުލާޞްތެރިކަމާއެކު ދުޢާ ދަންނަވަމެވެ. އާމީން.