ދެހާސް ސޯޅަވަނަ އަހަރު ވަގަށް ނަގައިފައިވާ ސައިކަލެއް މިއަދު ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެސައިކަލު ހޯދައިފައިވަނީ ގަލޮޅު ފުލުހުން މިއަދު ޕެޓްރޯލް ކުރަން ނުކުމެ އުޅުމުގެ ތެރޭގައެވެ. ސައިކަލް ފެނުމާއެކު ފުލުހުންވަނީ ޓޯކޮށްފައެވެ. ސައިކަލު ގެއްލިގެން ފުލުހުންނަށް ހުށަހެޅި ދުވަހުން ފެށިގެން ފުލުހުން ދިޔައި އެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ފެނުނު ސައިކަލު ޓޯ ކުރުމަށްފަހު ވެރިފަރާތާ ހާވާލު ކުރުމާބެހޭ ގޮތުން ފުލުހުން އެއްޗެއް ވިދާޅެއް ނުވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ސައިކަލު ވަގަށް ނަގައިގެން އެތަނަށް ހުށަހެޅޭ މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށެވެ. ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް ޙައްލު ކުރުމަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންވަނީ ސާވޭއެއް ކޮށްފައެވެ. އެ ސާވޭ ދައްކާގޮތުން %38 މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލެވެ. %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަން އެސާވޭއިން ދައްކާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓަރލޮކް ކުރައްވާތޯ ބެލިބެލުމުން %35 މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށްނަގައިގެން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލެއެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ ރުފިޔާ އަށް އަރާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.