ކެމަރޫންގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 42 އަށް

ކެމަރޫނަށް ކުރާ ވިއްސާއިގައި ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދު

ކެމަރޫންގެ ހުޅަނގުގައި އޮންނަ ބަފޫސަމް އަވަށަށް ހޯމަދުވަހުގެރޭ ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ފޭބުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 42 އަށް އަރައިފިއެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ހިމެނޭ ކަމަށް ވެއެވެ. މާބަނޑު 4 އަންހެނުން ހިމެނެއެވެ.

މީހުން ސަލާމަތްކުރުގެ މަސައްކަތްކުރާ މީހުން މިއަދުވެސް ދިޔައީ ވެރިރަށް ޔައުންޑޭގެ ހުޅަނގުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ބަފޫސަމްގައި ބިންގަނޑު ކަނޑައިގެން ގޮސް ވަޅުލެވިފައިވާ ގެތަކުގެ ތެރެއިން ދިރިހުރި މީހަކު ފެނޭތޯ މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގެ ތެރޭން މިއަދު ވަނީ 12 އަހަރުގެ އަންހެންކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. އެ ކުއްޖާގެ ގޭގެ މައްޗަށް ބިންގަނޑު ކަނޑައިގެން ވެއްޓުނީ އޭނާގެ ބައްޕަ އެ އަންހެންކުއްޖާއާއި، އިތުރު 3 ފިރިހެންކުދިންނާއެކު ހޯމަ ދުވަހުގެރޭ ނިދާފައި ތިއްބައެވެ.

"ރޭގަނޑު 10 ޖަހާކަށްހާއިރު އަހަންނަށް ގަދަ އަޑުފަށްގަޑެއް އިވުނު. ދެން، ހިރަފުހުގެ ބޮޑު ވިލާގަނޑެއް އަހަރެންނަށް ފެނުނު. އެ ވިލާގަނޑު ސާފުއިރު ފެނުނީ ފަރުބަދަ ކަނޑައިގެން ބިންގަނޑު ފައިބައިފާ ވާތަން. މަންޒަރު ދުށް މީހަކު ނޫސްވެރިންނަށް ކިޔައިދިނެވެ.

ކެމަރޫން ރައިސު ޕޯލް ބިޔާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

"ބަފޫސަމްގެ އަވަށެއް ކަމުގައިވާ ގުއާޗޭގައި ބިންގަނދު ކަނޑައިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ އެތައް ބަޔަކު މަރުވި ޚަބަރު އަހަރެން އެއީ ނުހަނު އަސަރާއެކު." ރައީސު ބިޔާ ވިދާޅުވިއެވެ.

މެދުތެރޭ އަދި ހުޅަނގެ އެފްރިކާގެ ވިއްސާރަ މޫސުން މިފަހަރު ވަނީ އެހެން ފަހަރުތަކަށްވުރެ ބޮޑަށް ދިގުދެމިގެން ގޮސްފައެވެ. ކެމަރޫނުގެ އަވަށްޓެރި ގައުމެއް ކަމުގައިވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކަށްވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 30 ހާސް މީހުން ވަނީ ގެދޮރުނެތިފައެވެ.

އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ ކެމަރޫންގެ ބޮޑުމިނަކީ 4 ލައްކަ 75 ހާސް އަކަކިލޯމީޓަރެވެ. 23 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމަކީ ދުނިޔޭ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.