ލެބެނާނު (ލުބްނާނު) ގެ ސަރުކާރާ ދެކޮޅަށް މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހެއްސުރެ މެދުނުކެނޑި ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެން ބޮޑު ވަޒީރު ސަޢުދު އަލްޙަރީރީ އިސްތިޢުފާދެއްވައިފިއެވެ.
"މަގުމައްޗަށް ނުކުތް ގިނަ ލުބްނާނު މީހުންގެ އެދުމަށް އިޖާބަދިނުމުގެ ގޮތުން އަހަރެން މިދަނީ އަހަރެންގެ އިސްތުފާ ހުށަހަޅަން ބަޢަބްދާ ގަނޑުވަރަށް" ރާއްޖޭ ގަޑިން މިރޭ 7:05 ގައި އަލްޙަރީރީ ކުރެއްވި ޓްވީޓެއްގައި ވެއެވެ.
"އަހަރެންގެ އިސްތިއުފާއާމެދު ގޮތެއް ނިންމަވަން ރައީސުލް ޖުމްހޫރިއްޔާއަށް އަހަރެން ދޫކޮށްލައިފިން. އެކަކު އައިސްފަ އަނެކަކު ދާނެ. މުހިއްމީ ގައުމުގެ ކަރާމަތާ ސަލަމާތް. ގައުމަށްވުރެ ބޮޑު އެކަކުވެސް ނުހުންނާނެ." ފުރަތަމަ ޓުވީޓުކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލްޙަރީރީކުރެއްވި ދެވަނަ ޓުވީޓުގައި ވެއެވެ.
އަލްޙަރީރީގެ ސަރުކާރުން ލެބެނާނުގައި މަގުބޫލު ވަޓްސްއަޕްވެސް ހިމެނޭހެން މުވާސަލާތީ ޚިދުމަތްތަކުން ޓެކްސް ނަގަން ނިންމުމުން އެކަމާ ދެކޮޅަށް މިމަހު 17 ވަނަ ދުވަހު ފެށި މުޒާހަރާތައް ވަނީ ސަރުކާރާ ދެކޮޅަށް ފުޅާދާއިރާއެއްގައި ކުރާ ބޮޑު އިހުތިޖާޖަކަށް ބަދަލުވެފައެވެ.
މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ޙިޒްބުﷲ ޖަމާއަތަށް ތާއީދުކުރާ މީހުންނާއި، ޙިޒްބުﷲއާ އެކުވެރި، އަމަލް މިލިޝިޔާ މީހުން ނުކުތުމުން މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެދާނެ ކަމުގެ ބިރު މިހާރު މިވަނީ ހީވެފައެވެ.
ބޮޑުވަޒީރު އަލްޙަރީރީ ވަނީ ޓީވީ މެދުވެރިކުރައްވައި މިރޭ ގައުމާ މުޚާޠަބުކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭނާއަށް "ބެދިފައިވާ މަގެއްގެ ކޮޅަށް" އާދެވިފައިވާ ކަމުގައެވެ.
"އަހަރުމެންގެ ކުރިމަތީގައި ކުރިއަށް ދާނެ މަގު މިއޮތީ ބެދިފައި. މި ހާލަތުން ސަލާމަތް ވާން ބޭނުންވަނީ 'ޝޮކް' ފަރުވާއެއް." ގައުމާ މުޚާޠަބުކުރައްވަމުން އަލްޙަރީރީ ވިދާޅުވިއެވެ.
ބޮޑުވަޒީރު އިސްތިޢުފާ ދެއްވުމަކީ ލުބްނާނުގެ ބާރުގަދަ ޝީޢާ ޖަމާއަތް، ޙިޒްބުﷲ ބޭނުންވީ ގޮތެއް ނޫނެވެ. އެ ޖަމާޢަތުގެވެރިޔާ ޙަސަން ނަޞްރުﷲ ވަނީ އިސްތިއުފާ ނުދެއްވުމަށް ދެ ފަހަރެއްގެ މަތިން އަލްޙަރީރީއަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ އެފަދަ ފިޔަވަޅަކުން ލެބްނާން އިތުރަށް ހަމަނުޖެހުމުގެ ތެރެއަށް ވެއްޓޭނީ ކަމުގައެވެ.