ރާއްޖޭގައި ކޮންމެބަޔަކު ހިނގިޔަސް ދީނާ ދެކޮޅުޙަރަކާތެއް ހިންގާ ކަމަށްވާނަމަ އެކަމެއް ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އޮފް އޮފް ހޯމްއެފެއާޒު މުޙައްމަދު ޢަބްދުﷲ (މަދަނީ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ނައްބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާތީ އެކަމާދެކޮޅަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
އޭނާ ވިދާޅުވީ މިޤައުމުގެ ދާޚިލީ މަސްލަހަތު މިހާރުއޮތީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށެވެ. އިސްލާމްދީނަށް ލޮޅުންއަރާފަދަ ކަމެއް ކުރަމުންދާއިރު އެކަން ނުހުއްޓުވޭ ކަމަށްވާނަމަ އެއީ އެކަމަށް ދެވޭ އިތުރު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ ރާއްޖޭގެ ހުރިހާ ކަމެއްވެސް ބިނާވެގެންދާނީ ދީނުގެ މައްޗަށް ކަމަށެވެ.
"މިތަނުގެ (ރާއްޖޭގެ) ހުރިހާ އަސާސްތަކެއް ބިނާވެފައި މިއޮންނަނީ އިސްލާމްދީނުގެ މައްޗަށް. އިސްލާމްދީނަށް ލޮޅުން އަރާފަދަ ކަމެއް ކުރަމުންދާއިރު އެކަން ނުހުއްޓުވޭ ކަމަށްވާނަމަ އެއީ އިތުރު ހަމަނުޖެހުންތަކަށް މަގުފަހުކޮށްދެވެނީ. ދީނާ ދެކޮޅަށް ހިންގޭ ޙަރަކާތްތައް ނުހުއްޓުވޭ ކަމަށްވަނަމަ އެއީ އެޤައުމެއްގެ ދާޚިލީ މަސްލަހަތު ގެއްލުވާލުމަށް ކޮށޭ މަގުތަކެއް،" ޢަބްދުﷲ ވިދާޅުވިއެވެ.
މާލޭ ސްކޫލެއްގެ ލެބޯޓަރީއަކުން ކެމިކަލްތަކެއް ވަގަށް ނަގައިގެން އެއިން ގޮވާ އެއްޗެއް ހަދަން އުޅުނު ކަމަށް ބުނެ ފެތުރިފައިވާ ޚަބަރަކީ ތެދެއްނަމަ އެއީ ދާޚިލީ ހަނގުރާމައެއްގެ ފެށުން ކަމުގައި ބެލެވިދާނެ ކަމަށް ވެސް އޭނާވިދާޅުވިއެވެ. އެކަމަކު އެޚަބަރާމެދު ހިތުގައި ޝައްކު އުފެދޭކަމަށް އޭނާ ވިދާޅުވިއެވެ.
"ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގެ ފޯކަސް ގެއްލުވާލުމަށްޓަކައި ސަރުކާރު އަޑީގައި އޮވެގެން މަސައްކަތްތަކެއް އެބަކުރޭ. އެހެންވިމާ އަޅުގަނޑަށް ތުހުމަތުކުރެވޭ އެއީ (ކެމިކަލް ވަގަށްނެގުން) އެކަހަލަކަމެއް ކަމަށްވުން އެކަށީގެންވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.