އިއްޔެ އާޖެންޓީނާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ވޯޓުގެ %48 ހޯއްދަވައިގެން އިދިކޮޅު ކެންޑިޑޭޓު އެލްބަރްޓޯ ފެރްނާންޑޭޒް ކާމިޔާބުކުރައްވައިފިއެވެ. އިދިކޮޅު ޖުޑިލަޝިސްޓް ޕާޓީގެ ކެންޑިޑޭޓް ފެރްނާންޑޭޒް ވާދަކުރެއްވީ 'އެވްރީވަންސް ފްރަންޓް' ކޯލިޝަނުގެ ތެރެއިންނެވެ. ދެވަނަ ބުރަކަށް ނުގޮސް ވޯޓު ކަމިޔާބުކުރަން ބޭނުންވަނީ މަދުވެގެން %45 އެވެ،
ފެރްނާންޑޭޒްއާ އެންމެ ގާތުން ވާދަކުރެއްވި މިހާރުގެ ރައީސު އަދި 'ޓުގެދާ ފޯ ޗޭންޖް' ކޯލިޝަނުގެ ކެންޑިޑޭޓު މޮރީސިއޯ މަކްރީއަށް ލިބިވަޑައިގަތީ %40.5 ވޯޓެވެ.
ގިނަ މައްސަލަތަކެއްގެ ތެރޭގައި އޮތް އާޖެންޓީނާގެ އިގުތިސާދު ކޯޅަށް ޖައްސަވާނެކަމަށް ވައުދުވެވަޑައިގަތް، މެދު-ކަނާތުފިޔައިގެ ސިޔާސަތަށް ތާއީދުކުރައްވާ ފެރްނާންޑޭޒްއަށް ގިނަ ބަޔަކު ވޯޓުދިނީ އިގްތިސާދު ރަނގަޅުވާނެ ކަމުގެ އުއްމީދާއެކުގައެވެ. އޭނާއަށް ކާމިޔާބުލިބިވަޑައިގަތުމުގެ އެނެއް ސަބަބަކީ އޭނާގެ ރަނިންމޭޓަކަށް އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓީނާ ފެރްނާންޑޭޒް ޑި ކިރްޝްނާ ހުންނެވުމެވެ. އޭނާއަކީ އޭނާގެ އިޖްތިމާއި މަސައްކަތްތަކުގެ ސަބަބުން އާޖެންޓީނާގެ ނަކަމެތި އާއިލާތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާއިފާ ބޭފުޅެކެވެ.
ވޯޓު ގުނައި ނުނިމެނީ ރައީސު މަކްރީ ވަނީ ބަލި ގަބޫލުކުރައްވައި "ދުޅަހެޔޮ އަދި ބިނާކުރަނިވި އިދިކޮޅު" ލީޑަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސު، އުމުރުފުޅުން 60 އަހަރުގެ ގާނޫނީ ތަޖުރިބާކާރު އެލްބަރްޓޯ ފެރްނާންޑޭޒްގެ ކުރިފުޅު މަތީގައި އޮތީ އުނދަގޫ ރާސްތާއެކެވެ. އޭނާ އިންތިޚާބުގެ ކެމްޕޭނުގައި ގިނަ ވައުދުތަކެއް ވެވަޑައިގެންފައި ވެއެވެ.
"އިންސާފާއި، އެއްބައިވަންތަކަމާއި، ވަޒީފާގެ ފުރުސަތާއި، ސަރުކާރުންދޭ ތައުލީމުގެ ޚިދުމަތާއި، ސަރުކާރުންދޭ ސިއްހީ ޚިދުމަތް ބޭނުންނަމަ، އަހަރުމެން އެންމެންނަށް ހައްގުވާ އާޖެންޓީނާ ބިނާކުރުމަށް އެކުގައި މަސައްކަތްކުރަމާ ހިނގާ." މިމަހުގެ 24 ވަނަ ދުވަހު ކެމްޕޭން ނިންމަވާލައްވަމުން ފެރްނާންޑޭޒް ވިދާޅުވެފައި ވެއެވެ.
ރައީސު މަކްރީގެ ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ އިގްތިސާދީ މައްސަލަތަކެވެ. 2015 ވަނަ އަހަރު މަކްރީ ރައީސުކަމަށް ހޮވިވަޑައިގަތީ %0 ފަގީރުކަމުގެ ވައުދާއެކުގައެވެ. މިއަދު އާޖެންޓިނާގެ %35 މީހުން ތިބީ ފަގީރުކަމުގެ ތެރޭގައެވެ. މިއީ 2016 ވަނަ އަހަރަށްވުރެ %5 މަތީ އަދަދެކެވެ.
2.78 މިލިއަން އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ، 45 މިލިއަން މީހުންގެ އާބާދީއެއް އޮތް އާޖެންޓީނާއަކީ ދެކުނު އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދެވެ.