އަށާރަވަނަ ކެޑޭޓް ކޭމްޕު ގިރިފުށީގައި ފަށައިފި

18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް މިއަދު ހެނދުނު ގިރިފުށީގައި ފަށައިފިއެވެ.

ކެޑޭޓު ކޭމްޕު ފެށުމުގެ ގޮތުން ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ އަދި ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ވަނީ ކެޑޭޓް ކޭމްޕުގެ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެ، ކެޑޭޓު ކޭމްޕުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ކޭމްޕުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެލައްވާ ސިފައިންނަށް ވައުދު ލައިދެއްވުމާއި، ކޭމްޕުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. މުދައްރިބުންނަށް އިސްވެ ވައުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ކޮމާންޑަރ ކެޕްޓަން މުޙައްމަދު އިނާޔަތު އެވެ. ކޭމްޕުގެ ދަރިވަރުންނަށް އިސްވެ އިޤުރާރު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ ފަސްޓް ލެފްޓިނަންޓް މުޙައްމަދު ނަޒީމް އެވެ.

މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވޭ މި ކެޑޭޓް ކޭމްޕުގައި މުޅިއެކު 31 ސްކޫލަކުން، 137 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ކެޑޭޓު ކޭމްޕުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، މަޖީދިއްޔާ ސްކޫލު، ދަރުމަވަންތަ ސްކޫލު، އަމީނިއްޔާ ސްކޫލު، ޖަމާލުއްދީން ސްކޫލު، ކަލާފާނު ސްކޫލު، ރެހެންދި ސްކޫލު، ޣާޒީ ސްކޫލު، ތާޖުއްދީން ސްކޫލު، ސ.ހިތަދޫ ސްކޫލް، މަދަރުސަތުލް އިފްތިތާޙް، ރ.އުނގޫފާރު ސްކޫލު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު، ފ.އަތޮޅު ތަޢުލީމީ މަރުކަޒު، ފޭދޫ ސްކޫލު، ލ.އަތޮޅު ތަޢުލީމީ މަރުކަޒު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒު، އިރުޝާދިއްޔާ ސްކޫލު، ފުނަދޫ ސްކޫލު، އިމާދުއްދީން ސްކޫލު، އަފީފުއްދީން ސްކޫލު، ސ.އަތޮޅު މަދަރުސާ، ހިރިޔާ ސްކޫލު، ހއ.އަތޮޅު މަދަރުސާ، ޝަރަފުއްދީން ސްކޫލު، މާފުށީ ސްކޫލު، ޖަލާލުއްދީން ސްކޫލު، ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލު، ގަލޮޅު މަދަރުސާ، ތުޅާދޫ ސްކޫލު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި މުހިއްޔުއްދީން ސްކޫލު އެވެ.

މި ކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މުދައްރިބުންނާއި ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ.

ކެޑޭޓު ކޭމްޕު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މެރިންކޯ ކޮމާންޑަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އެޖުޓަންޓް ކާނަލް އިސްމާޢީލް ޝަރީފް އާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ އިބްރާހީމް އަޝްރަފް އާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އިސްވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް އަޙްމަދު އިޝާން އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.