މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ.

ދިވެހިރާއްޖޭގެ ތަޚުތުގައި އެ ދުވަސްވަރު އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ (6 ވަނަ) ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ ހިފައި އެ މީހުންގެ ވެރިކަން ހިންގާން ފެށީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހުއެވެ. ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގެ ވެރިކަން ހިންގާން ހުރީ އަނދިރިއަނދިރިންނެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ފިޔަވައި އެހެން ހުރިހައި އަތޮޅުތަކަށް ޕޯޗުގީޒުންގެ ވެރިކަން ފެތުރި ކަމަށް ބުނެވެއެވެ.

ބޮޑު ތަކުރުފާނަކީ ހއ. އުތީމު ބޭފުޅެކެވެ. މި ތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމީ ނޫރު ފުހެވިދާނެ ކަމަށް ބިރުފުޅު ގަތީމައެވެ. ތިން ބޭފުޅުންގެ އިސް ބޭފުޅަކަށް ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ.

ޕޯޗުގީޒުންނާ ދެކޮޅަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރެއްވުމަކީ ރައްކާތެރި ކަމަކަށް ނުވާނެކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. އެހެންވީމާ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން މަލިކަށް ބަދަލު ކުރެއްވުމެވެ. އެ ދުވަސްވަރު ހއ. ބާރަށުގައި ޕޯޗުގީޒުންގެ ވެރިޔަކު ބަހައްޓާފައި ހުއްޓެވެ. އެއީ ވިޔަޒޯރެވެ. ވިޔަޒޯރަކީ ވަރަށް ހިކުމަތްތެރި މީހެކެވެ. އެހެންވީމާ އޭނާ އަބަދުވެސް މަސައްކަތް ކުރަމުން ދިޔައީ އަތޮޅުތަކުގައި ތިބޭ ބަސް ވިކޭ މީސްމީހުން އަތްދަށު ލައިގެން އުޅެވޭތޯއެވެ. އޭނާގެ މި މިޒާޖުގެ ފައިދާ ނަންގަވައިގެން އުތީބު ތިން ބެއިން ދަތުރު ކުރައްވާނޭ އޮޑިއެއް ބެންނެވިއެވެ. އޮޑީގެ ނަމަކަށް ދެއްވީ "ކަޅުއޮއްފުންމި" އެވެ.

ކަޅުއޮއްފުންމީގައި މަލިކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުން ދެ ބޭފުޅަކާ ބައްދަލުވެވަޑައިގަތެވެ. އެއީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ. މިއީ ދެބެއިންނެވެ. މި ދެބޭފުޅުންނަށް ބޮޑުތަކުރުފާނުގެ ބޭނުންފުޅު އެނގިވަޑައިގަތީމާ، އެ ޖިހާދުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މީގެ އިތުރަށް އުޅުއްވީ ދުވާފަރު ޢަލީ ދަންޑެހެލެވެ.

ޢާއިލާ މަލިކަށް ބަދަލު ކުރެއްވުމަށް ފަހު ރޭގަނޑު ކަނު އަނދިރީގައި ރާއްޖޭގެ އެކި ރަށްރަށަށް އަރާވަޑައިގެން ކާފަރުންނާ ދިމާ ކުރައްވައި އެ މީހުން ގަތުލު ކުރައްވަމުން ގެންދެވިއެވެ. އިރުއަރާ އިރު ރާއްޖެ ނުފެންނަ ހިސާބަށް ބޭރަށް ނުކުމެ ވަޑައިގަންނަވައެވެ. މިއީ ޕޯޗުގީޒު ކާފަރުންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވެއްޖެއެވެ. އެހެންނަމަވެސް އެ ބޭފުޅުން އަތުލައިގަނެވޭ ގޮތެއް ނުވެއެވެ.

މިހެން އުޅުއްވަނިކޮށް އެއް ރެޔަކު ތިލަންދުންމަތީ ތަކަންދުއަށް ކުރެއްވި ދަތުރެއްގައި އަލި ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އިރު އަރާން ގާތްވެ، ކަޅުއޮއްފުންމި ފުރާން ތައްޔާރުވީ އިރުވެސް އަލިތަކުރުފާނުގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އެ ތަކުރުފާނާ ނުލައި ކަޅުއޮއްފުންމި ފުރީއެވެ. އަލިތަކުރުފާނު އެ ރަށުގައި އޮންނެވިކަން ޕޯޗުގީޒުންނަށް އެނގިގެން އެ ގެއަށްގޮސް ހަމަލާދީ އެ ތަކުރުފާނު ޝަހީދު ކޮށްލީއެވެ. ބުނެވޭ ގޮތުގައި އެ ތަކުރުފާނުގެ އިސްތަށިފުޅު ކަނޑައިގެން އަނދިއަނދިރިންނަށް ދައްކާން މާލެވެސް ފޮނުވިއެވެ. ފަހުން މާލޭ މީހުން އެ އިސްތަށިފުޅު އަތުލައި، މާލެ ކައިރީގައި އޮންނަ ފުނަދޫގައި ވަޅުލީއެވެ. މިހާރުވެސް އަލިތަކުރުފާނުގެ މަހާނަ ކަމަށް ބުނެވޭ މަހާނައެއް ފުނަދޫގައި ފެންނާން އެބަހުއްޓެވެ. އެ  ތަކުރުފާނު ޝަހީދުވީ ހިޖުރައިން 980 ވަނަ އަހަރުއެވެ. އެއީ މީލާދީން 1572 ވަނަ އަހަރެވެ.

ބޮޑުތަކުރުފާނުގެ ކުޑަކުޑަ ފައުޖުގެ އުނދަގޫ ޕޯޗުގީޒުންނަށް ބޮޑު ވެގެން ދިޔަ ވަރުން އެ މީހުންވެސް ސަމާލުވާން ފަށައިފިއެވެ. ފާރަލުމާއި، ބެލެހެއްޓުމުގެ ކަންތައް ވަރުގަދަ ކޮށްފިއެވެ. ވުމާއެކު އެންމެ ހަތަރު ބޭފުޅުންނާއެކު ޕޯޗުގީޒުންގެ ވަރުގަދަ ލަޝްކަރެއް ބަލިކޮށް ލެއްވުމަކީ ކުރެއްވޭނޭ ކަމެއް ނޫންކަން އެނގިވަޑައިގަތެވެ.

ހަތަރު ބޭފުޅުންގެ މަޝްވަރާއަށްފަހު ބޮޑުތަކުރުފާނު ވަޑައިގަތީ އިންޑިއާގެ ކަންނަންނޫރަށެވެ. އެތާނގެ ޢަލީ ރާޖާޔާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބޮޑުތަކުރުފާނާ އެހީވާން ލަޝްކަރެއް ފޮނުއްވާން ޢަލީ ރާޖާ އެއްބަސްވެ ވަޑައިގެންފިއެވެ. ލަޝްކަރާއެކު ބޮޑުތަކުރުފާނު ރާއްޖެ ވަޑައިގަތް އިރު ރާއްޖެ އޮތީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. ވަޑައިގަތް ރޭގެ އަނެއް ދުވަހު ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު ގަތުލު ކުރާނޭ ކަމަށް ޕޯޗުގީޒުން އޮތީ އިއުލާނު ކޮށްފައެވެ. އޭރު މާލޭގައި ތިބި އިސްލާމް ދީން ދެކެ ލޯބިވާ މީސްމީހުން އަތު ޖެހުނު ހަތިޔާރެއް އެއްކޮށް ޕޯޗުގީޒުންނާ ހަނގުރާމަ ކުރަން ތައްޔާރު ވަނީއެވެ. އެރޭ ބޮޑުތަކުރުފާނު މާލެ އަރާވަޑައިގެން ލަޝްކަރާއެކު ޕޯޗުގީޒުންނާ ހަމަލާ ދެއްވައިފިއެވެ. ވަރުގަދަ ހަނގުރާައަކަށް ފަަހު ކާފަރުންގެ އެންމެން މަރުއްވައި، ރާއްޖެ މިނިވަން ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އަނދިރިއަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުންނެވެ. މި ހަނގުރާމަ ހިނގައި ރާއްޖެ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.

މިނިވަން ކުރެއްވުމަށް ފަހު ބޮޑުތަކުރުފާނު ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އެ ތަކުރުފާނުގެ ބޮޑުވަޒީރަކަށް ހަމަޖެއްސެވީ އަލިހާޖީއެވެ. ކޮއްކޯފުޅު ހަސަންތަކުރުފާނު ހަމަޖެއްސެވީ ވެރިކަމުގެ އެއް ބައިވެރިޔަކަށެވެ. ހަސަންހާޖީއަށް ވެލާނާާކަން ދެއްވިއެވެ. އުއްތަމަ ފަނޑިޔާާރަކަށް ހަމަޖެއްސެވީ ކޮރަލިތަކުރުގެ އަބޫބަކުރެވެ. ދަންޑެހެލަށް ކޮލި ލެއްވީ ފާމުލަދޭރިކަމަށެވެ.

ރަސްކަމަށް ވަޑައިގަތުމަށް ފަހު އެންމެ އިސްކަން ދެއްވީ ރާއްޖޭގައި އިސްލާމީ ތަޢުުލީމު ދެއްވައި އިސްލާމީ ހިދާޔަތު ފަތުރުއްވާށެވެ. އެ ދުވަސްވަރު ރާއްޖެއިން އޮތީ އިސްލާމީ ހިދާޔަތު މުޅީން ކަހަލަ ގޮތަކަށް ފުހެވިފައެވެ. އެކަމަކު އެދުވަސްވަރު އިސްލާމީ ތަޢުލީމު ދެއްވޭ ވަރުގެ ބޭފުޅަކު ރާއްޖެއަކު ނެތެވެ. އެ ދުވަސްވަރާ ދިމާކޮށް ރާއްޖެއިން ބޭރަށް ވަޑައިގެން ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު ދަންނަބޭކަލަކު ރާއްޖެ ވަޑައިގަތެވެ. އެއީ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނެވެ. ބޮޑުތަކުރުފާނު މި ކަލޭގެފާނާ މަތިކުރެއްވީ އިސްލާމީ ހިދާޔަތު ފަތުރުއްވާށެވެ. ދަންނަކަލޭގެފާނު ވަޒަންވެރިވެ ވަޑައިގަތީ ގދ. ވާދޫގައެވެ. ދެން ރާއްޖޭގެ އެކި ރަށްރަށުން މީހުން ވާދުއަށް އައިސް ކިޔަވާން ފަށައިފިއެވެ. ވާދޫ ދަންނަކަލޭގެފާނު އަރިހުން ކިޔަވައި ވިދާޅުވީ އެންމެ މަޝްހޫރު ބޭފުޅުންނަކީ އަބޫބަކުރު ފަނޑިޔާރުތަކުރުފާނާއި، އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނާ ދެކަލުންނެވެ. (މަޢުލޫމާތު: ދިވެހިބަހުގެ އެކަޑަމީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.