'ކަރްތާރްޕޫރް ކޮރިޑޯ' ގެ އެއްބަސްވުމުގައި އިންޑިޔާއާއި ޕާކިސްތާނުން ސޮއިކޮށްފި

'ކަރްތާރްޕޫރް ކޮރިޑޯ' އެއްބަސްވުމުގައި ދެގައުމުން ސޮއިކުރަނީ

އިންޑިޔާއާ ޕާކިސްތާނާ ދެމެދު ގާއިމްކޮށްފައިވާ 'ކަރްތާރްޕޫރް ކޮރިޑޯ' އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފިއެވެ. 'ކަރްތާރްޕޫރް ކޮރިޑޯ' އަކީ އިންޑިޔާގެ ސިކުންނަށް ޕާކިސްތާނުގައި ހުންނަ އެ ދީނުގެ އެންމެ މުގައްދަސް ގުރްދުވާރާ (ފައްޅި) އަށް ވިސާއާ ނުލާއި ދަތުރުކުރެވޭނޭ މަގު ތަނަވަސްކޮށްދިނުމަށް ހަދާފައިވާ ޚާއްސަ މަގެކެވެ.

ޕާކިސްތާނު ޕަންޖާބުގެ ނިރޯވާލް ޑިސްޓްރިކްޓްގެ ކަރްތާރްޕޫރް އަވަށާ ދިމާއިން ދެ ގައުމުގެ ސަރަހައްދު ގުޅޭ ހިސާބުގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް (ސައުތު އޭޝިޔާ ރީޖަން) ޑރ. މުޙައްމަދު ފައިޞަލެވެ. އިންޑީޔާގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝުބާސް ދާސްއެވެ.

މި އެއްބަސްވުމުގެ ދަށުން، އިންޑިޔާގެ ޑޭރާ ބާބާ ނާނަކް އަވަށުން ޕަކިސްތާނުގެ ކަރްތާރްޕޫރު އަވަށަށް ހަދާފައިވާ 6 ކިލޯމީޓަރު ދިގު ކޮރިޑޯއިން ދުވާލަކު 5 ހާސް ސިކުންނަށް އިންޑިޔާގެ ސަރަހައްދީ ރޮނގާ 4 ކިލޯމީޓަރު ދުރުގައި ހުންނަ ގުރްދުވާރާ ދަރްބާރް ސާހިބްއަށް ވިސާއަކާ ނުލައި ޒިޔާރަތް ކުރެވޭނެއެވެ. މި ގޮތަށް ދަތުރުކުރާ މީހުންނަށް މި މަގު ހުޅުވިފައި އޮންނާނީ އިރު އެރީއްސުރު އިރު އޮއްސެންދެނެވެ. އަދި އެތަނަށް ޒިޔާރަތްކުރަން ދާ މީހުން އެ ދުވަހު އިންޑިޔާއަށް އެނބުރި ދާން ޖެހޭނެއެވެ.

ކަރްތާރްޕޫރުގައި ހުންނަ ގުރްދުވާރާ ދަރްބާރް ސާހިބް

ގުރްދުވާރާ ދަރްބާރް ސާހިބް ކަރްތާޕޫރް، ނުވަތަ ކަރްތާރްޕޫރު ސާހިބް އަކީ ސިކް ދީނުގެ ބާނީ ގުރޫ ނާނަކް ވަޅުލެވިފައިވާ ތަނުގައި ބިނާކޮށްފައިވާ ފައްޅިއެކެވެ. ކާރްތާރްޕޫރަކީ އޭނާ ފަހުން ވަޒަންވެރި ވެގެން މީލާދީން 1539 ވަނަ އަހަރު މަރުވަންދެން ދިރިއުޅުނު ރަށެވެ. މި ފައްޅިއަކީ ސިކުން އެންމެ މާތްކޮށް ހިތާ އެއް ފައްޅިއެވެ. ސަރަހައްދީ ރޮނގުގެ އިންޑިޔާ ފަޅިން ވެސް މި ފައްޅި ފެންނަން ހުންނަތީ ސިކުންގެ ގިނަ ބަޔަކު މި ފައްޅި ދެކިލުމުގެ 'ބަރަކާތް ހޯދުމަށް' ވެސް ކޮންމެ ދުވަހަކު ސަރަހައްދީ ރޮނގު ކައިރިއަށް އެއްވެއެވެ.

ދެ ގައުމުން އެއްބަސްވެފައި އޮތީ އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ގުރޫ ނާނަކްގެ 550 ވަނަ އުފަންދުވަހުގެ ކުރިން މި ކޮރިޑޯ ހުޅުވުމަށެވެ.

"ކޮރިޑޯ ހުޅުވިފައި އޮންނާނީ ކޮންމެ ދުވަހަކު އިރު އެރީއްސުރެ އިރު އޮއްސެންދެން. ޒިޔާރަތްކުރަން ހެނދުނު އަންނަ މީހުން ހަވީރު އެނބުރި ދާންޖެހޭނެ. ކޮންމެ މީހެއްގެ އަތުން ޚިދުމަތުގެ ފީއެއްގެ ގޮތުގައި 20 އެމެރިކާ ޑޮލަރު ނެގޭނެ." ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ޑރ. ފައިޞަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު ބޮޑުވަޒީރު ޢިމްރާން ޚާން މި ކޮރިޑޯ ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ.

'ކަރްތާރްޕޫރް ކޮރިޑޯ' ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދަނީ

ކަޝްމީރުގެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމަކީ ރަނގަޅު ފާލެއް ކަމުގައެވެ. އަދި މިއީ ދެ ގައުމުގެ ދެމުދުގައި ވާހަކަދެއްކުން މެދު ނުކެނޑި ކުރިއަށް ދާކަމުގައެ ނިޝާނަކަށް ވާތީ، ކަޝްމީރުގެ މައްސަލައިގައި ދެ ގައުމުން މަޝްވަރާގެ މޭޒު ދޮށަށް އެނބުރި އައުމުގެ ފުރުސަތު އޮތްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.