ހޮލަންޑުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން ފާސް ކޮށްފި

ހޮލަންޑުގެ އާއްމު ބައެއް ތަންތާނގައި މޫނު ބުރުގާ އެޅުން މަނާ ކުރަން ފާސް ކޮށްފިއެވެ. އަންގާރަ ދުވަހު ހޮލަންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި ގާނޫނެއްގައިވާ ގޮތުގައި އިސްކޫލުތަކާއި، ހަސްފަތާލުތަކާއި، އާއްމު ދަތުރުފަތުރުގެ ސަވާރީތަކުގައި މޫނު ބުރުގާ އަޅައިގެން އުޅުމަކީ މީގެ ފަހުން ގާނޫނީ ކުށެކެވެ.

މިއީ ހަމައެކަނި މޫނު ބުރުގާއަށް ޚާއްސަ ގާނޫނެއް ނޫނެވެ. މި ގާނޫނުގައިވާ ގޮތުން އާއްމު ތަނެއްގައި މޫނު ފޮރުވޭ ކަހަލަ އެއްވެސް އެއްޗެއް އަޅައިގެން އުޅުމަކީ މަނާ ކަމެކެވެ. އޭގެ ތެރޭގައި ސުނޯމަތީގައި ދުއްވަން މޫނުގައި އަޅާ އެއްޗިއްސާއި މޫނު ނިވައިވާ ގޮތަށް އަޅާ ހެލްމެޓުވެސް ހިމެނެއެވެ. މި ގާނޫނުގައި ބުނާ އާއްމު ތަންތަނުގެ ތެރޭގައި މަގުމައްޗެއް ނުހިމެނެއެވެ. އެހެންނަމަވެސް މަގުމަތީގައިވެސް ވަކި މީހަކު އަންގަން މޫނު ދައްކާން ޖެހިއްޖެ ހާލަތެއްގައި ނުދައްކައި ހުރުމަކީ މަނާ ކަމެކެވެ.

ސަރުކާރުން ބުނާ ގޮތުގައި މިއީ ވަކި ދީނަކަށް ނިސްބަތްކޮށް ހަދާފައިވާ ގާނޫނެއް ނޫނެވެ. އަދި ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށްގެން ހެދި ގާނޫނެއްވެސް ނޫނެވެ. މި ގާނޫނުގެ ބޭނުމަކީ ފަރުދުންގެ ހަމަހަމަކަން ހިފެހެއްޓުމާއި ދޭދޭ މުއާމަލާތުގެ ހަމަހަމަކަން ދެމެހެއްޓުމެވެ.

މި ގާނޫނު މަޖިލީހުން ފާސް ކުރީމާ ސަރުކާރުން ގައުމުގެ އެންމެ މަތީ ޝަރުޢީ ކޯޓަށް ފޮނުވާނެއެވެ. ކޯޓުގެ ޚިޔާލަށް ފަހު އާއްމުންގެ ޚިޔާލުވެސް ހޯދާނެއެވެ.

ގާނޫނާ ޚިލާފު ވެއްޖެ ނަމަ 405 ޔޫރޯ އިން ޖުރުމާނާ ކުރާނެއެވެ.

ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން ވަނީ މޫނު ބުރުގާ އެޅުމަށް ހުދޫދުތަކެއް ކަނޑައަޅައިފައެވެ. ހޮލަންޑުގައި އުޅޭ ކަމަށް ވަނީ މޫނު ބުރުގާ އަޅާ ސަތޭކައާއި ފަސް ސަތޭކަޔާ ދެމެދުގެ ޢަދަދެއްގެ މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.