ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންގޮސް، އޮފީސް ސާފު ކުރަންޖެހޭ: މަލީހު

ދައުލަތުގެ ޕްރޮސެކިޔުޓަރޖެނެރަލް ޢާއިޝާތު ބިޝާމު އިންސާފުގެ ކުރިމައްޗަށް ގެންނަވައި އެކަމަނާގެ އޮފީސް ސާފުކުރައްވަން ޖެހޭކަމަށް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ މަލީހާ ގުޅުވައިގެން މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި ބީޖީ ވިދާޅުވިކަން އެނގިވަޑައިގެން ކުރެއްވި ޓްވީޓެއްގައެވެ.

މަލީހު ވިދާޅުވީ އެފަދަ ވާހަކަތައް ދެކެވުމުގެ ބަދަލުގައި "އެންމެފުރަތަނަ ބަލަންޖެހެނީ ކަނޑައެޅިގެން ބޮޑެތި ބުހުތާނު ދޮގު ހަދައި މީހުންގެ އަބުރު ކަތިލި ޕީޖީ ގެ މައްސަލަ. އަދި ކޮމިޓީ އިން ނިންމި ގޮތަށް ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންދަންޖެހޭ. ޕީޖީ އޮފީސް ތާހިރު ކުރަންޖެހޭ،" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ނެރެފައިވާ 776 ސަފުހާގެ ރިޕޯޓާއެކު މިނިސްޓަރ ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ބޮޑު ރިޕޯޓެއްގައި އެއްވެސް ގޮތަކަށްނެތް ނަމެއް ޕީޖީ ބިޝާމް އުފަންކުރުވީ ކިހިނެއްތޯ ކަމަށެވެ. "މި ބޮޑު ރިޕޯޓުގައި އެއްވެސް ގޮތަކަށް ނެތް ނަމައް ޕީޖީ ކަމަނާ މެންދުރު ގަޑީގައި ސިއްރުކޮޓަރީގައި އުފަން ކުރުވީ ކިހިނެއްތޯ؟" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މަލީހުން ވިދާޅުވެފައިވަނީ ޕީޖީ ބިޝާމް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އެކަމާ ޝައްކެއްވެސް ކުރައްވައިގެން ނުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ވާހަކައެއް ދެއްކެވުނީ ވަޒީފާގެ ދިފާޢުގައި މަޖުބޫރުވެގެންތޯ ވެސް މިނިސްޓަރ ވަނީ ސުވާލު ކުރައްވައިފައެވެ.

"ޖަވާދުދާރީ ކުރުވާނަން. އެކަމާ ޝައްކު ނުކުރައްވާ؟ ވަޒީފާ ހިމާޔަތް ކުރަން މަޖުބޫރު ކަމެއްގައިތޯ ބުނެވުނީ؟،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.