ރަސޫލާގެ ދިފާޢުގައި ފިޔަވަޅުއަޅަން ނުކުޅެދޭ މަޤާމެއްގައި ނުހުންނާނަން: ޑރ. ޝަހީމް

  1. ކީރިތި ރަސޫލާގެ ދިފާޢުގައި ފިޔަވަޅުއަޅަން ނުކުޅެދޭ މަޤާމެއްގައި ނުހުންނަވާނެ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއެވެ. އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޢަޤީދާއާއި ރާސޫލާގެ ޠާހިރު ޝަރަފްވެރި ޝަޚުޞިއްޔަތަށް ބަދު ބަހެއް ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

"މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ. ޞަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުޞިއްޔަތެކެވެ. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުހެވެ. އެކަލޭގެފާނުގެ ދިފާޢުގައި ފިޔަވަޅު އެޅެން ނުކުޅެދޭ މަޤާމެއްގައިވެސް ހިދުކޮޅަކު ވެސް ނުހުންނާނަމެވެ." ޝަހީމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވެސް ސަރުކާރަށް އެއްވެސް ފާޑެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީއެންގެ ރިޕޯޓް މައްސަލައިގައި ވާހަކަ ދައްކަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެކަމަށް ވާހަކަ ދެއްކެވީ އަމިއްލަ ހައިސިއްޔަތުން ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑު އެދުނީ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށެވެ. އަދި އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ ތާއިދު ކުރާ ކަމެއްނޫން ކަމުގައި ވެސް ބުނެފައިވާނެއެވެ."

އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާވެސް ބެހިވަޑައިނުގަންނަވާ ކަމަށެވެ. "އަޅުގަނޑު ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ނުބެހެމެވެ. އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ ޢިލްމީ ޚިޔާލެއް ދިނުމަކީ މަޤާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއްނޫނެވެ. އަޅުގަނޑު މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ޕްރޮފެޝަނަލް ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސައާއި، މީގެ އިތުރުން އެމްޑީއެންގެ މައްސަލައެވެ."

އެމަނިކުފާނު ވިދާޅުވީ ރާއްޖޭ ކުރީގެ ތިން ސަރުކާރެއްގެ އިސްލާމީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމާއި މިނިސްޓަރކަން ވާނީ ކުރައްވާފައި ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ވައިސްޗާންސެލަރ އަދި ޗާންސެލަރގެ މަޤާމު ވެސް ފުރާފައިވާ  ބޭފުޅެކެވެ. އެ "ހައިސިއްޔަތުން، ރާއްޖޭގެ އިސްލާމީ އެކި އެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ ޢިލްމީ ގޮތެއްގައި ޚިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެއެވެ. ރައީސަށް ވެސް ނައިބް ރައީސަށް ވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެއެވެ." ޝަހީމް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމާ އޭނާ ބެހިވަޑައިގަންނަވާކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީގެ ޕީޖީ  ލީޑަރު މަޖިލީހުގެ ރައީސަށް ސިޓީއަކުން ދަންނަވާފައިވަނިކޮށްނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.