މިއަދަކީ އިނގިރޭސިވިލާތް ޔޫރަޕއަން ޔުނިއަން (އީޔޫ) އިން ވަކިވުމުގެ މައްސަލައިގައި ބޮޑު ދުވަހެއްގެ ގޮތުގައި ސިފަކުރެވުނު ދުވަހެކެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއަދަކީ ބްރެގްޒިޓްގެ ބޮޑު ހޮނިހިރު ދުވަހެވެ. އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިސްލާހުތަކަކާއެކު ހުށަހެޅުއްވި އެއްބަސްވުން އީޔޫއިން ގަބޫލުކޮށް 31 އޮކްޓޯބަރުގައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ހައުސް އޮފް ކޮމަންސްގައި ވޯޓުލުމެވެ.
މިއަދު ބޭއްވުނީ 37 އަހަރަށް ފަހު ހޮނިހިރު ދުވަހެއްގައި ހައުސް އޮފް ކޮމަންސްއިން ބޭއްވި ފުރަތަމަ ޖަލްސާއެވެ.
ކުރިންވެސް ހީކުރެވިފައިވާ ގޮތަށް މި އެއްބަސްވަށް މިއަދު ހުށަހެޅުނު ހުށަހެޅުންތަކުގެ ތެރެއިން ގިނަ މެންބަރުންގެ ތާއީދު ލިބި، ފާސްވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުން (ބްރެގްޒިޓް) ލަސްކުރުމަށް ހުށަހެޅުނު އިސްލާހަށެވެ. ކުރިން ކޮންޒާވެޓިވް ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އޮލިވާ ލެޓްވިން ހުށަހެޅުއްވި މި ހުށަހެޅުން ފާސްވީ 322 މެންބަރުންގެ ތާއީދާއެކުގައެވެ. ދެކޮޅަށް ވޯޓުދެއްވީ 306 މެންބަރުންނެވެ. 'ލެޓްވިން އިސްލާހު' ގައި ވަނީ ޖޮންސަން އެކުލަވާލެއްވި އެއްބަސްވުމުގައި ވާ ކަންކަން ހައުސް އޮފް ކޮމަންސްއިން ފާސްކުރަންދެން އީޔޫއިން ވަކުވުން ލަސްކުރުމަށެވެ.
އެހެންނަމަވެސް، ބޮޑުވަޒީރު ޖޮންސަން ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ އަންގާރަ ދުވަހު އޮންނަ ހައުސް އޮފް ކޮމަންސްގެ ޖަލްސާގައި އަނެއްކާވެސް އޭނާގެ ހުށަހެޅުވަށް ތާއީދު ހޯއްދަވަން ވޯޓަށް އައްސަވާނެ ކަމުގައެވެ.
'(ބްރެގްޒިޓް) ލަސްކުރަން އީޔޫއާއެކު އަހަރެން މަޝްވަރާއެއް ނުކުރާނަން. ގާނޫވެސް އަހަރެން އެކަންކުރަން ބާރެއް ނައަޅާ." މިއަދު ނެގި ވޯޓަށް ފަހު ޖޮންސަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ވޯޓުގެ ސަބަބުން "ޖެހިލުން ނުވާ" ކަމަށާއި "ނުސިހޭނެ" ކަމަށެވެ.
އީޔޫއިން ބުނީ ދެން އަޅާނެ ފިޔަވަޅެއް ނިންމާނީ އިނގިރޭސިވިލާތުން ކަމުގައެވެ. "ލެޓްވިން އިސްލާހޭ ކިޔުނު އިސްލާހަށް މިއަދު ހައުސް އޮފް ކޮމަންސްގައި ނެގި ވޯޓު ވަނީ އީޔޫ ކޮމިޝަނުގެ ސަމާލުކަމަށް ގެނެވިފައި. އޭގެ މާނައަކީ (އީޔޫއިން) ވަކިވުމާ ބެހޭ އެއްބަސްވުމަށް މިއަދު ވޯޓަށް ނޭހުން. ވީ އެންމެ އަވަހަކަށް ދެން އަޅާނެ ފިޔަވަޅެއް އަހަރުމެންނަށް އެންގުމަކީ އިނގިރޭސިވިލާތަށް އޮތް ކަމެއް." މިއަދުގެ ވޯޓާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު މިނާ އަންޑްރީވާ ކުރެއްވި ޓުވީޓެއްގައި ވެއެވެ.
ކުރިން ދައްކަވާފައިވާ ވާހަކަފުޅެއްގައި ބޮޑުވަޒީރު ޖޮންސަން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް އީޔޫން ވަކިވުން 31 އޮކްޓޯބަރަށްވުރެ ލަސްކުރެއްވުށް ވުރެ "ވަޅުގަނޑެއްގައި އޮވެ މަރުވުން ވެސް މާރަނގަޅު" ކަމުގައެވެ.
އިނގިރޭސިވިލާތް ޔޫރަޕިއަން ކޮމިއުނިޓީ (ފަހުން ޔޫރަޕިއަން ޔުނިއަން) އާ ގުޅުނީ 1 ޖަނަވަރީ 1973 ގައެވެ. އެ ޖަމާއަތުން އިނގިރޭސިވިލާތް ވަކިވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ޖޫން 2016 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި %51.89 މީހުން ތާއީދުކުރީ އީޔޫއިން ވަކިވުމަށެވެ. އީޔޫގައި އޮތުމަށް ތާއީދުކުރީ %48.11 މީހުންނެވެ.