ޤާސިމްގެ ތައުރީފު ދަރިންނަށް: އަޅުގަނޑުގެ ކުދިންނަކީ ވަރަށް ބަސްއަހާ ވަރަށް ރަނގަޅު ކުދިން، އެކަމާ ވަރަށް އުފާކުރަން

ޤާސިމް އިބްރާހިމް އާއި ދޮށީ ދަރިކަލުން ޝިޔާދު އަދި ދަރިކަނބަލުން ސަނާ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެމަނިކުފާނުގެ ދަރިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މީޑިޔާގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ޤާސިމް އެމަނިކުފާނުގެ ދަރިންނަށް ތައުރީފު ކުރައްވައި މީޑިޔާގައި ވާހަކަފުޅު ދެއްކެވީ ވީޓީވީން ގެނެސްދިން ސިޔާސީ ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމްގައި ދަރިންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވީ ވިޔަފާރި އާއި އިޖުތިމާއީ ކަންކަމުގެ އިތުރުން ސިޔާސީ، އަދި އަމިއްލަފުޅު ކަންކަމަށް ވަގުތު ހުސްކުރައްވާ ގޮތާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

ޤާސިމް ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކު ޝައުގުވެރިވާ ކަމެއް ކުރަން ބޭނުމިއްޔާ ކިތަންމެ ބުރަކޮށް އުޅެންޖެހުނަސް އެކަމަށް ވަގުތު ހޯދާނެ ކަމަށާއި، އެކިކަންކަމަށް ބަހާލައިގެން ޓައިމް މެނޭޖް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޤާސިމް ވިދާޅުވީ އަމިއްލަފުޅު ވިޔަފާރި އާއި އެނޫންވެސް ކަންކަމުގައި އުޅުއްވަމުންވެސް ޖުމްހޫރީ ޕާޓީން ބާއްވާ ބައްދަލުވުން ތަކަށް ހަފުތާއަކު ދެރޭ ނުވަތަ ތިންރޭ ވަގުތު ދެއްވަމުން ގެންދަވާ ކަމަށެވެ.

"އެނޫން ވަގުތުގައި ދިރިއުޅުމަށްކުރާ މަސައްކަތްތައް ކުރަން ވަގުތު ދީގެން މިއުޅެނީ ރެޔާ ދުވާލު. ދެން އެނޫން އެހެން ވަގުތުތަކުގައި މަޖިލީހަށްވެސްދަން. އަޅުގަނޑުގެ ވިލާ ފައުންޑޭޝަނުގެ ކަންތައްތައްވެސް ބަލަހައްޓަން. ވިލާގެ މަސައްކަތްތައްވެސް ކުރަން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި މިހާރު ވިލާގެ ވިޔަފާރީގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމަނިކުފާނުގެ ދަރިން ކަމަށެވެ. ހުރިހާ ދަރިންނާމެދުވެސް ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަ ކުރެއްވިއެވެ.

"އަޅުގަނޑުގެ ކުދިންނަކީ ވަރަށް ބަސްއަހާ، ވަރަށް ރަނގަޅު ކުދިން، އެހެންވީމަ އަޅުގަނޑު ވަރަށް އުފާ ކުރަން. އަނެއްކާ އަޅުގަނޑުގެ ފިރިހެން ކުދިންނަކީވެސް ވަރަށް އިންޓެލިޖެންޓް، ވަރަށް ހުޝިޔާރު، ވަރަށް ކިޔަމަންތެރި ކުދިން" ޤާސިމް ވިދާޅުވިއެވެ.

މިހާރު ވިޔަފާރީގައި ދަރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަކަން ފާހަގަ ކުރައްވައި ޤާސިމް ވަނީ ތިން ދަރިކަލަކާއި، ދެ ދަރިކަނބަލެއްގެ ނަންފުޅުވެސް ވަކިވަކިން ފާހަގަ ކުރައްވާފައެވެ. ވިދާޅުވީ ވިލާގެ ވިޔަފާރީގައި އެންމެ އިސްކޮށް މިވަގުތު އުޅުއްވަނީވެސް ދޮށީ ދަރިކަލުން އިބްރާހިމް ޝިޔާދު ޤާސިމް ކަމަށެވެ.

"އަޅުގަނޑުގެ އިބްރާހިމް މިހާރު ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރަކީ، ދެން އޭނާ ޒިންމާ ނަގައިގެން، އޭނަ ވަރަށް ރަނގަޅު، އަޅުގަނޑުގެ އިސްމާއީލްއާއި، މުޙަންމަދާއި، އިބްރާހިމާ ތިންބެއިން އެބައުޅޭ، ދެން އަދި އަޅުގަނޑުގެ ސަނާ ކިޔާ އަންހެން ދަރިފުޅަކުވެސް އެބައުޅޭ. ސަމާ އެއުޅެނީ އެގްރިކަލްޗަރު ފީލްޑުގައި. އޭނައަކީ ޑޮކްޓަރެއް، އެމްބީބީއެސް. އޭނަ އިނގިރޭސިވިލާތުން ޑޮކްޓަރުކަން ނިންމައިގެން އައިސް އާއިލާ މީހުން ގޮވައިގެން ޑޮކްޓަރަށް ދައްކަން ގައުމުތަކަށް މަސައްކަތް ކުރުމާއި، އެގްރިކަލްޗަރު މަސައްކަތް ކުރިއެރުވުމުގެ މަސައްކަތުގައި އޭނަގެ ފިރިމީހާޔާއެކީގައި އެބައުޅޭ. ދެން ވަރަށް ރަނގަޅު" ޤާސިމް ވިދާޅުވިއެވެ.

ދަރިންނަށް ޤާސިމް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއިރު، ވިޔަފާރީގައި އެހީތެރިވުމުގެ އިތުރުން ފާއިތުވީ ދުވަސްތަކުގައި ޤާސިމަށް ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ފިއްތުންތަކުގެ ތެރޭގައި އެމަނިކުފާނު ޖަލަށްލުމާއި، އަދި އޭރު ކުރިމަތިވެވަޑައިގެންނެވި ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމުންވެސް ޤާސިމްގެ ދިފާއުގައި ދޮށީ ދަރިކަލުން ޝިޔާދު ޤާސިމް އާއި ދަރިކަނބަލުން ސަނާ ނުކުމެވަޑައިގަތުމުން އާންމުންގެ ތެރޭގައި ވަރަށްބޮޑު މަގުބޫލުކަމެއްވެސް އެދެބޭފުޅުންނަށް އޭރު ލިބިގެން ދިޔައެވެ. ބައްޕާފުޅަށް ކުރިމަތިވި ސިޔާސީ ފިއްތުންތަކުގެ ތެރޭގައި ޝިޔާދު ވަރަށްގިނަ ދުވަހު ޖަލުގައިވެސް އުޅުއްވަން ޖެހިވަޑައިގަތެވެ.

ނަމަވެސް ޤާސިމްގެ އެއްވެސް ދަރިޔަކު ސިޔާސީ މަސައްކަތުގައި މިހާރު އުޅުއްވާ މަންޒަރެއް ނުފެނެއެވެ. ޤާސިމް ވިދާޅުވި ގޮތުންނަމަ އެ ކުދިން މިހާރު އުޅުއްވަނީ ވިލާގެ މަސައްކަތާއި، އެނޫންވެސް މަސައްކަތްތަކުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.