ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފުގެ ހޫނު ރައްދެއް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒައިން އަބްދުﷲ އަށް ދެއްވައިފިއެވެ.
މަހްލޫފް މިއަދު އަމިއްލަފުޅު ފޭސްބުކްގައި ވިދާޅުވީ ރައީސް ޔާމީންގެ ދަރިކަލުން ޒައިންއަށް ފެނިގެން މިނިސްޓަރާ ދިމާއަށް ވަނީ "ވަގަށް" ގޮވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިނގިގޮތާބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުލިޔުއްވައެވެ.
ރައީސް ޔާމީންގެ ދަރިކަލުން މިނިސްޓަރަށް "ވަގަށް" ގޮވި ކަމަށް ވިދާޅުވެ، ކޯފާ އިސްކުރައްވައި މިނިސްޓަރު ވިދާޅުވީ ބައްޕާފުޅު ޔާމީންއަށް "ވަގަށް" ގޮވުން "މާ ކޫލް ވާނެ" ކަމަށެވެ.
"ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަޅުގަނޑު ފެނިގެން ވަގަށް ގޮވައިފި، އަޅުގަނޑަށް ހީވަނީ ބައްޕަ ފެންނަ ކޮންމެ ފަހަރަކު ވަގަށް ގޮވާލީމަ މާ ކޫލް ވާނެހެން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅުން ހުރި އެސްއޯއެފުން މަހްލޫފުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލަ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފެންމަތިވި ނަމަވެސް އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު އޭސީސީން ވަނީ އެކަމުގައި މަހްލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.
އެ މައްސަލަ ފެންމަތި ވުމާއި ގުޅިގެން މިނިސްޓަރު މަހްލޫފް ގޭގައި މަޑު ކުރުވާފައިވެސް ރައީސް ސޯލިޙު ބެހެއްޓެވިއެވެ. ނަމަވެސް ފަހުން މިނިސްޓަރު އޮފީހަށް ވަޑައިގަތުމަށް ރައީސް އެންގެވީ އޭސީސީން އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު މަހްލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަމަށް ބުނުމުންނެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒައިންއަކީ ބައްޕާފުޅުގެ ވެރިކަމުގައިވެސް ސިޔާސީ މަސައްކަތްޕުޅުގައި މާބޮޑަށް އުޅުއްވި ބޭފުޅެއްނޫނެވެ. އާންމުންގެ ތެރެއިން އެހާބޮޑަށް ނުފެންނާތީ ސިޔާސީ މަސްރަހުގައި އާންމުންނަށް އެހާ ފަރިތަ ބޭފުޅެއްނޫނެވެ. ނަމަވެސް ބަޔެއް ރަސްމީ ބައްދަލުވުންތަކުގައި ބައްޕާފުޅު އަރިހުގައި ހުންނަވަނިކޮށް ފެނިފައިވެއެވެ.
He.he.he hama thaaku meehaku huhttas vagakah nugovaane.anehkolhun ehen meehaku bolu badhunaa mu maruvaairu thikamah kihaavarehge hageegatheh vaanebaa. Thimaayah ekamugaves baiverivevuneethaa. Keehkuraanee ladhehves nugannannaane vihyye.