ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަނެއް މިއަދު ބާއްވައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން ބޭއްވި ޑިސްކަޝަނެކެވެ. މިޕެނެލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައެވެ.
މި ޑިސްކަޝަންގައި މައުލޫމާތު ފޯރުކޮށްދެއްވުމަށް އެކި މުޢައްސަސާތަކާއި ޕްރައިވެޓް ސެކްޓަރއިން ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕެނަލިސްޓުންގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑަޔަޓީޝަން އައިމިނަތު އިޔާޝާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ އަދި ނިއުޓްރިޝަންގެ އެކްސްޕާޓް އައިޝަތު ޝާހީން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި މިނިސްޓްރީގައި ދިގުމުއްދަތެއް ހޭދަ ކުރެއްވުމަށްފަހު މިހާރު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕެސްޓާމިނޭޓަރސް ޕްރައިވެޓު ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ރަޝީދާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އާދަމް މަނިކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލްހެލްތު ޑިވިޝަންގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ޙުސެން ރަޝީދު މޫސާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ އެދާއިރާއިން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ޑިސްކަޝަންއެކެވެ. ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވަނީ އެފްއޭއޯ އިން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޖެންޑަރ އެސެސްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ދަ ރޫރަލް ސެކްޓަރ އިން މޯލްޑިވްސް" ނެރެދެއްވާފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް އޮކްޓޯބަރ 16 ގައެވެ.