ޓިއުނީޝިޔާގެ ރައީސުކަމަށް ޤައިސް ސުޢައްޔިދު

އަމިއްލަ ގޮތުން ވާދަކުރައްވައި ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޤައިސް ސުޢައްޔިދު

އިއްޔެ ޓިއުނީޝިޔާ (ތޫނިސް) ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިގެން، ދަސްތޫރީ ޤާނޫނުގެ ޕޮރްފެސަރު ޤައިސު ސުޢައްޔިދު ރައީސުކަމަށް ހޮވިވަޑައިގެންފިއެވެ.

ޓިއުނީޝިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ނެގި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސުޢައްޔިދުއަށް %72 އާއި %77 އާއި ދެމެދުގެ އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާނެއެވެ. އޭނާއާއި ވާދަކުރެއްވި މީޑިޔާ މަހުޖަނު ނަބީލު ޤަރަވީއަށް ވޯޓު ލިބިވަޑައިގަންނަވާނެކަމަށް ބެލެވެނީ %23 އާއި %27 އާއި ދެމެދުގެ އަދަދަކަށެވެ.

އުމުރުފުޅުން 61 އަހަރުގެ ސުޢައްޔިދު ހޮވިވަޑައިގަތް ރިޔާސީ އިންތިޚާބުގައި ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 7.2 މިލިއަން މީހުންގެ %57.8 އެވެ.

ވެރިރަށް ޓޫނިސްގެ ހޮޓަލެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސުޢައްޔިދު ވަނީ އޭނާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އިއުލާންކުރައްވާފައެވެ.

"ޓިއުނީޝިޔާގެ ރައްޔިތުން މި ވަނީ ދުނިޔެ ހައިރާންކޮށްލާފައި." އޭނާ ވިދާޅުވިއެވެ. އޭނާވަނީ "ފުރިހަމަ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު" ރައީސުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި "ޓިއުނީޝިޔާ މީހުން ވަނީ ތާރީޚުގެ އައު މަރުހަލާއަކަށް ވަދެފައި. އެއީ އެހެން މީހުން އެއިން އިބުރަތް ހާސިލުކުރާފަދަ މަރުހަލާއަކަށް ވާނެ."

ޤައިސު ސުޢައްޔިދުއާ ވާދަކުރެއްވި ޤަލްބު ތޫނިސް (ޓިއުނީޝިޔާގެ ހިތް) ޕާޓީގެ ކެންޑިޑޭޓް ނަބީލް ޤަރަވީ އަދި ރަސްމީކޮށް ބަލި ގަބޫލުނުކުރައްވައެވެ. އޭނާ ވިދާޅުވީ އޭނާ ކުރިއަށް އަޅުއްވާނެ ފިޔަވަޅެއް ނިންމަވާނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމށް ފަހުގައި ކަމަށެވެ. "އަހަރެން ވަނީ އިންތިޚާބުގައި ކެމްޕޭންކުރުމުން މަހްރޫމުކޮށްފައި. އެހެންނަމަވެސް އަހަރެންގެ މަޝްރޫއު އަހަރެން ކުރިއަށް ގެންދާނަން." ޤަރަވީ ވިދާޅުވިއެވެ.

އޭނާ ގެންގުޅުއްވާ ހަރުކަށި އުސޫލުތަކުގެ ސަބަބުން 'ރޮބޮޓް'ގެ ވަނަމުން މަޝްހޫރުވެވަޑައިގެންފައިވާ ސުޢައްޔިދު ހިންގެވީ އާދަޔާ ޚިލާފު ކެމްޕޭނެކެވެ. އޭނާ މާބޮޑު އިޝްތިހާރެއް ނުކުރައްވައެވެ. އާއްމުންނަށް އޭނާ ވިސްނައިދެއްވީ ކޮރަޕްޝަން ނައްތާލުމާއި ނަޒާހަތްތެރިކަމުގެ މުހިއްމު ކަމެވެ. މިވިސްނުން އޭނާ އަމާޒުކުރެއްވީ ޒުވާނުންނަށެވެ. ސުޢައްޔިދުއާ ވާދަކުރެއްވި ޤަރަވީއަކީ ކޮރަޕްޝަނާއި، މަނީލޯންޑަރިންގގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅެކެވެ.

ޤައިސު ސުޢައްޔިދުއަކީ އަރަބި ރަބީޢަށް ފަހު ޓިއުނީޝިޔާގެ އާ ޤާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދި ޤާނޫނީ ތަޖުރިބާކާރުންގެ ކޮމިޓީގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އޭނާއަކީ ސިޔާސީ ކަންކަމުގައި ވާހަކަފުޅު ދެއްކެވުމަށް ދޭތެރެ ދޭތެރެއިން ޓީވީއަށް އަރުއްވާ ބޭފުޅެކެވެ.

1986 ވަނަ އަހަރުން ފެށިގެން ގާނޫނު ކިޔަވައިދެއްވުމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި ސުޢައްޔިދު ވަނީ އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް ޖަލުގައި އޮންނަވަނިކޮށް އޭނާ ކެމްޕޭން ނުކުރައްވާނެކަމަށް ވިދާޅުވެ އިންތިޚާބުގެ އެއް ހަފުތާ ކުރިން ކެމްޕޭން ހުއްޓަވާލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.