މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެއެވެ.
ޑރ ޙުސައިން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ ފެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރައްވަން ހަމަޖެހިފައިވާ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން އަންގަވާފައި އޮތުމުންނެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާގެ އެންމެ ކުރީގައި އޮތީވެސް މިނިސްޓަރ ޑރ ޙުސައިންއާ ސުވާލު ކުރެއްވުމެވެ. މެމްބަރު ފަޒުލް މިއަދު މިނިސްޓަރާ ސުވާލު ކުރައްވާނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުގެ ގޮތުގައި، ވ.ފުލިދޫގެ ކުނިކޮށި މިއަހަރު ބަޖެޓު ކުރެވިފައި ވީއިރު، މިމަސައްކަތް ކޮންޓްރެކްޓުގެ އުސޫލުން ބަޔަކާ ޙަވާލުލު ކުރެވޭނެ ތާރީޚެއް ސާފު ކުރައްވަން ކުރައްވާ ސުވާލެކެވެ.
މީގެއިތުރުން ވ. ފުލިދޫގެ ކުނިކޮށި މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެތޯ އާއި ވ. ފުލިދޫގައި ކުނިކޮށި ގާއިމް ކުރުމަށްޓަކައި މިހާރު އެ މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވުމަށްވެސް މިނިސްޓަރަށް ފަޒުލް ކުރައްވާ ސުވާލުގައި އެދިވަޑައިގެންފައި ވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލިސް ކުރިޔަށްދާއިރު މީގެކުރިންވެސް ދައުލަތުގެ ބަޔެއް ވަޒީރުން ވަނީ މަޖިލީހަށް ވަޑައިގެން މެމްބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވާފައެވެ. މިނިސްޓަރ ޙުސައިންވެސް މީގެކުރިން ވަނީ މަޖިލީހަށް ވަޑައިގެންފައެވެ.