ތުރުކީން އިރުއުތުރު ސީރިޔާގައި ކުރިއަށް ގެންދާ އަސްކަރީ އޮފަރޭޝަން ހުއްޓާނުލައިފިނަމަ، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ދީފިއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ (މާލީ ވަޒީރު) ސްޓީވެން މްނޫޗިން ވިދާޅުވީ، ވައިޓް ހައުސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯގެ މަޝްވަރާއާއެކު، ތުރުކީ ސަރުކާރާ ގުޅުން ހުރި ކޮންމެ ފަރާތަކާ، ނުވަތަ ތުރުކީ ސަރުކާރުގެ "ކޮންމެ ބަޔަކާ" ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އެ ވުޒާރާއަށް ލިބިދޭ ގަރާރެއްގައި ރައީސު ޑޮނާލްޑް ޓްރަމްޕް ވަރަށް އަވަހަށް ސޮއިކުރާނެ ކަމުގައެވެ.
"މިހާރު ކުރިއަށްދާ އަސްކަރީ ހަމަލާއާއި، އެ ހަމަލާގެ ސަބަބުން މަދަނީންނާއި، މަދަނީ ބިނާތަކާއި، ބައިމަދު ނަސްލުތަކާއި ދީންތަކުގެ މީހުންނަށް އަމާޒުވެދާނެ ހަމަލާތަކާމެދު ރައީސު ކަންބޮޑުވެވަޑައިގަންނަވާ." މްނޫޗިން ވިދާޅުވިއެވެ.
މްނޫޗިން އިތުރަށް ހާމަކުރެއްވި ގޮތުގައި "އަދި ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތެވެ." އެހެންނަމަވެސް ރައީސު އެ ވުޒާރާއަށް ދެއްވާފައިވަނީ "އަހަރުމެންނަށް މިހާތަނަށް އެންމެ ފުޅާދާއިރާއެއްގައި ދެވުނު ރިޔާސީ ހުއްދަ." އެވެ. އަދި "އަހަރުމެން ބޭނުންވެއްޖިއްޔާ ތުރުކީގެ އިގްތިސާދު އެކުގައި ހުއްޓުމަކަށް ގެނެވިދާނެ"އެވެ.
އަނެއްކޮޅުން، ޔޫރަޕްގެ ގައުމުތަކުން ތުރުކީގެ އޮޕަރޭޝަނަށް އެއްބާރުލުން ނުދީފިނަމަ، "3.6 މިލިއަން ރެފިއުޖީން ޔޫރަޕަށް ވަނުމުގެ ދޮރޯށި ހުޅުވާލާނެ ކަމަށް ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވުމުން، އީޔޫއިން އެވާހަކަފުޅާމެދު ނުރުހުންވެ، ހަރުކަށި ރައްދެއް ދީފިއެވެ.
"އަހަރުމެން ބްލެކްމޭލްކުރާ ހަތިޔާރެއްގެ ގޮތުގައި ރެފިއުޖީން ބޭނުންކުރުމަކީ އަހަރުމެން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން." ޔޫރަޕިއަން ކޮމިޝަންގެ ރައީސު ޑޮނާލްޑް ޓަސްކް ވިދާޅުވިއެވެ. އިޓަލީގެ ބޮޑުވަޒީރު ކޮންޓޭވެސް ވަނީ އެރްދޮޣާން ޔޫރަޕް ބްލެކްމޭލް ކުރައްވާކަމުގެ ތުހުމަތުކުރައްވާފައެވެ.
ފްރާންސުން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫއަށް ހުށަހަޅާފައެވެ. އަދި ސްވިޑަންއިން ވަނީ ތުރުކީއަށް ހަތިޔާރުވިއްކުން މަނާކުރަން ހުށަހަޅާފައެވެ.
ތުރުކީން ބުނަނީ އެގައުމުގެ އަސްކަރިއްޔާއިން ސީރިޔާގައި ހަރަކާތްތެރިވަނީ ކުރުދީ 'ޓެރަރިސްޓުންނާ' ދެކޮޅަށް ކަމުގައެވެ. އަދި ތުރުކީގެ ސަރަހައްދީ ރޮނގުން ޓެރަރިސްޓުން ދުރުކޮށް ސާފުކުރުމުން ޔޫރަޕަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމުގައެވެ.