ޑޮކްޓަރ އަފްރާޝީމް ގެ ހަނދާާނުގައި ރ. އުނގޫފާރުގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފެށޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވިދާޅު ވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ވުމާ ގުޅިގެން ޓީވީ މޯލްޑިވްސް އިން ބުރާސްފަތި ދުވަހު ފޮނުވި "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑޮކްޓަރ ޒިޔާދު ވިދާޅުވި ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި އިސްލާމީ މަރުކަޒުތަކެއް ބިނާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒުގެ ދަށުން މިހާރު ގދ. ތިނަދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށީގެން ކުރިއަށް ދާ ކަމަށާއި ޢިމާރާތުގެ ފުރަތަމަ ޝީޓު އަޅައިފި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގައި ހުރި 665 މިސްކިތުގެ ހާލަތު އޮތީ ވަރަށް ދެރަކޮށެވެ. މަރާމާތު ނުކުރުމުގެ ސަބަބުން ބައެއް މިސްކިތްތައް ހުރީ ނަމާާދު ނުކުރެވޭ ހާލަތަކަށް ގޮސްފައެވެ. ޔާމީންގެ ސަރުކާރުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް މިސްކިތްތަކުގެ މަރާމާތަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް އައު މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުންް ގެންދާ ކަމަށާއި، ސަޢޫދީ ރަސްގެފާނު ރާއްޖޭގައި 17 މިސްކިތެއް އަޅުއްވަން ނިންމެވި ކަމަށާއި، ބައެއް މިސްކިތްތައް ނިމި، ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބަޖެޓުން ކުރާ މަސައްކަތްތަަކުގެ ތެރޭގައި އަންނަ އަހަރު ކުރަން ހަމަޖައްސާފައިވާ މަސައްކަަތުގެ ތެރޭގައި މަސްޖިދުއްޒިކުރާ ޒަމާނީ ފެނަވަރަކަށް ހެދުމާއި، މާވެޔޮ މިސްކިތް ހެދުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކުން ރާއްޖޭގައި އަޅާ މިސްކިތްތަކާ ބެހޭ ގޮތުން ވާހަކަަފުޅު ދައްކަވަމުން ޑޮކްޓަރ ޒިޔާދު ވިދާޅުވީ މިހާރުވެސް ފަސް ފަރާތަަކުން ހިލޭ ސާާބަހަށް މިސްކިތް އަޅައި ދޭން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަަމަށާއި، އިތުރު ހަ ފަރާތަކުން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.
މާލޭގެ އިހުގެ ސޯމިލު ސަރަހައްދުގައި ސަޢޫދީ ރަސްގެފާނު އަޅުއްވައި ދެއްވާ ބޮޑު މިސްކިތުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ޑޮކްޓްރ އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.