ބާޒާރުގައި ކުއްލިއަކަށް ފިޔާގެ އަގު އިންތިހާއަށް މައްޗަށް ޖެހިއްޖެއެވެ.
ދިވެހިންގެ ކެއުން ބުއިމުގެ ބާވަތްތަކަށް އެޅުމަށް އެންމެ ގިނައިން ބޭނުންކުރާ ބާވަތެއް ކަމަށްވާ ފިޔާގެ އަގު ކުއްލި އަކަށް ވަނީ 1000 ރުފިޔާއަށް އަރާފައެވެ. ބާޒާރުގައި އިއްޔެ އާއި މިއަދު އާންމުކޮށް ފިޔާ ބަސްތާއެއްގެ އަގު އުޅެނީ ހާހަކަށް ނުވަތަ ހާހަކަށްވުރެ މަތިންނެވެ.
ބާޒާރުގައި ފިޔާގެ އަގު ކުއްލި އަކަށް މައްޗަށް އަރައިގެން ދިޔުމާއެކު އެއްގަމު ފިހާރަތަކުން ވަކިން ފިޔާ ކިލޯއެއް ވިއްކާ އަގުވެސް މިހާރު ވަނީ އެތައް ގުނައެއް މައްޗަށް ޖެހިލާފައެވެ. އެގޮތުން މިއަދު ބަޔެއް ފިހާރަތަކުން ފިޔާ ކިލޯއެއް އާންމުކޮށް ލިބެން ހުރީ 35 ރުފިޔާއިން ފެށިގެން 45 ރުފިޔާއާ ދެމެދުގެ އަގު ތަކެއްގައެވެ.
ފިޔާގެ އަގު ކުއްލިއަކަށް ބާޒާރުގައި އިންތިހާއަށް އުފުލުމާއި ގުޅިގެން ކުރިން އަގު ހެޔޮކޮށް ގަނެފައިވާ ފިޔާވެސް، މިހާރު ބާޒާރުގައި ހުރި އެންމެ ބޮޑު އަގުގައި ވިޔަފާރިވެރިން ވިއްކަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުދި ފިހާރަތަކުންވެސް ކުރިން އަގު ހެޔޮކޮށް ލިބިފައިވާ ފިޔާ ވިއްކުމުގައި ބޮޑު އަގުގައި ލިބުނު ފިޔާ ކިލޯއެއްގެ އަގަށް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ބަޔެއް ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު ކުއްލިއަކަށް މިހާ ބޮޑު ވެގެން ދިޔައީ ރާއްޖެއަށް އެންމެގިނައިން ފިޔާ އެތެރެކުރާ ގައުމު ކަމަށްވާ އިންޑިޔާގެ ބަނދަރު ތަކުން ފިޔާ ބަރު ކުރުމުގައި ދަތި ތަކެއް ހުރުމުން ކަމަށެވެ. ވިޔަފާރިވެރިން ބުނީ އިންޑިޔާއިން ފިޔާ ބޭރު ކުރުމުގައި މިވަގުތު ދަތި ވެގެން އުޅެނީ އިންޑިޔާގެ މޫސުން ގޯސް ވުމުން ބޯޓު ތަކަށް ޓުޓިކޮރިން ބަދަނދަރުން ފިޔާ ބަރު ކުރުމުގައި އުދަނގޫ ތަކެއް ދިމާވެގެން ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް އިންޑިޔާއިން ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި އިންޑިޔާގެ މޫސުން ރަނގަޅުވުމާއެކު ބަނދަރު ތަކުން ފިޔާ ބަރު ކުރުމުގައި މިވަގުތު ހުރި އުނދަގޫތައް ހައްލުވެ ބާޒާރުގައި ފިޔާގެ އަގު ވެއްޓޭނެ ކަމަށްވެސް ބަޔެއް ވިޔަފާރިވެރިން ބުނެއެވެ.
ރާއްޖޭގެ ޚާރިޖިއްޔާގެ އިސް ބޭފުޅަކު ކަށަވަރުކޮށް ދެއްވި ގޮތުގައި އިންޑިޔާއިން ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނޫޅެއެވެ. ބޭނުން ވަރަކަށް އިންޑިޔާއިން ރާއްޖެއަށް ފިޔާ ގެނެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީންވެސް ދެއެވެ.