މިސަރުކާރު ޙަވާލުވި ފަހުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ފައިސާ ދެގުނަވެއްޖެ

މިސަރުކާރު ޙަވާލުވި ފަހުން ސޮވެރިން ޑިވެލޮޕްމަންޓް ފަނޑު (އެސްޑީއެފް) ގައި ހުރި ފައިސާ ޢަދަދު 181 މިލިއަން ޑޮލަރަށް އިތުރުފެއިވާކަމަށް ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވެ އްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭން މިނިސްޓަރ ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު އެސްޑީއެފް ގައި ހުރީ 96.3 މިލިއަންޑޮލަރެވެ. އެހެންކަމުން މިސަރުކާރު ޙަވާލުވި ފަހުން އެފަންޑުގައި ހުރި ފާއިސާ ވަނީ ދެގުނަވެފައެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާބެހޭ ޤާނޫނެއްގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް އެމްއެމްއޭ އެކު ކުރައްވަމުން ގެންދަވާކަމަށްވެސް މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ހިލޭ އެހީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ މިއަހަރު ތެރޭ ލިބިފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ހިލޭ އެހީ ދެއްވަނީ ހަމައެކަނި އިންޑިއާއިން ނޫންކަމަށާއި އިރުމައްޗާ ހުޅަނގުގެ ޤައުމުތަކުން ވެސް ރާއްޖެއަށް ހިލޭ އެހީ ލިބިފައިވާ ކަމަށެވެ. ރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު އިތުރުވެފައި ވަނީ މިސަރުކާރުން ބޭރުގެ ޤައުމުތަކާއެކު ގުޅުންބަދަހި ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުންކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހަމައެކަނި އިންޑިއާއިންވެސް ލައިން އޮފް ކްރެޑީޓްގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 200 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށްވެސް ފިނޭންސ މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އިންޑިއާ އިން 400 މިލިއަން ރުފިޔާ ކަރަންސީ ސުވެޕެއް ހަމަޖެހިފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.