އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް ހުށަހެޅި ބޭފުޅުންގެ އިންޓަރވިއު ފަށްޓަވައިފި

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބޭފުޅުންގެ އިނަޓަރވިއު މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީން ފަށްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނަން ހުށަހަޅައިފައިވާ ބޭފުޅުންގެ ތެރެއިން މިއަދު ދިހައެއް ޖެހިއިރު ވަނީ ޙުޞައިން ފިޔާޒު މޫސާގެ އިންޓަވިއު ކުރިއަށް ގެންގޮސްފައެވެ. ފަޔާޒު ޙަސަންގެ އިންޓަރވިއު ތާވަލް ކުރައްވައިފައި ވަނީ މެންދުރު 12:00 ގައެވެ. އަޙުމަދު އާހިދު ރަޝީދުގެ އިންޓަރވިއު ތާވަލްކޮށްފައިވަނީ މެންދުރުފަހު 2:00 ގައެވެ. ފާޠިމަތު ސައުސަން އިންޓަރވިއު ތާވަލްކޮށްފައިވަނީ މެންދުރުފަހު 3:30 ގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް ހުށަހެޅި ބޭފުޅުންގެ އިންޓަރވިއު ކުރިއަށް މިގެންދަވަނީ އެތައް ޖަލްސާއަކަށް އެކަން ތާވަލުކޮށް ކެންސަލް ކުރުމަށްފަހުގައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމު ހުސްވެފައިވާތާ މިހާރުވަނީ ދެމަސްދުވަސް ވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން ފުރަތަމަ ޢައްޔަންކުރެވުނު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ އެއް ދައުރުގެ މުއްދަތު 22 ޖުލައި 2019 ގައި ވަނީ ހަމަވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ޙުސައިން ފިޔާޒު މޫސާއަކީ ކުރިން ރާއްޖެ ޓީވީގެ ސީއީއޯއަކަށް އުޅުއްވި ބޭފުޅެކެވެ. ޙަޔާތުގެ ބޮޑުބައި ހޭދަކުރައްވައިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައެވެ.
އަޙުމަދު ފަޔާޒު ޙަސަނަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވުމުގެ އިތުރަށް ސްކޫލްމެނޭޖްމެންޓް ދާއިރާގައި އިސްވެރިއެއްގެ ގޮތުން ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލްކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް އޭނާވަނީ އަދާކުރައްވައިފައެވެ.
އަޙުމަދު އާހިދު ރަޝީދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތުގައި ޓްރާންސްޕެރެންސީ މޯލްޑިވްސްގައި ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ.
ފާޠިމަތު ސައުސަންއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ލީގަލް ކޮމިޓީގެ މުޤައްރިރެއްގެ މަޤާމާއި ލީގަލް ޔުނިޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒްގެ ލީގަލް އޮފިސަރގެ މަޤާޟުގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ކުރީން ސައުސަން ވަނީ އިނގިރޭސި ޓީޗަރެއްގެ ގޮތުން ކިޔަވައިދިނުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.