ޓިއުނީޝިޔާގެ އާއްމު އިންތީޚާބުގައި އައްނަހްޟާ ޕާޓީ ކުރިހޯދައިފި

ޓީއުނީޝިޔާގައި އިންތިޚާބަށް ފަހު ވޯޓު ގުނަނީ

ޓިއުނީޝިޔާ (ތޫނިސް) ގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ނުރަސްމީ ނަތީޖާ ދައްކާ ގޮތުން އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުނެވެ.

ކޯލިޝަން ސަރުކާރަކާ ދިމާއަށް ޓިއުނީޝިޔާ ދާއިރު، ސަރުކާރުގެ ޓީވީގެ އެގްޒިޓް ޕޯލްއިން ދައްކާ ގޮތުގައި އެންމެ ކުރީގައި އުޅެނީ އިސްލާމީ ޕާޓީ އައްނަހްޟާއެވެ. އެ ޕާޓީން ވަނީ ވޯޓުގެ %17.5 އާއެކު، 217 ގޮނޑީގެ މަޖިލީހުގެ 40 ގޮނޑި ކާމިޔާބުކޮށްފައެވެ. ދެވަނަ އެންމެ ގިނަ ވޯޓު ހޯދީ ޖަލުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ދެވަނަ ބުރަށް ދަތުރުކުރެއްވި ނަބީލް ޤަރަވީގެ ޕާޓީ ޤަލްބު ތޫނިސް ލިބުނީ 33 ގޮނޑިއެވެ. އެ ޕާޓީ ވަނީ ވޯޓުގެ %15.6 ހޯދާފައެވެ. ބޮޑުވަޒީރު ޔޫސުފު އައްޝާހިދުގެ ޕާޓީ ތަޙްޔާ ތޫނިސް އައީ ހަތަރުވަނައަށެވެ. ވޯޓުގެ %4.7 އާއެކެ އެ ޕާޓީއަށް ލިބުނީ 16 ގޮނޑިއެވެ.

އެގްޒިޓް ޕޯލްތަކުން ޤަލްބު ތޫނިސް ދެވަނައިގައި އޮތްކަމަށް ދެއްކިއަސް، އާއްމު އިންތިޚާބު ކާމިޔާބުކުރީ އެޕާޓީ ކަމަށް ބުނެ، އެ ޕާޓީން ދަނީ އުފާފާޅުކުރަމުންނެވެ. އައްނަހްޟާއިންވެސް ދަނީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ކަމަށް ބުނެ، އުފާފާޅުކުރަމުންނެވެ.

ގިނަ ޕާޓީތަކަކުން ގިނަ ކެންޑިޑޭޓުން ވާދަކުރި އާއްމު އިންތިޚާބަށް ޓިއުނީޝިޔާ ރައްޔިތުން ދިނީ ފިނި ތަރުހީބެކެވެ. ވޯޓުލާން ފެށިތާ 6 ގަޑިއިރުން ފަހުން، މެންދުރު ފަހު 2 ޖެހިއިރު (ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖެހިއިރު) ވޯޓުލާން ނުކުމެފައި ވަނީ އެންމެ %23.49 މީހުންނެވެ.

ވޯޓުގެ ނަތީޖާއަށް ބަލާއިރު، އެއްވަނައިގައި އިސްލާމީ ޕާޓީ އައްނަހްޟާ 40 ގޮނޑިއާއެކު އެއް ވަނައިގައި އޮތަސް، ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ހޯދާފައި ވަނީ ސެކިއުލާ ލިބަރަލް ޕާޓީތަކުންނެވެ. އެ ޕާޓީތަކުން ހޯދި ގޮނޑީގެ އަދަދު 67 އަށް އަރައެވެ. މިހާރު ޓިއުނީޝިޔާގެ އާއްމުންގެ މެދުގައި އުފެދިފައި އޮތް އެންބެ ބޮޑު ސުވާލަކީ ލިބަރަލް ޕާޓީތަކުން އައްނަހްޟާ ބާކީކޮށްފައި ކޯލިޝަނެއް ހަދާފާނެ ހެއްޔެވެ؟ ނުވަތަ އިސްލާމީ ޕާޓީން ހަދާ ކޯލިޝަނެއްގައި ލިބަރަލް ޕާޓީތަކުން މަސައްކަތްކޮށްފާނެ ހެއްޔެވެ؟

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.