ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ ބޭރުކުރެވޭނެ މަޝްރޫއެއް އީރާނުން ފަށައިފި

އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ތެޔޮ އުފުލާ އެންމެ ގިނަ އުޅަނދުތައް ހުރަސްކުރާ ކަނޑުއޮޅި ބޭނުންނުކޮށް އީރާނުގެ ތެޔޮ ބޭރުކުރެވޭނޭ މަޝްރޫއެއް އީރާނުން ފަށައިފިއެވެ.

އީރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮންނަ އެންމެ 39 ކިލޯމީޓަރު ފުޅާ ކަނޑު އޮޅިއަކީ ޕާޝިއަން ގަލްފަށް (އެރޭބިއަން ގަލްފް) ވަދެނުކުމެވޭ ހަމައެކަނި ކަނޑުއޮޅިއެވެ. ހަމަނުޖެހުމެއް އުފެދި އެކަނޑުއޮޅި ބަންދުވެއްޖެ ނަމަ އީރާނުގެ ތެޔޮ ބޭރުކުރުމަށް ބުރޫއަރާނެއެވެ.

ހުރްމުޒް ކަނޑުއޮޅިއަށްވުރެ ބޭރަށް އަރަބި ކަނޑާ ހަމައަށް ތެޔޮ ފޮނުވޭ ގޮތް ހަދަން އީރާނުން ފެށި މަޝްރޫއަށް 1.8 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ.

ތެލާ ބެހޭ ވަޒީރު ބިޖާން ޒަންގަނާ ވިދާޅުވި ގޮތުގައި އީރާނުން ދަނީ ބޫޝެހެރް ޕްރޮވިންސްގެ ގޯރޭ ތެޔޮ ޓާމިނަލުން ހުރްމުޒް ކަނޑުއޮޅީގެ އިރުން ގަލްފް އޮފް އޮމާންގައި ހުންނަ ޖަސްކް ތެޔޮ ޓާމިނަލަށް އެއްގަމު މަގުން ތެޔޮ ފޮނުވުމަށް 1000 ކިލޯމީޓަރު ދިގު ތެޔޮ ހޮޅިއެއް އެޅުމުގެ މަސައްކަތްކުރަމުންނެވެ.

އޭނާއާ ހަވާލާދީ އީރާނުގެ ނިއުސް އެޖެންސީން ބުނިގޮތުގައި މަޝްރޫއަށް ޚަރަދުވާ 1.8 ބިލިއަން ޑޮލަރުގެ ތެރެއިން 800 މިލިއަން ޑޮލަރު ޚަރަދުކުރާނީ ޖަސްކުގެ ބަނދަރު ތަރައްގީކުރުމަށެވެ. އަދި ދުވާލަކު 3 ލައްކަ ފީފާއާއި، 1 ލައްކަ 50 ހާސް ފީފާ ތެޔޮ ސާފުކުރެވޭ ވަރުގެ ދެ ކާރުޚާނާ މި މަޝްރޫއުގެ ދަށުން އެ ސަރައްދުގައި ގާއިމުކުރާނެއެވެ.

އީރާނުން އެންމެ ގިނަ ތެޔޮ ބޭރުކުރާ ޚަރްޖް ޖަޒީރާގެ ތެޔޮ ޓާމިނަލުން ތެޔޮ ބޭރުކުރުން ހުއްޓާލައި، ޖަސްކް ޓާމިނަލަށް ތެޔޮ ބޭރުކުރުން ބަދަލުކުރާނެކަން ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި  ރައީސު ރޫހާނީ ވަނީ ހާމަކުރައްވާފައެވެ. ޚަރްގް ޖަޒީރާއަކީ ގަލްފްގެ މެދުތެރޭގައި އޮންނަ ރަށެކެވެ. ޖަސްކް ޓާމިނަލުން ތެޔޮ ބޭރުކުރަން ފެށޭނެކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުއެވެ.

އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އެ ގައުމުން ދުވާލަކު 4.7 މިލިއަން ފީފާ ތެޔޮ އުފައްދައެވެ. ގަލްފުގައި އީރާނަށް ވުރެ ގިނައިން ތެޔޮ އުފައްދާ ގައުމަކަށް އޮތީ ސައޫދީ އަރަބިއްޔާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.