ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގެ ރިލީފް އެކައުންޓަށް 1.45 މިލިއަން ރުފީޔާ ލިބިއްޖެ

ފޮޓޯ: ރައީސް އޮފީސް

ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގެ ރިލީފް އެކައުންޓަށް 1.45 މިލިއަން ރުފީޔާ ލިބިފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ. އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އިއްޔެ ހަވީރު 4 ޖެހުމާ ހަމަޔަށް މިފަންޑަށް ޖަމާވި ފައިސާގެ ޢަދަދެވެ.

ސެޕްޓެމްބަރ 20 ގެ ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ އެއްމިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން ދިން އެއް މިލިއަން ރުފިޔާގެ އެހީއާ ހަވާލުވެ ވަޑައިގަތީ އެކަމަށްޓަކައި އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށް، ޕެންޝަން އޮފީހުގެ މުވައްޒަފުނާއި ބޯރޑްގެ ފަރާތުން ވެސް ވަނީ 48,787.04 ރުފިޔާ ހަދިޔާކޮށްފައެވެ. މިއެހީއާ ޙަވާލުވެވަޑައިގެންނެވީ އެންޑީއެމްއޭގެ ސީއީއޯ އެވެ.

މިހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން އެންޑީއެމްއޭ ވަގުތީ ހިޔާތަކުގައި 29 އާޢިލާގެ 164 މީހުން ބަލަމުން ދާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ސެޕްޓެމްބަރ 20 ގެ ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށް ހިންގި ރިލީފް ސެންޓަރުން ޖުމުލަ 429 މީހުންނަށް ވަނީ އެހީތެރިކަން ފޯރިކޮށްދީފައެވެ. އެއީ 328 ދިވެހިންނާއި 101 ބިދޭސީންނަށް ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. ރިލީފް އެހީގެ ގޮތުގައި އާއްމުފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެތީގެ ތެރެގޭގައި އަންނައުނާއި ފެނާއި ކިރުޕެކެޓާއި ޖޫހާއި ލުއިކާނާއާއި ރީތިވާ ސާމާނުފަދަ ތަކެތި ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.