އިރާގުގެ އެކި ރަށްތަކުގައި ބޮޑުވަޒީރު ޢާދިލު ޢަބްދުލްމަހްދީގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، އިއްޔެގެ މުޒާހަރާތަކުގައި 9 މީހަކު މަރުވެ ގިނަ 400 ވަރަކަށް މީހުން ޒަޚަމްވެއްޖެއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި 11 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.
ދެކުނުގެ ރަށެއް ކަމުގައިވާ ނާސިރިއްޔާގައި އިއްޔެ މުޒާހަރާކުރި މީހުންގެ ތެރެއިން 5 މީހުން މަރުވެފައިވާއިރު، ފުލުސް އޮފިސަރަކަވެސް ވަނީ މަރުވެފައެވެ. ބަޣުދާދުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން އިއްޔެ އެކަކު މަރުވެފައިވާއިރު، އަންގާރަ ދުވަހު ވެސްބަޣުދާދުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 2 މީހަކު ވަނީ މަރުވެފައެވެ. އަދި ނާސިރިއްޔާގައި ވެސް އަންގާރަ ދުވަހު އެކަކު މަރުވެފައި ވެއެވެ.
ޝީޢާ މީހުން ގިނަ ދެކުނުގެ ރަށްތަކުގައި އަންގާރަދުވަހު ގިނަ ބަޔަކު ނުކުތީ ވަޒީފާ ނެތުމާ، ކޮރަޕްޝަނާ، އާއްމު ޚިދްމަތްތަކުގެ ދޯދިޔާކަމާ ދެކޮޅަށް މުޒާހަރާ ކުރުމަށެވެ. ދެކުނުން ފެށުނު މުޒާހަރާތައް ބަޣުދާދަށް ފެތުރި ބަޣުދާދުގެ މަގުމަތީގައިވެސް ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ.
ބަޣުދާދުގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ނޫސްވެރިން ޚަބަރުދޭ ގޮތުގައި އެތައް ސަތޭކަ ބަޔަކު ރޭ ނުކުމެ ބަޣުދާދު އެއާޕޯޓަށް ދާ މަގު ވަނީ ބަންދުކޮށްފައެވެ. އަދި އެއާޕޯޓު ސަރަހައްދަށް ވަދެގަންނަން އުޅުނު ބަޔަކު ހުއްޓުވުމަށް ސިފައިން ވަނީ އާއްމުންގެ ތެރެއަށް ބަޑިޖަހާފައެވެ. ބަޣުދާދުގެ މަޝްހޫރު ތަހްރީރު މައިދާނާ ދުރުނޫން ހިސާބެއްގައި އޮންނަ އައްސަންކު މައިދާނުގައި ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. ސަރުކުރާގެ ބައެއް އިމާރާތްތަކުގައި ރޯކޮށްލާފައިވާ ކަމުގެ ޚަބަރުތައްވެސް ދަނީ ލިބެމުންނެވެ.
އިރާގެ ޑިފެންސް މިނިސްޓްރީން ރޭ އިއުލާންކުރި ގޮތުގައ ދެކުނުގެ ރަށްތައް ކަމުގައިވާ ނާސިރިއްޔާ، އަމާރާ އަދި ހިއްލާގެ އިތުރަށް ބަޣުދާދުގެ ގްރީން ޒޯންގައި ވަނީ މިއަދު ފަތިހު 5:00 (ރާއްޖޭ ގަޑިން ހެނދުނު 7:00) އިން ފެށިގެން ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު ހިންގާފައެވެ.
ބޭރަށް ނުކުމު އުޅުން މަނާކުރި ރަށްތައް ފިޔަވައި، ބައުގޫބާ، ބާބިލް، ކިރްކޫކް، ކަރްބަލާ، އައްދީވާނިއްޔާ، އަލްމުޘައްނާ އަދި ބަސަރާގައި ވެސް މިހާރު ދަނީ މުޒާހަރާކުރަމުންނެވެ.
މީގެ އެއް އަހަރު ކުރިން ވެރިކަމަށް އައި ސަރުކާރަށް، ކަންކަން ހަމަމަގަށް ނޭޅުވިގެން އުޅުނިކޮށް ފެށުނު ވަރުގަދަ މުޒާހަރާތައް މައިތިރިކުރުމަށް ސަރުކާރުން ބާރުގެ ބޭނުން ކުރިއަސް އަދި މުޒާހަރާތައް މައިތިރިވާ ކަމުގެ ނިޝާނެއް ނުފެނެއެވެ.