އިންޑޮނޭޝިޔާގައި މިއަހަރު އެޕްރީލް މަހު ބޭއްވުނު އިންތިޚާބުގައި ގާނުނުހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ހޮވިވަޑައިގަތް މެންބަރުން އިއްޔެ ހުވައިކުރައްވައިފިއެވެ.
ސަރުކާރުން އާ މަޖިލީހަށް ހުށަހަޅާއިވާ ގާނޫނީ އިސްލާހުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާ ހައުސް އޮފް ރެޕްރެޒެންޓެވިސްގެ ސްޕީކާ ނުވަތަ މަޖިލީހުގެ ރައީސު ކަމަށް އަންހެން ބޭފުޅަކު ވަނީ ހޮވާފައެވެ. އެގައުމުގެ ތާރީޚުގައި މަޖިލީހުގެ ފުރަތަމަ އަންހެން ރައީސުގެ މަގާމަށް ހޮވިވަޑައިގަތީ އިންޑޮނޭޝިޔާގެ ފުރަތަމަ ރައީސު ސުކާނޯގެ ކާފަދަރިކަނބަލުން ޕުއާން މަހާރާނީ ނަކްޝަތުރާ ކުޝާލާ އެވެ.
ސުކާނޯގެ ދަރިކަނބަލުން އަދި ކުރީގެ ރައީސު އަދި މެގާވަތީ ސުކާނޯޕުތުރީގެ ދަރިކަނބަލުން ޕުއާން މަހާރާނީ އެމަގާމަށް ހޮވިވަޑައިގަތީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުންނެވެ. އިއްޔެ ޖަލްސާއަށް ނުވަ ޕާޓީއެއްގެ 575 މެންބަރުން ހާޒިރުވެވަޑައިގަތެވެ.
މަހާރާނީއަކީ އޭނާގެ މަންމާފުޅު ސުކާނޯޕުތުރީ ލީޑަރުކަން ކުރައްވާ އިންޑޮނޭޝިޔަން ޑިމޮކްރެޓިކް ޕާޓީ އޮފް ސްޓްރަގްލް (ޕީޑީއައި-ޕީ) ގެ މެންބަރެކެވެ. އެ ޕާޓީއަކީ މިފަހަރުގެ މަޖިލީހުގައި އެންމެ ބޮޑު ޕާޓީއެވެ.
އެޕްރީލް މަހު އޮތް އިންތިޚާބުގައި ޕީޑީއައެ-ޕީ ވަނީ ވޯޓުގެ %19.3 ހޯދައިގެން 128 ގޮނޑި ކާމިޔާބުކޮށް އެންމެ ބޮޑު ޕާޓީގެ މަގާމު ހޯދާފައެވެ. އެހެންކަމުން، ގާނޫނު ބުނާގޮތުން މަޖިލީހުގެ ރައީސުކަން ދޭން ޖެހެނީ އެޕާޓީގެ މެންބަރަކަށެވެ. މަހާރާނީއަކީ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ގޮނޑި ކާމިޔާބުކުރެއްވި މެންބަރުވެސް މެއެވެ. އޭނާ ސެންޓްރަލް ޖާވާ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 4 ލައްކައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
އުމުރުފުޅުން 46 އަހަރުގެ ޕުއާން މަހާރާނީ ވަނީ ރައީސު ޖޯކޯ ވިދޯދޯގެ ފުރަތަމަ ރިޔާސީ ދައުރުގައި، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓަރ އޮފް ހިއުމަން ޑިވެލޮޕްމަންޓް އެންޑް ކަލްޗަރަލް އެފެއާޒްގެ މަގާމު ފުރުއްވާފައެވެ.
އިއްޔެ އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތްނަމަވެސް، މުޒާހަރާތައް ކުރިއަށް ދިޔައީ އާއްމު ގޮތެއްގައި ސުލްހަވެރިކޮށެވެ. ގާނޫނުހަދާ މަޖިލިސްކުރާގޭގެ ވަށައިގެންވާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ 24 ހާސް މީހުން އިއްޔެ ހަރަކާތްތެރިވިއެވެ.
އެޕްރިލް މަހު ބޭއްވި އިންތިޚާބުގައި ރައީސު ޖޯކޯ ވިދޯދޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައި ވާއިރު، ގާނޫނުހަދާ މަޖިލީހުގެ %65 ވެސް ކޮންޓްރޯލުކުރަނީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުންނެވެ.