ސޯމާލިޔާގައި ބޭރުގެ އަސްކަރީ ބާރުތަކަށް އަމާޒުކޮށް ދެ ހަމަލާއެއް ދީފި

ބަލީދޮގްލީ އަސްކަރީ މަރުކަޒު ކައީރިގައި ހަމަލާ ދިން ސަރަހައްދު

ސޯމާލިޔާގެ ބަލީދޮގްލީ ވައިގެ މަރުކަޒުގައި ތިބޭ އެމެރިކާގެ އަސްކަރީ ބާރުތަކަށާއި، ވެރިރަށް މޮގަދިޝޫގައި ދަތުރުކުރަމުން ދިޔަ އިޓަލީ ސިފައިންގެ އަސްކަރީ ގާފިލާއަކަށް މިއަދު ހަމަލާ ދީފިއެވެ.

އެމެރިކާ ސިފައިން ތިބޭ ވައިގެ މަރުކަޒަށް ބޮމުން ހަމަލާ ދިނުމަށް ފަހު ބަޑީގެ ހަމަލާތައްވެސް ވަނީ ބަދަލުކޮށްފައެވެ. ސޯމާލިޔާގެ ސެކިއުރިޓީ އޮފިޝަލަކު ކަމުގައިވާ ޔޫސުފު ޢަބްދުއްރަޙްމާނާ ޙަވާލާދީ ރަޝިޔާގެ ނޫސް އެޖެންސީއަކުން ބުނެފައިވާ ގޮތުގައި، އަސްކަރީ މަރުކަޒުގެ މައި ދޮރުމަތީގައި ދިން ހަމަލާ ދީފައިވަނީ ކާރެއްގައި ދިޔަ މީހަކު އަމިއްލައަށް މަރުވެގެން ކާރު ގޮއްވާލައިގެންނެވެ. މި އަސްކަރީ މަރުކަޒަކީ އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ސޯމާލިޔާ ސަރުކާރުގެ ސަފައިންނަށް ތަމްރީނުދޭ މަރުކަޒެކެވެ.

ބަލީދޮގްލީ އަސްކަރީ މަރުކަޒަކީ މޮގަދިޝޫގެ ހުޅަނގުން 100 ކިލޯމީޓަރު ދުރުގައި އޮންނަ ޝަބީލް ޑިސްޓްރިކްޓްގައި އޮންނަ މަރުކަޒެކެވެ.

އިޓަލީގެ ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި އިޓަލީ ސިފައިންގެ ގާފިލާއަށް ހަމަލާ ދީފައި ވަނީ ގޮވާތަކެތި ބޭނުންކޮށްގެންނެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އަސްކަރީ ގާފިލާ ކައިރީގައި ގޮއްވާލާފައި ވަނީ ކާރު ބޮމެކެވެ.

ބަލީދޮގްލީ އަސްކަރީ މަރުކަޒު

އިޓަލީގެ ދިދަ ހިއްޕާފައި ހުރި، ވަރަށް ބޮޑަށް ހަލާކުވެފައިވާ ބައެއް އުޅަނދުތައް މޮގަދިޝޫގެ މަގުމަތިން ބޭރުގެ ބައެއް ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް މީހަކު މަރުވެ ނުވަތަ ރަޚަމުވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ.

ސޯމާލިޔާގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތުން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ.

މޮގަދިޝޫގައި ތިބި ބޭރުގެ ބައެއް ނޫސްވެރިން ބުނާ ގޮތުގައި އިޓަލީގެ އަސްކަރީ ގާފިލާއަށް ހަމަލާދީފައި މިވަނީ އދ. ގެ ސަރަހައްދީ ބައްދަލުވުމެއް މޮގަދިޝޫގައި ކުރިއަށް ދާތީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ.

އައްޝަބާބު ޖަމާއަތަކީ ސޯމާލިޔާގެ ސަރުކާރު ވައްޓާލައި، އެމީހުން ގަބޫލުކުރާ ހަރުކަށި އުސޫލުގެ ދައުލަތެއް އެގައުމުގައި ގާއިމުކުރުމަށް ހަނގުރާމަކުރާ ޖަމާއަތެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.