ހިތުގެ ދުވަސް ފާހަގަ ކުރުމަށް އޭޑީކޭއިން މަޢުލުމާތު ދިނުމުގެ ޙަރަކާތެއް ބާއްވަނީ

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް އޭޑިކޭ ހޮސްޕިޓަލުން މިރޭ ބާއްވަން ހަމަޖައްސަވައިފިއެވެ. އޭޑިކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޢައްފާލު ވިދާޅުވީ ތަފާތު ދުވަސްތައް ފާހަގަކުރުމަށް އޭޑީކޭއިން އަބަދުވެސް މަޢުލޫމާތު ދިނުމަށް ތަފާތު ފޯރަމް ބާއްވަމުން ގެންދަވާ ކަމަށެވެ. ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތަކީވެސް އެގޮތުން ބާއްވަން ނިންމެވި ޙަރަކާތެއްކަމަށް ވިދާޅުވިއެވެ.

މިރޭ 8:30 ގައި ކުރިއަށްދާ މި ޙަރަކާތުގައި މަޢުލޫމާތު ދެއްވާނީ އޭޑީކޭ ދެ ޑޮކްޓަރުން ކަމުގައިވާ ޑރ ނަޝީދާ ސަޢީދާއި ޑރ ޢާއިޝަތު ތަސްނީމްއެވެ. މި ދެޑޮކްޓަރުން މަޢުލޫމާތު ދެއްވާނީ ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ޖެހުމުން ދިމާވާ މައްސަލަތަކާއި އޭގެ ނުރައްކަލާއި ސަމާލުވާންވީ ކަންތައްތަކާއި ރައްކާތެރިވާން ކުރަންވީ ކަންތައްތަކާ ބެހޭގޮތުންނެވެ.

މިޙަރަކާތް ކުރިއަށް ދާއިރު އާމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާނެއެވެ. ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތައް އިޔެގެ ނިޔަލަށް ރަޖިސްޓްރީ ކުރުމަށް އޮތީ ފުރުޞަތު ހުޅުވާލައްވައިފައެވެ. ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިޙަރަކާތް ހިނގަމުންދާ ގަޑީގައި އޭޑީކޭއިން ގުޅާ އެމީހުން، ޑޮކްޓަރުންނާ ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލައްވާނެއެވެ. މި ޙަރަކާތް އޭޑީކޭ ފޭސްބުކް ޕޭޖް އަދި ޓްވިޓަރ އިން ލައިވް ކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަދު ޝިޢާރަކީ "އަހަރެންގެ ހިތް، ތިބާގެ ހިތް" މިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.